ހަބަރު

އެމްސީ ހަމީދަށް ފުލުހުންގެ ވަޒީފާ ދޭން ސުޕްރީމް ކޯޓުން ހުކުމްކޮށްފި

ފުލުހުންގެ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ މުހައްމަދު ހަމީދު، އެމްސީ ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ. އެގޮތަށް ކަނޑައެޅީ އޭނާގެ ފަރާތުން ހުށަހެޅި މައްސަލާގައި އެ ކޯޓުން މިއަދު އިއްވި ހުކުމްގަ އެވެ.

އެމްސީ ހަމީދު ފުލުހުންގެ ވަޒީފާއިން ވަކިކުރީ 2012 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އިދާރީ ފިޔަވަޅެއްގެ ގޮތުން ވަޒީފާއިން ވަކިކުރިއިރު، އޭނާ ހައްޔަރުކޮށް ދޫނިދޫ ޖަލުގައި ވެސް ބެހެއްޓި އެވެ. އޭނާއަށް ތުހުމަތުކުރީ ސިއްރު މައުލޫމާތުތަކެއް ލީކުކުރުމެވެ.

ވަޒީފާއިން ވަކިކުރި މައްސަލަ ސިވިލް ކޯޓަށް ހަމީދުގެ ފަރާތުން ހުށަހެޅުމުން އެ ކޯޓުން ނިންމީ ހަމީދަށް އަލުން ވަޒީފާ ދިނުމަށެވެ. ނަމަވެސް އެ ހުކުމް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން ހަމީދު ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމްކުރި އެވެ. ހައިކޯޓުގެ އެ ހުކުމް ސުޕްރީމް ކޯޓަށް ހަމީދުގެ ފަރާތުން ހުށަހެޅި އެވެ. ނަމަވެސް އޭރު ސުޕްރީމް ކޯޓުން ނިންމީ މައްސަލަ ބަލައިނުގަތުމަށެވެ.

ރިޔާސީ އިންތިހާބަށްފަހު ސުޕްރީމް ކޯޓުން ގިނަ މައްސަލަތަކެއް ރިވިއު ކުރަމުންދާއިރު ހަމީދު ވެސް ވަނީ ސުޕްރީމް ކޯޓުގެ އެ ނިންމުން ރިވިއު ކުރަން ހުށަހަޅާފަ އެވެ. އެ މައްސަލާގައި ބޭއްވީ ދެ އަޑުއެހުމެކެވެ.

މައްސަލާގައި ދައުލަތުން ވަނީ ހަމީދު، ވަޒީފާއިން ވަކިކޮށްފައިވަނީ ގޯސްކޮށް ކަމަށް އެއްބަސްވެފަ އެވެ. އެގޮތަށް އެއްބަސްވީ ހަމީދު ވަކިކުރުމުގައި އިޖުރާއަތްތަކާ ހިލާފަށް އަމަލުކޮށްފައިވާ ބުނެ އެވެ. ގަވައިދުގައިވާ ގޮތުން އިދާރީ ފިޔަވަޅެއް އަޅައި މީހަކު ވަކިކުރުމުގެ ކުރިން އެކަން ކޮމިޝަނާ އޮފް ޕޮލިސްއަށް އަންގައި ހޯމް މިނިސްޓްރީއަށް އެކަން ލިޔުން އަންގަން ޖެހެ އެވެ. ނަމަވެސް އެ ލިޔުން ހަމީދުގެ މައްސަލާގައި ހޯމް މިނިސްޓަރަށް ފޮނުވާފައިވާކަން އެނގެން ނެތް ކަމަށް ފުލުހުންގެ ފަރާތުން ވަކާލާތު ކުރައްވާ، ބަންޑާރަ ނައިބު އޮފީހުގެ ވަކީލް ހައްވާ ސަނާ ވިދާޅުވެފައިވެ އެވެ.

މިއަދު ސުޕްރީމް ކޯޓުން އިއްވި ހުކުމްގައި ވެސް އެކަން ފާހަގަކޮށްފައިވެ އެވެ. ހުކުމްގައި ބުނީ، ފުލުހުންގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ފުލުހުންގެ ވަޒީފާ އަދާކުރުމުގެ ގަވައިދާއި އިދާރީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ގަވައިދުގައިވާ ގޮތުން ފުލުހަކަށް އިދާރީ ފިޔަވަޅު އަޅާނަމަ، އެކަމަށް ކޮމިޝަނާ އޮފް ޕޮލިސް އެދޭނަމަ ހޯމް މިނިސްޓަރަށް ލިޔުމުން އެކަން އަންގަން ޖެހޭނެކަން ސާފުކޮށް އެނގެން އޮންނަ ކަމަށެވެ.

ނަމަވެސް ހަމީދު ވަޒީފާއިން ވަކިކުރަން ނިންމައި، އެ ފިޔަވަޅު އޭނާގެ މައްޗަށް ތަންފީޒުކޮށްފައިވަނީ އެފަދަ ލިޔުމެއް ހޯމް މިނިސްޓަރަށް ފޮނުވުމަކާ ނުލާ ކަމަަށް ހުކުމްގައިވެ އެވެ. އެހެންކަމުން އެއީ ވަޒީފާއިން ވަކިކުރުމުގެ އިޖުރާއަތަކާ ހިލާފު ކަމެއް ކަމަށް ހުކުމްގައިވެ އެވެ.

ހުކުމްގައި އިތުރަށް ބުނި ގޮތުގައި، ހަމީދުގެ މައްޗަށް ޑިސިޕްލަނަރީ ބޯޑުން ނިންމި ނިންމުމަކީ ވެސް ގަވައިދުތަކުން އެ ބޯޑަށް ލިބޭ އިހްތިޔާރާއި ބާރުގެ ބޭރުން ނިންމާފައިވާ ނިންމުމެކެވެ. އެގޮތުން އެ ބޯޑަކީ ހަމައެކަނި އިދާރީ މައްސަލަތައް ބަލާ ބޯޑެއްކަން އެނގެން އޮންނަ ކަމަށާއި ޖިނާއީ ކަމެއް އެކުލެވޭނަމަ، އެ މައްސަލައެއް އެ ބޯޑަށް ނުބެލޭނެ ކަމަށެވެ.

ގަވައިދުގައިވާ ގޮތުން ޖިނާއީ މައްސަލައެއްގައި ފުލުހަކު ވަޒީފާއިން ވަކި ކުރެވޭނީ އޭނާގެ މައްޗަށް ހުކުމެއް އައުމުންކަން އެނގެން އޮންނަ ކަމަށެވެ. ޖިނާއީ ތަހުގީގަކުން ހާމަވާ ހެކިތަކަކަށް ރިޔާއަތްކޮށް ޑިސިޕްލަނަރީ ބޯޑަށް ފުލުހަކު ވަޒީފާއިން ވަކިނުކުރެވޭނެ ކަމަށް ހުކުމްގައިވެ އެވެ.

އެހެންނަމަވެސް ހަމީދުގެ މައްޗަށް ތުހުމަތުވި މައްސަލައަކީ އޭނާގެ މަގާމުގެ ހައިސިއްޔަތުން ލިބިފައިވާ މައުލޫމާތުތަކެއް، "ސިފައިން އަދި ފުލުހުން ހިންގި ބަޣާވާތް" ނަމަކަށް ކިޔާ ރިޕޯޓަކަށް ދިން ކަމުގެ ތުހުމަތު ކަމަށާއި އެ މައްސަލާގައި އޭނާ ހައްޔަރުކޮށް ތަހުގީގު ހިންގިކަން އެނގެން އޮންނަ ކަމަށް ހުކުމްގައިވެ އެވެ. ހުކުމްގައިވާ ގޮތުން ހަމީދު ވަޒީފާއިން ވަކިކުރި ނިންމުމުގައިވާ ގޮތުން އެ ފިޔަވަޅު އެޅީ، ފުލުހުންގެ ތަހުގީގަށް ހަމީދު ސިއްރު މައުލޫމާތުތައް އެ ރިޕޯޓަށް ހާމަކޮށްފައިވާ ކަމަށް އެކަށީގެންވާ ހެކި ލިބިފައިވާތީ އެވެ. އެއީ ބޯޑުގެ އިހްތިސޯސް ބޭރު ނިންމުމެއް ކަމަށް ހުކުމްގައި ކަނޑައެޅި އެވެ.

ހަމީދު ދަށު ކޯޓުގައި ދައުވާކުރިއިރު އޭނާ އޭރު ހުރި މަގާމާ އެއްވަރުގެ ވަޒީފާއެއް ދިނުމަށާއި ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން މިއަދާ ހަމައަށް މުސާރަ އާއި އިނާޔަތްތައް ނަގައިދިނުމަށް އެދިފައެއް ނުވެ އެވެ. ހަމައެކަނި އެދިފައިވަނީ ވަޒީފާއިން ވަކިކުރި ނިންމުން ބާތިލްކޮށްދިނުމަށެވެ.

އެހެންނަމަވެސް ހުކުމްގައި ބުނީ، އެ ހައްގު ހަމީދު ދޫކޮށްލި ކަމަށް ބަލާނެ ތަނެއް ނެތް ކަމަށެވެ. އަދި ވަޒީފާއިން ވަކިނުކުރާ ކަމަށް ކަނޑައެޅުމަކީ އޭނާއަކީ ވަޒީފާއިން ވަކި ނުވާ މީހެއްގެ ގޮތުގައި ބެލުން ކަމީ ދެބަސްނުވެވޭނެ ހަގީގަތެއް ކަމަށް ހުކުމްގައިވެ އެވެ. އެހެންވެ، ހަމީދަށް އަލުން ވަޒީފާ ދިނުމަށާއި މުސާރަ އާއި އިނާޔަތްތައް ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ދިނުމަށް ސުޕްރީމް ކޯޓުން ހުކުމްކުރި އެވެ.

އޭގެއިތުރުން އޭނާ ވަޒީފާއިން ވަކިކޮށްފަ ކަމަށް ނިންމާފައިވާ މުއްދަތަކީ ހިދުމަތުގެ މުއްދަތުގެ ގޮތުގައި ގުނައި، ވަޒީފާގެ ކުރިއެރުން ދިނުމުގައި ވެސް އެކަމަށް ބަލަންޖެހޭނެ ކަމަށް ހުކުމްގައިވެ އެވެ.

މި މައްސަލަ ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު އަބްދުﷲ ދީދީ އެވެ. ބެންޗްގައި ދެން ތިއްބަވަނީ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަބްދުﷲ އަރީފެވެ.