ހަބަރު

ބިޑަކާނުލާ ރަށްތައް ދޫނުކުރެވޭ އިސްލާހު މަޖިލީހުން ބޭރުކޮށްލައިފި

ބިޑަކާ ނުލާ ރަށްތައް ދޫނުކުރޭވޭގޮތަށް ޓުއަރިޒަމްގެ ގާނޫނަށް މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބުދުﷲ ރިފާއު ހުށަހެޅި އިސްލާހު މަޖިލީހަށް ބަލައިނުގެން ބޭރުކޮށްލައިފި އެވެ.

އެބިލް ބަލައިގަތުމަށް ވޯޓް ދީފައިވަނީ 21 މެމްބަރުންނެވެ. އަދި އެ ބިލާއި ދެކޮޅަށް މަޖިލީހުގެ 42 މެމްބަރަކު ވަނީ ވޯޓްދީފަ އެވެ. މަޖިލީހުން ބިލް ބޭރުކޮށްލުމާއި ގުޅިގެން ރިފާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބިޑަކާއި ނުލާ ރަށްތަށް ދޫނުކުރެވޭ ގޮތަށް 2/99 ޓުއަރިޒަމްގެ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހަށް ބަލައިނުގަތް ކަމަށާއި، ރައީސް ސޯލިހުގެ ސަރުކާރުން ކެމްޕެއިންގައި ދެއްކެވި ވާހަކަތަށް ވެފައިވަނީ ބިލާހަކަށް ކަމަށެވެ.

ރިފާއު އެ އިސްލާހު ހުށަހެޅުއްވި އިރުވެސް ސަރުކާރުން ވަނީ ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ބިޑަކާ ނުލާ ރަށްތަކާއި ފަޅުތައް އަދި ބިންތައް ދޫކުރެވޭ ގޮތަށް އޮންނަ އުސޫލަށް އަމަލު ކުރުން މަޑުޖައްސާލާފަ އެވެ. ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުގައި، ޓޫރިޒަމް ގާނޫނަށް ބަދަލު ގެނެސް، ބިޑަކާ ނުލާ ތަންތަން ދޫކުރެވޭ ގޮތަށް ފުރަތަމަ ހެދީ ޕީޕީއެމުން ހުށަހަޅައިގެންނެވެ.

އޭރު އެގޮތަށް ގާނޫނަށް ބަދަލު ގެނެސް ހެޔޮ އަގުގައި ރަށްތައް ބައެއް ފަރާތްތަކަށް ދީގެން ރައީސް ޔާމީންގެ ސަރުކާރުން ކޮރަޕްޝަންގެ އަމަލުތަށް ހިންގާފައިވާކަމަށް ގިނަ ފަރާތްތަކުން ވަނީ ތުހުމަތުކޮށްފަ އެވެ.