ހަބަރު

އޭސީސީއަށް ވެސް، އަޅުގަނޑަށް ވެސް ނުފޫޒެއް ނެތް: ލުތުފީ

ދުވަހަކު ވެސް ވަކި ކަމެއް ވަކި ގޮތަކަށް ކުރަން އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވާފައި ނުވާ ކަމަށާއި އެފަދަ ކަމެއް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ ރައީސް ކަމަށް ވަޑައިގަތް ފަހުން ދިމާވެފައި ނެތް ކަމަށް އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވެއްޖެ އެވެ.

އޭސީސީ އާއި ލުތުފީގެ ނަޒާހަތްތެރިކަމާމެދު ގިނަ ބަޔަކު ސުވާލު އުފައްދާފައިވަނިކޮށް މިއަދު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން، ލުތުފީ ވިދާޅުވީ، އޭސީސީގެ ރައީސެއްގެ ގޮތުން އޭނާ މިހާތަނަށް މަސައްކަތްކުރައްވަމުން ގެންދެވީ މިނިވަންކަމާއެކު ކަމަށެވެ. އެއްވެސް ފަރާތަކުން އެއްވެސް އިރެއްގައި ވަކި ކަމެއް ވަކި ގޮތަކަށް ކުރުމަށް ނުފޫޒު ފޯރުވާފައި ނުވާ ކަމުގެ ޔަގީންކަން ލުތުފީ ވަނީ ދެއްވާފަ އެވެ.

"ކޮމިޝަންގައި މަސައްކަތް ކުރާތާ ދެވަނަ ދައުރު ފުރިހަމަ މިވަނީ. މިހާތަނަށް އަޅުގަނޑުގެ މައްޗަކަށް މިވެނި ކަމެއް މިގޮތަކަށް ކުރާށޭ، އެހެނެއް ނުދަންނަވާ، ރައީސުލްޖުމްހޫރިއްޔާ ވެސް އަޅުގަނޑަށް ވަކި ކަމެއް ވަކި ގޮތަކަށް ނިންމަވާކަށް މިވީހާ ތަނަށް އަޅުގަނޑު ތިން ހަތަރު ރައީސުންގެ ދައުރުގަ، ރައީސް މައުމޫންގެ ދައުރުން ފެށިގެން އަޅުގަނޑު މި މަސައްކަތް ކުރަނީ. އަޅުގަނޑަކަށް އޭރުން ފެށިގެން އަދި މިހާތަނަށް އެއްވެސް މީހަކު، ވަކި ގޮތަކަށް ވަކި ކަމެއް ކުރާށެކޭ އެހެނެއް ނާންގަވާ،" ލުތުފީ ވިދާޅުވި އެވެ.

އެހެން ނަމަވެސް، އެ އިރެއްގައި އޮންނަ ސަރުކާރެއްގެ ވައުދުތަކާ އެއްގޮތަށް، އެ ވައުދުތައް ފުރިހަމަކުރުމުގެ ބޭނުމުގައި ބައެއް ކަހަލަ މައްސަލަތައް ހިފަހައްޓައި ބައެއް މައްސަލަތަކުގެ ތަހުގީގު އަވަސްކުރުން ފަދަ ކަންކަން ކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ވަކި ކަމެއް ވަކި ގޮތަކަށް ކުރަން ނުފޫޒު އޮވެގެން ކުރާ ކަންތައްތަކެއް ނޫން ކަމަށާއި އެއީ އެ އިރަކު އޮންނަ ސަރުކާރަކުން ރައްޔިތުންނަށް ވާ ވައުދުތައް ފުއްދުމައްޓަކައި އަމަލުކުރާ ގޮތެއް ކަމަށް ވެސް ލުތުފީ ވިދާޅުވި އެވެ.

އޭސީސީއަށް އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތަހުގީގު ލަސްވުމާއި ރައީސް އަބްދުﷲ ޔާމީންއަށް ތުހުމަތުވާ މައްސަލަތައް އެކަށީގެންވާ މިންވަރަށް ނުބަލާ ކަމަށް ބުނެ އެވެ.