ގަސްފިނޮޅު ރިސޯޓް އިރުގެ ހަކަތަ އިން ހިންގަން ފެށުންވީ ދުނިޔޭގެ ސަމާލުކަން ރާއްޖެ އަށް އަމާޒުވި ކަމަށެވެ. އަދި ރާއްޖޭގެ ސޮނޭވާ ފުށީގެ ތިމާވެއްޓާއި ރަހުމަތްތެރި ސިފަތައް ވެގެން ދަނީ ދުނިޔޭގެ "ޓްރޭޑް މާކް" އަކަށެވެ. މިއަށް އެންމެ ފަހުން އިތުރުވީ ރާއްޖޭގެ ކަނޑުތަކުން ހޮވި ކުނިން މަޝްހޫރު އެޑިޑާސް ކުންފުނިން ފުޓުބޯޅަ ބޫޓެއް އުފައްދައި މިއާއެކު ދުނިޔޭގެ ގިނަ ގައުމުތަކުން މި ފަދަ ކަމެއް ކުރެވޭތޯ ބަލައި "ކޮޕީ" ކުރަން ފެށުމެވެ. ސަބަބަކީ ދުނިޔޭގެ ސަމާލުކަން މިކަމަށް ލިބިގެން ލިޔަލެއް ބޮޑުވުމެވެ. މީގެން އެނގެނީ ކޮން ކަމެއް ހެއްޔެވެ ؟ ސުވާލަކީ މި ފަދަ ކަމެއްކޮށް ރާއްޖޭގެ ޓޫރިޒަމަށް އާ ސަލޯގަން އެއް ހެދުމަކީ ކުރެވިދާނެ ކަމެއް ހެއްޔެވެ؟ އަދި ޕްލާސްޓިކް ހުއްޓާލުން ފަދަ ކަމެއް ކޮށްގެން ރާއްޖެ އިޝްތިހާރު ކުރުމަށް އޮތް ފުރުސަތު ތަކަކީ ކޮބައި ހެއްޔެވެ؟
"މިހާރު ދުނިޔޭގައި އެއް ގައުމުން އަނެއް ގައުމަށް ދަތުރު ކުރާ ގިނަ މީހުން ބަލާ ތިމާވެށީގެ ކަންކަމަށް. ވަރަށް ބޮޑަށް. ހާއްސަކޮށް ޒުވާން ޓްރެވަލާސް. އަނެއްކާ ރާއްޖެއަކީ ޑައިވް އަށް އެންމެ މަގުބޫލު އެއް މަންޒިލް. އެހެން ވެ ސިންގަލް ޔޫސް ޕްލާސްޓިކް ހުއްޓާލައިގެން ރާއްޖެ އަށް ދުނިޔޭގެ ސަމާލުކަން ހޯދި ދާނެ. މިއީ ވަރަށް ރަނގަޅު ޕީއާރު ޓޫލެއްގެ ގޮތުގައި ކުރެވިދާނެ ކަމެއް،" ދެހާސް ސާދަ ވަނަ އަހަރުން ފެށިގެން ސިންގަލް ޔޫސް ޕްލާސްޓިކް ބޭން ކެމްޕޭން ރާއްޖޭގައި ކުރަމުން ގެންދާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް ޕްރޮފެޝަނަލްސް (އޭޓީޕީ) ގެ ރައީސް ޑރ. ހުސެއިން ސަނީ ވިދާޅުވި އެވެ.
ޕްލާސްޓިކް ހުއްޓާލަން ރާއްޖެ އަށް ވުރެ މުހިންމު ގައުމެއް ދުނިޔޭގައި ނެތޭ ބުނެވިދާނެ އެވެ. ސަބަބަކީ ޕްލާސްޓިކާ ދިވެހިންނާ ގުޅިލާމެހުން ބޮޑުވުމެވެ. ދިވެހިންގެ ޒަމާންވީ މަސްވެރިކަންވެސް އޮތީ މި ޕްލާސްޓިކުގެ ނުރައްކަލުގަ އެވެ. އަދި 1972 އިން ފެށިގެން ރާއްޖޭގެ ބްރޭންޑަކަށްވީ ޓޫރިޒަމް ސިނާއަތުވެސް އޮތީ މި ޕްލާސްޓިކުގެ ބިރުވެރިކަމުގެ ތެރޭގަ އެވެ.
ޕްލާސްޓިކުގެ ނުރައްކާ އިގްތިސާދަށް!
ރާއްޖޭގެ އިގްތިސާދުގެ 80 ޕަސެންޓް ބަރޯސާ ވަނީ ޓޫރިޒަމަށެވެ. އަދި ޓޫރިޒަމް އިޝްތިހާރު ކުރުމުގައި މައިގަނޑު ގޮތެއްގައި ބޭނުން ކުރާ ސްލޯގަން ތަން ކަމަށްވާ "ސަން" "ސޭންޑް" އަދި "ސީ" އެވެ. ނުވަތަ މޫދާއި ދޮންވެލި ގޮނޑުދޮށްތަކަށް ރީތިކޮށް ސާފުކޮށް ފެންނަން އޮތުމަކީ ޓޫރިސްޓުން ރާއްޖެ އެންމެ ގިނަ އިން އަންނަ ސަބަބު ތަކެވެ. އެހެންވެ ރާއްޖޭގެ ތިން ސްލޯގަންގެ މޫނުމަތި ރީތި ކުރުމުގައިވެސް އޮތް އެންމެ ބޮޑު އެއް ނުރައްކަލަކީ ޕްލާސްޓިކް ނުވަތަ ޕްލާސްޓިކް ކޮތަޅެވެ. ކުޑަ މިސާލެކެވެ؛ ރާއްޖޭގެ ޓޫރިޒަމް 45 އަހަރުވީ ތާރީހުގައި ކޮޓަރި ހަދަމުން ދިޔައީ ބީޗުގަ އެވެ. ނަމަވެސް ކޮޓަރި ހެދުމަށް އައި ބަދަލާއެކު މޫދު ކޮޓަރިތައް މިވަނީ މޫދު އަޑީގެ ކޮޓަރި ތަކަށް ބަދަލުވެފަ އެވެ. ނަމަވެސް މޫދު އަޑީގެ ކޮޓަރީގައި ތިބޭއިރު އޮޔާދާ ޕްލާސްޓިކް ފުޅި އާއި ކޮތަޅު ފެނުމާއި ބިއްލޫރި ކޮޓަރީގެ މަތީގައި ޕްލާސްޓިކް ކޮތަޅު ތަވްވާ މަންޒަރު ފެނުމަކީ ރާއްޖޭގެ ރީތި ކަމަށް އޮތް ހުތުރަކަށް ނޫނީ ނުވާނެ އެވެ. މިގޮތަށް ބަލާއިރު ވެސް ޕްލާސްޓިކުގެ ނުރައްކާ ރާއްޖެ އަށް ބޮޑު ކަމަށް ބެލެވިދާނެ އެވެ.
ދެން އޮތީ މި ނުރައްކާ ދުނިޔޭގައި އޮތް ހިސާބެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކޮންމެ އަހަރު ދުނިޔޭގެ ކަނޑުތަކަށް އަށް މިލިއަން މެޓްރިކް ޓަނުގެ ޕްލާސްޓިކް އަޅާކަމަށްވެ އެވެ. މި ފަތުރާލުމުން ޔޫރަޕުގެ ތިން ބައިކުޅަ އެއްކޮށް ފޮރުވޭނެ އެވެ. އަދި އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ނުވަތަ އެއްލާލާ ޕްލާސްޓިކް ކޮތަޅާއި ޕްލާސްޓިކު ހިމެނޭ ފުޅި އަދި ޖޫސްބޯ ހޮޅި ފަދަ އެއްޗިއްސަކީ ކަނޑުގެ ތިމާވެއްޓަށް އެންމެ ގެއްލުން ދޭ ވިހަ އެވެ.
މޯލްޑިވްސް ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 2015 ވަނަ އަހަރު ރާއްޖެ އަށް 66 މިލިއަން ޕްލާސްޓިކް ކޮތަޅު ވަނީ އެތެރެކޮށްފަ އެވެ. މިއީ ފައިސާގެ ގޮތުން ބަލާނަމަ 17 މިލިއަން ރުފިޔާގެ ކޮތަޅެވެ. އަދި މި އަދަދު މިހާރު އުޅެނީ 80 މިލިއަން އަށް ވުރެ މަތީގަ އެވެ. އަދި މި ކޮތަޅުތަކުގެ ބޮޑު ޕަސެންޓެއް އަޅާލެވެނީ ރާއްޖޭގެ ކަނޑަށެވެ. ރާއްޖެ އަށް ޖަމާވާ ބޮޑު ޕަސެންޓެއް އުކާލާ ކ. ތިލަފުއްޓަށް ބަލާއިރު މިތަނަށް އުލާލާ ކުނީގެ ބޮޑު ބަޔަކީ ޕްލާސްޓިކް ފުޅި އާއި ޕްލާސްޓިކް ކޮތަޅެވެ. އަދި މިކޮތަޅުގެ ބޮޑު ބައެއް ކަނޑަށް އެޅި ފަރުތައް ހަލާކު ވެގެންދާ މަންޒަރު ފެނެ އެވެ.
ޑައިވަރުންގެ ބަހުން ނަމަ ރާއްޖޭގެ ފަރުތައް މަރާ އެންމެ ބޮޑު އެއް "ހަތިޔާރަކީ" ޕްލާސްޓިކް ކޮތަޅެވެ. އަދި ފަރުގައި ދިރިއުޅޭ މަސް މި ތަކެތި ކެއުމުށް ފަހު އެ މަސް އިންސާނުން ކެއުން ވެގެން ދަނީ އިންސާނީ ސިއްހަތަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގަ އެވެ. މިކަން މިގޮތަށް ވާކަމަށް ސިއްހީ މާހިރުން ދަނީ އިންޒާރު ދެމުންނެވެ.
ޕްލާސްޓިކު ރާއްޖެ އަށް ހުއްޓާލެވިދާނެ ތަ؟
މި ނުރައްކާ ބޮޑުވުމުގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތަކުގައި ދަނީ "ސިންގަލް ޔޫސް" ޕްލާސްޓިކް ބޭނުން ކުރުން ދަނީ ހުއްޓާލަމުންނެވެ. އެތަށް މިލިއަން މީހުން ދިރިއުޅޭ ބޮޑެތި ގައުމުތަކުގެ ބިޔަ ސިޓީތަކުގައި މި ފިޔަވަޅު ވަނީ އަޅާފަ އެވެ. މިގޮތުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މިހާތަނަށް ދުނިޔޭގެ 16 އަށް ވުރެ ގިނަ ސިޓީގައި ހުއްޓާލާފައިވެ އެވެ. މީގެތެރޭގައި ދުނިޔޭގެ އެންމެ އާބާދީ ބޮޑު އެއް ގައުމު ކަމަށްވާ އިންޑިއާގެ ނިއުދިއްލީ އާއި ފްރާންސް އަދި އެމެރިކާގެ ނިއުޔޯކް އަދި ކެނެޑާގެ ފަދަ ބޮޑެތި ގައުމުތައް ވެސް ހިމެނެ އެވެ. އެހެންވީއިރު މިކަމަކީ ރާއްޖެ އަށް ނުކުރެވެންވީ ސަބަބެއް ނެތެވެ. އެއްގޮތުން ބަލާއިރު މިއީ ރާއްޖެ ފަދަ އާބާދީ ކުޑަ ޖަޒީރާ ވަންތަ ގައުމުތަކުގައި ފަސޭހައިން ކުރެވިދާނެ ކަމެކެވެ.
ކުރިން ވާހަކަ ދެއްކެވި ސަނީ ވިދާޅުވީ ދިރާގާއި ޕާލޭ މޯލްޑިވްސް ގުޅިގެން ފުރަތަމަ ހިންގި "ސިންގަލް ޔޫސް ޕްލާޓިކް ކޮތަޅު ބޭން" ކެމްޕޭން ފެށުމުން ބައެއް ރަށްރަށުގައި ކޮތަޅު ބޭނުން ކުރުން ހުއްޓާލާފައިވާ ކަމަށެވެ. އެހެންވެ މިކަމަކީ ރާއްޖޭގައި ކުރެވިދާނެ ކަމެއް ކަމަށް ދެކެވަޑައިގަންނަވަ އެވެ.
"އެންމެ ފުރަތަމަ ކެމްޕޭން ފެށުމާއެކު ފުރަތަމަ ހުއްޓާލީ ބޮޑުފުޅަދޫ އިން. އޭގެ ފަހުން ކެޔޮދޫ އާއި އުކުޅަސް ފަދަ ރަށްރަށުގައި ވެސް ސިންގަލް ޔޫސް ޕްލާސްޓިކް ކޮތަޅު ހުއްޓާލި. ފުރަތަމަ ކެޔޮދޫ އަށް ދިޔައިރު ގެސްޓުން އެންމެ ގިނައިން ދާ ބީޗް ސަރަހައްދުގައި އޮތީ ކުނިކޮނޑު ހަދާފަ. އެކަމަކު އެ ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު މަސައްކަތުން އެތަން ސާފުކޮށް ވަނީ މިކަން ކާމިޔާބުކޮށްފަ،" ސަނީ ވިދާޅުވި އެވެ.
ޓޫރިޒަމަށް ސްލޯގަންއެއް ހެދިދާނެ
ޕްލާސްޓިކް ހުއްޓާލައިފިނަމަ ޔަގީނުން ވެސް އެކަން ވެގެން ދާނީ ރާއްޖޭގެ ޓޫރިޒަމްގައި ބޭނުން ކުރެވޭނެ ސްލޯގަން އަކަށެވެ. އެކަމަކު މިކަމަށް އާއްމުންނާއި ވިޔަފާރިތައް ހޭލުންތެރި ކުރުވަން ގިނަ މަސައްކަތް ތަކެއް ކުރަން ޖެހޭނެ އެވެ. ރާއްޖޭގައި މިހާރު 140 ރިސޯޓު ހިންގާއިރު މީގެ ތެރޭގައި ހިމެނޭ ބައެއް ރިސޯޓުތަކުގައި މިހާރު ވެސް ޕްލާސްޓިކް ފުޅި ބޭނުމެއް ނުކުރެ އެވެ. ޓޫރިސްޓުންނާއި މުވައްޒަފުން ފެން ބޮނީ ބިއްލޫރި ފުޅީގައި ބަން ދުކޮށްގެންނެވެ. އެހެންވެ، ރިސޯޓުތަކުގެ ބޮޑު ބައެއްގެ އެއްބާރުލުން ލިބިއްޖެނަމަ މިކަން ކާމިޔާބު ކުރެވިދާނެ އެވެ.
ސަނީ ވިދާޅުވީ ޓޫރިޒަމްގައި ހިދުމަތް ދޭ ގިނަ ތަންތަނުގައި ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ކުރުން ހުއްޓުވިދާނެ ކަމަށެވެ
"ބައެއް ރިސޯޓުތައް އެބަހުރި ސިންގަލް ޔޫސް ޕްލާސްޓިކް އެއްގޮތަކަށް ވެސް ބޭނުން ނުކުރާ ތަންތަން. ބައެއް ތަންތަން ރަސްމީކޮށް އިއުލާނު ނުކުރިނަމަވެސް އެކަން ކުރޭ. އެހެންވެ، މި ބަލަނީ މިހާރު ކުރިއަށް ގެންދާ މި މަސައްކަތްތަކުން 2020 ގެ ނިޔަލަށް ގިނަ ރިސޯޓުތަކެއްގައި ޕްލާސްޓިކް ހުއްޓާލާނެ ކަމަށް،" ސަނީ ވިދާޅުވި އެވެ.
ހުއްޓުވަން ގާނޫނީ ބާރު ބޭނުން ވޭ!
އެއް ފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކް ފުޅި އާއި ކޮތަޅު ހުއްޓާލުމަށް ރައީސް އޮފީހާއި ފޮރިން މިނިސްޓްރީ އަދި ޓޫރިޒަމް މިނިސްޓްރީ އިން އިސްނެގުމަކީ ހެޔޮ ފާލެކެވެ. ހާއްސަކޮށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިކަމުގައި އެންމެ ކުރީ ސަފުން ފެނުން ވެގެން ދާނީ މި ކަމަށް ލިބޭނެ ހިތް ވަރަކަށެވެ. ނަމަވެސް މިކަމުގައި އަދި ކުރަން ޖެހޭ މަސައްކަތް ވަރަށް ގިނަ އެވެ. އެހެންވެ، އޭޓީޕީ އިން މިހާރު ވަނީ މިކަމަކަށް ހާއްސަ މަސައްކަތް ތަކެއް ފަށާފަ އެވެ.
ސަނީ ވިދާޅުވި ގޮތުގައި އެ ޖަމިއްޔާގެ އަމާޒަކީ 2020 ވަނަ އަހަރު އަންނަން ވާއިރަށް ސިންގަލް ޔޫސް ޕްލާސްޓިކް ހުއްޓާލަން ގާނޫނެއް ހަދައި އެކަން ހުއްޓުވާލުމެވެ.
"ރާއްޖެ އަށް މިއީ ދަތި ކަމެއް ނޫން. މިހާރު އެބަ ހުރި ބައިވަރު އެއްޗިހި ޕްލާސްޓިކާ ދުރު ވާން ބޭނުންކުރެ ވޭނެ. އެހެންވެ އޮފީސްތަކުގައި ވެސް އެ ބޭނުންކުރެވި ދާނެ. އަޅުގަނޑުމެން މަސައްކަތް ކުރަމުން އެބަދަން ބައެއް މެންބަރުންނާއި ގުޅިގެން ގާނޫނީ ގޮތުން މިކަމަށް ބާރު ހޯދަން،" ސަނީ ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސާދު މިއޮތީ ތިމާވެށީގެ މައްޗަށް ބަރޯސާވެފަ އެވެ. މިއީ ޖަޒީރާ ގައުމެކެވެ. އެހެންވެ ރާއްޖެއަކީ ޕްލާސްޓިކް ކޮތަޅު ހުއްޓާލައިގެން ދުނިޔޭގެ ސަމާލު ކަމަށް ގެނެވިދާނެ ގައުމެކެވެ.