ހަބަރު

15 ދުވަހު އިމްރާން މަގާމުގައި ހުންނެވީ ގާނޫނާއި ހިލާފަށް، މައްސަލަ ބަލަން ޖެހޭ: ނިހާން

މި ސަރުކާރުގެ ފުރަތަމަ 15 ދުވަހު ހޯމް މިނިސްޓަރުކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވި އަދާލަތުޕާޓީގެ ރައީސް ޝައިޙް އިމްރާން އަބުދުﷲ އެ މަގާމުގައި ހުންނެވީ ގާނޫނާއި ހިލާފަށް ކަމަށާއި، އެމައްސަލަ ބަލަންޖެހޭ ކަމަށް އިދިކޮޅު ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

ޝައިޙް އިމްރާން އެ މަގާމަށް އައްޔަން ކުރެއްވި އިރު ހުންނެވީ ޝަރުއީ ކޯޯޓަކުން އިއްވާފައިވާ ޖަލު ހުކުމެއްގައެވެ. އެެހެން ނަމަވެސް އެހުުކުމް ތަންފީޒު ކުރުން ވަގުތީގޮތުން މަޑުޖައްސާލަން އޭރު ސްޕްރީމްކޯޓުން އަމުރު ނެރުމަށްފަހު، އެމައްސަލަ ބަލާ މިހާރު ވަނީ އިމްރާންގެ ޖަލު ހުުކުމް ބާތިލްކޮށް ނިހާއީ ހުކުމެއް އިއްވާފަ އެވެ. ޝައިހް އިމްރާން އެ މަގާމަަށް އައްޔަން ކުރުމުން ގާނުނީ ބައެއް ބޭފުޅުންވަނީ އެކަން އެގޮތަށް ނުކުރެއްވޭނެ ކަމަށް ވިދާޅުވެފަ އެވެ.

މިއަދު ޝައިޙް އިމްރާން ވަނީ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު އަލުން އެމަގާމާ ހަވާލްވެވަޑައިގެންފަ އެވެ. އެކަމާއި ގުޅިގެން ނިހާން ކުރެއްވި ޓުވީޓެއްގައި ވަނީ، ޖިނާއީ ހުުކުމެއް އޮތް މީހަކު ގާނޫނާއި ހިލާފަށް ހޯމް މިިނިސްޓަރު ކަމުގެ ހުވާކޮށް، މިނިސްޓަރުގެ ކޮޓަރިއާއި، ފުލުހުންގެ އިދާރާއަށް ވަދެ، އަމުރު މައުރޫފު ގާނޫނާއި ހިލާފަށް ހިންގީ ކީއްވެތޯ ސުވާލު އުފައްދަވާފަ އެވެ.

ނިހާން އިތުރަށް ވިދާޅުވީ، ހޯމް މިނިސްޓަރު ކަމަށް ގާނޫނާއި ހިލާފަށް ހުވާކޮށް، 15 ދުވަހު ޝައިހް އިމްރާން އުޅުއްވި މައްސަލަ ބަލަންޖެހޭ ކަމަށެވެ. ޝައިޙް އިމްރާން މިއަދު މަގާމުން އިސްތިއުފާ ދިނުމަށްފަހު އަލުން އެ މަގާމާއި ހަވާލުވެވަޑައިގެންނެވީ ގާނޫނީ ގޮތުން އެކަމުގައި އުފެދިފައިއޮތް ހިޔާލުތަފާތުވުން ނައްތާލަންކަމަށް ބެލެވެއެވެ.