ހަބަރު

ގާނޫނީ ސުވާލުތަކުން ރެކެން އިމްރާން އިސްތިއުފާދީ އަލުން މަގާމަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހޯމް މިނިސްޓަރެއްގެ ގޮތުގައި ހަމަޖެއްސެވި އަދާލަތު ޕާޓީގެ ރައީސް، އިމްރާން އަބްދުﷲ، މިނިސްޓަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު އަލުން މިއަދު މަގާމާ ހަވާލުވެ ވަޑައިގެންފި އެވެ.

މިއަދުގެ ވަގުތެއްގައި އިމްރާން އިސްތިއުފާ ދެއްވުމުން، ރައީސް ވަނީ އަލުން އިމްރާން ހޯމް މިނިސްޓަރަކަށް އައްޔަން ކުރައްވައިފަ އެވެ. އަދި އެ މަގާމު ވެސް އިމްރާން މިއަދު ވަނީ އަލުން ގަބޫލުކުރައްވައިފަ އެވެ. އެގޮތަށް އިމްރާން އަމަލު ކުރެއްވީ، އޭނާ އެ މަގާމަށް އައްޔަން ކުރެއްވި އިރު، ޖަލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުން އުފެދުނު ގާނޫނީ ސުވާލުތަކުން ސަލާމަތްވުމަށް ކަމަށް ބެލެވެ އެވެ.

އެހެން ނަމަވެސް، ޓެރަރިޒަމްގެ ކުށުގައި އިމްރާންގެ މައްޗަށް އިއްވި 12 އަހަރުގެ ޖަލު ހުކުމުން ސުޕްރީމް ކޯޓުން ވަނީ އެފަހުން ބާތިލްކޮށްފަ އެވެ. ނަމަވެސް މަގާމަށް އައްޔަން ކުރެއްވި އިރު އިމްރާން ޖަލު ހުކުމެއްގައި ހުންނެވުމުން އިމްރާން މިނިސްޓަރު ކަމުގެ ޝަރުތު ހަމަ ނުވާ ކަމަށް ބުނެ ގިނަ ބަޔަކު ދިޔައީ އަޑު އުފުލަމުންނެވެ.