ހަބަރު

އެންމެން އެއިޑްސް އަށް ޓެސްޓްކުރޭ، ނައިބު ރައީސް ވެސް ކޮށްފި

އެއިޑްސް ދުވަހާ ގުޅިގެން މުޅި ދުނިޔޭގައި ހިންގަން ފަށާފައިވާ "ނޯ ޔުއާ ސްޓޭޓަސް" ކެމްޕޭން ރާއްޖޭގައި ވެސް ފަށައިފި އެވެ. މި ކެމްޕޭން މިއަދު ފައްޓަވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމް އެވެ. ފައިސަލް ވަނީ ކެމްޕޭން ފައްޓަވައިދެއްވުމުގެ ގޮތުން އެޗްއައިވީއަށް ޓެސްޓުކުރައްވާފަ އެވެ.

ޑަބްލިޔު އެޗްއޯ އިން މިއަހަރުގެ ޝިއާރަކަށް، ނޯ ޔުއާ ސްޓޭޓަސް ނުވަތަ 'އަމިއްލަ ހާލަތު ދެނެގަނޭ'، މި ޝިއާރު ކަނޑައަޅާފައިވަނީ، އެއިޑްސް ފަދަ ނުރައްކާތެރި ބައްޔެއް، އިތުރުވަމުންދާ ދިއުން ކޮންޓްރޯލް ކުރުމަށް، އެ ބައްޔަށް ޓެސްޓުކޮށް، އަމިއްލަ މީހާ ހުރި ހާލަތު އެގުމަކީ މުހިއްމު ކަމެއް ކަމަށް ގަބޫލުކުރެވޭތީ އެވެ. އެހެންކަމުން މި ކެމްޕޭން ފުޅާކޮށް، އެއިޑްސް އާ ދެކޮޅަށް އަޅާ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން، ބައްޔަށް ޓެސްޓު ކުރުމަށް ޑަބްލިޔުއެޗްއޯ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެއިޑްސް ފަދަ ބަލިތަކުގެ ޓެސްޓު ނަތީޖާ އަކީ އެހެން ލެބޯޓަރީ ޓެސްޓްތަކުގެ ނަތީޖާ ދޫކުރާ އުސޫލާ ހިލާފަށް، އެ ޓެސްޓުތަކުގެ ނަތީޖާ ވަރަށް ބޮޑަށް ސިއްރު ކުރެވިގެން ދޫކުރާ ނަތީޖާތަކެކެވެ. އެހެންކަމުން އެއިޑްސް އަށް ޓެސްޓުކުރުމަކީ ހަގީގަތުގައި ޖެހިލުންވާޖެހޭ ކަމެއް ނޫނެވެ. އެ ޓެސްޓުކޮށްގެން އަމިއްލަ ހާލަތު އެނގި ހުރުމުން އޭގެ ސަބަބުން ތިމާއަށާއި ތިމާގެ ފަރާތުން ގެއްލުމަކަށް ހުށަހެޅިފައިވާ މީހެއް ވާނަމަ އެމީހަކަށް ކުރާނީ ފައިދާ އެވެ.

ނައިބު ރައީސް ފައިސަލް ނަސީމްވެސް މިއަދު ވިދާޅުވީ އެ ވާހަކަ ފުޅެވެ. އެމަނިކުފާނު ވަނީ، މިއަދު ފެށި ކެމްޕޭނަށް ހުރިހާ ފަރާތްތަކުންވެސް އެއްބާރުލުން ދިނުމަށް އިލްތިމާށްކުރައްވާފަ އެވެ. އަދި އެއިޑްސް އާއި ހެޕަޓައިޓިސް ފަދަ ބަލިތައް ރާއްޖެއިން ނައްތާލުމަށް ފަރުދީގޮތުން މަސައްކަތްކޮށްދިނުމަށް ވެސް ވަނީ ނަސޭހަތްތެރިވެވަޑައިގަންނަވާފަ އެވެ.

ފައިސަލް ވަނީ އެއިޑްސް ކޮންޓްރޯލް ކުރުމަށް މިހާރަށްވުރެ ފުޅާ މަސައްކަތްތަކެއް ސަރުކާރުގެ ތެރެއިން ކުރެވޭނެ ގޮތް ފަހިކޮށްދީ، އެއިޑްސް ނައްތާލުމަށް ކުރާ މަސައްކަތަށް އެއްބާރުލުންދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޑަބްލިޔު އެޗްއޯގެ ފަރާތުން ރާއްޖޭގައި ހުންނަވާ ސަފީރް، ޑރ އަރްވިންދް މާތުރު ވިދާޅުވީ، ރާއްޖޭގައި އެއިޑްސް ޖެހިފައި ތިބި މީހުންގެ އަދަދު ނިސްބަތުން މަދު ނަމަވެސް ގޮންޖެހުންތައް އެބަހުރި ކަމަށެވެ. ބިދޭސީން އިތުރުވާ މިންވަރު ގިނަވުމަކީ އެއް މައްސަލައެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ. އަދި ބަލި ފެންނަ ބިދޭސީން ރަނގަޅަށް މޮނިޓާކޮށް، އެފަދަ މީހުންނަށް އެކަށޭނަ ފަރުވާ ލިބޭނެ ނިޒާމެއް ނެތުން ވެސް ފާހަގަކުރެއްވި އެވެ.

އަރްވިންދް ވަނީ، ރާއްޖޭގައި އެޗްއައިވީ ޖެހުމަށް މަގުފަހިވާ ފަދަ އާދަތައް ހުރި ކަންވެސް ފާހަގަކުރައްވާފަ އެވެ. އޭގެ ތެރޭގައި ފައިސާއަށް ނުވަތަ އެނޫންވެސް ބޭނުމަށް ހަށިވިއްކުމާއި އެއްޖިންސުން ޖިންސީ ގުޅުން ހިންގުމާއި މަސްތަކުވާ ތަކެތި ބޭނުންކުރުމަށްޓަކައި އެކަކު ބޭނުން ކޮށްފައި ހުންނަ ސިރިންޖް ބޭނުންކުރުން ފަދަ ކަންކަން ހިމެނެ އެވެ.

ރާއްޖޭގެ އެޗްއައިވީގެ ހާލަތަށް ބަލާއިރު، މި ސަރަހައްދުގެ އެހެން ގައުމުތަކާއި އަޅާ ބަލާއިރު ރާއްޖެއަކީ ބަލި ޖެހިފައިވާ މީހުން ނިސްބަތުން މަދު ގައުމެކެވެ. އެހެން ނަމަވެސް ބޭރު މީހުންގެ ބޮޑު އާބާދީއެއް ރާއްޖޭގައި އޮތް އިރު، އެފަދަ ބައެއް މީހުންގެ ގައިން އޭޑްސް ފެންނަ ވަރު އިތުރެވެ. އެގޮތުން މިހާތަނަށް 400 އަށްވުރެ ގިނަ ބިދޭސީންގެ ގައިން އެޗްއައިވީ ފެނިފައިވެ އެވެ.

ރާއްޖެއިން އެންމެފުރަތަމަ އެއިޑްސް ފެނިފައިވަނީ 1991 ވަނަ އަހަރު އެވެ. 2017 ވަނަ އަހަރުގެ ނިޔަލަށް، 25 ދިވެއްސަކަށް ވަނީ މި ބަލި ޖެހިފަ އެވެ. މީގެ ތެރެއިން 12 މީހަކު ވަނީ ބަލީގައި މަރުވެފައެވެ.