ހަބަރު

އިނގިރޭސި ވިލާތުގެ އެމްބަސީއެއް ރާއްޖޭގައި ގާއިމް ކުރަނީ

އިނގިރޭސި ވިލާތުގެ އެމްބަސީއެއް ރާއްޖޭގައި ގާއިމް ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި އިނގިރޭސި ވިލާތުގެ އެމްބަސީއެއް ހުޅުވަން އެގައުމުގެ ފޮރިން ސެކެރެޓަރީ ޖެރެމީ ހަންޓް އިއުލާން ކުރައްވާފައިވާ ކަމަށާއި އެނިންމެވި ނިންމެވުމަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ޓޫރިޒަމާއި ވިޔަފާރީގެ ދާއިރާގެ ގުޅުން އިތުރަށް ބަދަހިވުމަށް ފުރުސަތު ބޮޑުވެގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް މިނިސްޓަރު އެކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމަ ކުރައްވާފަ އެއް ނުވެ އެވެ.

މިދިޔަ ހަފްތާގައި މިނިސްޓަރު ޝާހިދު ޔޫއޭއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުން ވަނީ މި ފެށޭ އަހަރުން ފެށިގެން ވިސާއެއް ނެތި ދިވެހިންނަށް، ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އަށް ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖައްސަން އެއްބަސްވެފަ އެވެ. އަދި އަންނަ މަހުގެ 17 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި އެ ގައުމާ ރާއްޖެއާ ދެމެދު ވިސާގެ އާ އެއްބަސްވުމެއް އެކުލަވާލަން ވެސް ވަނީ ނިންމައިފަ އެވެ.