ހަބަރު

ސަލީމް ޖޭއެސްސީއިން ވަކިކޮށްފި

ރައިސުލްޖުމްހޫރިއްޔާގެ މެންބަރުގެ ގޮތުގައި ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީގައި އިންނަވާ މެންބަރު އަހުމަދު ސަލީމް، ރޭނިސް ސަލީމް އެ މަގާމުން ވަކިކޮށްފި އެވެ.

ސަލީމަކީ ނިމިގެން ދިޔަ ދައުރުގެ ރައީސްގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ޖޭއެސްސީއަށް އައްޔަން ކުރެއްވި މެންބަރެކެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ފައިސަލަށް ހައިކޯޓުގެ ފަނޑިޔާރުކަން ލިބުމުން މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ޖޭއެސްސީގެ ސެކެރެޓްރީ ޖެނަރަލް އަބޫބަކުރު މުހައްމަދު ވިދާޅުވި ގޮތުގައި ސަލީމް މަގާމުން ވަކިކޮށް އާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިދިޔަ މަހުގެ 25 ދުވަހު އެ ކޮމިޝަނަށް ސިޓީއެއް ފޮނުވާފަ އެވެ.

ރައީސް ސޯލިހު، އަދި ޖޭއެސްސީއަށް އާ މެންބަރަކު އައްޔަން ނުކުރައްވަ އެވެ.

ޖޭއެސްސީގައި ސަލީމް ހުންނެވިއިރު އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔުން ވެސް އަމާޒުވި އެވެ. މެންބަރެއްގެ ގޮތުގައި ހުންނަވާ ސަލީމް ވަނީ ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލުފުޅު ނުކުރައްވާ ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި އެމަނިކުފާނުގެ ފަރާތްޕުޅުން ވަކާލާތު ކުރައްވާފަ އެވެ.