ސަރުކާރު ކުންފުނިތަކުގެ މާލީ ހާލަތު ދަށްކަމުން ސަޕްރައިޒް ވެފައިވާ ކަމަށް އާ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
އާ ފިނޭންސް މިނިސްޓަރު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު "ސަޕްރައިޒް"ވީ ދެ ކަމެއްގެ މައުލޫމާތު އެނގުމުން ކަމަށެވެ. އެއް ކަމަކީ ދައުލަތުން ދައްކަން ޖެހޭ ފައިސާގެ އަދަދުގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ އަށް އެރުމާއި ސަރުކާރު ކުންފުނިތަކުގެ ހާލަތު ދަށްވެފައިވުމުން ކަމަށެވެ.
"ސަރުކާރު ކުންފުނިތަކުގެ މާލީހާލަތު އޮތީ ވަރަށް ގޯސްކޮށް. ފިނޭންސް މިނިސްޓްރީއަކީ އެސްއޯއީސް [ސަރުކާރު ކުންފުނިތަކު] ގެ ބެލެނިވެރި ފަރާތް ކަމަށްވާތީ އިސްކަމެއް ދޭން. އެހެންވެ ކުންފުނިތަކުގެ ހާލަތު ރަނގަޅު ކުރަން ހާއްސަ މަސައްކަތްތަކެއް ކުރަން ޖެހޭ،" އަމީރު ވިދާޅުވި އެވެ.
އޮޑިޓްކޮށް ކުންފުނިތައް ރީ-ސްޓްރަކާ ކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރު ކުންފުނިތައް ރީ-ސްޓްރަކްޗާކޮށް ހިންގުން ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ.
"ފައިދާ ލިބޭ ކުންފުނިތަކަށް އަޅުގަނޑުމެން ބަދަލު ކުރާނަން. އެގޮތުން އެކަމަށް ހާއްސަ ކޮމެޓީއެއް ހަދައިގެން މަސައްކަތް ކުރުމުގެ ވިސްނުން އެބަހުރި،" އަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިފްކޯގައި ވެސް 300 މިލިއަން ރުފިޔާގެ ގެއްލުން އެބަ ހުރި ކަމަށް ދައްކާ ކަމަށެވެ. އެހެންވެ ކުންފުނިތަކުގެ ސްޕެޝަލް އޮޑިޓެއް ކުރަން އާ މިނިސްޓަރު ބޭނުންވާ ކަމަށް ވިދާޅުވި އެވެ.
"ސަރުކާރާ ހަވާލުވި ފަހުން ވެސް 30 މިލިއަން ރުފިޔާ ދީފިން. އެެޗްޑީސީ އަށް ވެސް 94 މިލިއަން ރުފިޔާ ދައްކައިފިން. އަދި ކުރި އަށް އޮތް ހަފުތާގެ ތެރޭގައި ވެސް އެ ކުންފުންޏަށް 84 މިލިއަން ރުފިޔާ ދޭން ޖެހޭ ވިޔަފާރީގައި އެ ކުންފުނި ހަމަ އަށް ބަހައްޓަން،" އަމީރު ވިދާޅުވި އެވެ.
ސަރުކާރު ކުންފުނިތައް ކޯޕަރޭޓް ގަވަނަސް ކޯޑަށް!
މިނިސްޓަރު ވިދާޅުވީ ސަރުކާރު ކުންފުނިތައް ހަރުދަނާ ކުރުމުގެ ކުންފުނިތައް ހިންގުމުގެ ހަރުދަނާ ނިޒާމް ކޯޕަރޭޓް ގަވަނަންސް ކޯޑަށް ސަރުކާރު ކުންފުނިތައް ފައްތަން ޖެހޭ ކަމަށެވެ.
"މިހާރު ކޯޕަރޭޓް ގަވަނަންސް ކޯޑަށް އަމަލު ކުރަނީ އަމިއްލަ ކުންފުނިތައް. ނަމަވެސް ސަރުކާރު ހިއްސާވާ ކުންފުނިތައްވެސް އެކޯޑަށް ގެނައުމަށް މަސައްކަތް ކުރާނީ،" އަމީރު ވިދާޅުވި އެވެ.
ސަރުކާރު ކުންފުނިތަކުގެ މާލީހާލަތު ދަށް ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވިއިރު، ރާއްޖޭގެ އެންމެ ގިނަ ބިންތައް ވިއްކި ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެސްޓީއޯ ފަދަ ކުންފުނިތަކަށް ވަނީ ގެއްލުމާ ކުރިމަތިވެފަ އެވެ. މިގޮތުން އެޗްޑީސީގެ ކޭޝް ފްލޯ އަށް އަސަރު ކޮށްފައިވާ ކަމަށް ދާދިފަހުން ބުނެފައިވެ އެވެ. އަދި އޮޑިޓަ ޖެނެރަލް ވަނީ އެޗްޑީސީ އޮޑިޓް ކުރުމުގެ މަސައްކަތް ކޮށްފައިވެ އެވެ.