ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތައް ފުއްދުމުގައި އިންޑިއާގެ އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ ދެއްވައިފި އެވެ.
ސަފީރު އަކިލޭޝް، މިއަދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ބައްދަލުކުރައްވާފަ އެވެ.
އިންޑިއާގެ ފުރިހަމަ އެއްބާރުލުން ރައީސް ސޯލިހްއާއެކު އޮތްކަން ހާމަކުރެއްވުމުގެ ގޮތުން ސަފީރު ރައީސްގެ އަރިހަށް ކުރެއްވި މި ޒިޔާރަތުގައި ދެ ގައުމުގެ ގުޅުން ވަރުގަދަކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ތައުލީމީ ދާއިރާއާއި، ޓެކްނޮލޮޖީގެ ދާއިރާއާއި، އުމްރާނީ ވަސީލަތްތައް ތަރައްގީކުރުން ފަދަ ދާއިރާތަކުން ރާއްޖެއަށް އެހީ ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ވެސް މި ބައްދަލުކުރެއްވުމުގައި އެ ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފަ އެވެ.
އިންޑިއާގެ ސަފީރް ރައީސް ސޯލިހްއާ ބައްދަލުކުރައްވާފައިވާއިރު، އަންނަ މަހުގެ 17 ވަނަ ދުވަހު ރައީސް އިންޑިއާ އަށް ވަޑައިގަންނަވާނެ އެވެ. ރައީސް ސޯލިހް އިންޑިއާއަށް ވަޑައިގަންނަވަން ނިންމަވާފައިވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ދެއްވި ދައުވަތަކަށެވެ. އެދައުވަތު ދެއްވާފައިވަނީ ރައީސް ސޯލިހްގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީ ރާއްޖެ ވަޑައިގަންނަވަން ދައުވަތު ދެއްވުމަށް ކުރެއްވި ފޯނު ކޯލްއަށެވެ. އެދައުވަތު ވަނީ ރައީސް ސޯލިހް ގަބޫލުފުޅު ކުރައްވާފަ އެވެ.
މޯދީ ވަނީ ރައީސް ސޯލިހްގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންފަ އެވެ. އަދި އެއީ މޯދީ ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. މީގެކުރިން މޯދީ ރާއްޖެ ވަޑައިގެންނެވުމަށް އެކި ފަހަރު މަތިން ހަމަޖެހުނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް އެކި ފަހަރު މަތިން މޯދީއަށް ދައުވަތުވެސް އެރުވި އެވެ.
އެދަތުރުފުޅުގައި މޯދީ ވަނީ އިޖްތިމާއީ ގޮތުންނާއި އިގްތިސޯދީ ގޮތުން ރާއްޖެ އަލުން ތަރައްގީކޮށް ދެމެހެއްޓެނިވި ގޮތެއްގައި އެ ދާއިރާތައް ކުރިއަރުވަން އިންޑިއާގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.