ޓޫރިޒަމް

ފަތުރުވެރިންގެ އަދަދު 1.5 މިލިއަނަށް

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް 1.5 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި ފަތުރުވެރިންނަށްވުރެ 9.5 ޕަސެންޓް -- 131،185 ފަތުރުވެރިން އިތުރު އަދަދެކެވެ.

ފާއިތުވި 2023 ވަނަ އަހަރު 1.5 މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ ޒިޔާރަތްކުރީ އެ އަހަރުގެ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު އެވެ.

ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާއިރު ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމު -- ޗައިނާއިން އަހަރުގެ މިހާތަނަށް ދެ ލައްކައަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވެ އެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު

  • ޗައިނާ - 227،400 ފަތުރުވެރިން
  • ރަޝިއާ - 165،300 ފަތުރުވެރިން
  • އިނގިރޭސިވިލާތް - 127،700 ފަތުރުވެރިން
  • ޖަރުމަނު - 109،700 ފަތުރުވެރިން
  • އިޓަލީ - 107،623 ފަތުރުވެރިން
  • އިންޑިއާ - 92،000 ފަތުރުވެރިން
  • އެމެރިކާ - 51،100 ފަތުރުވެރިން
  • ފްރާންސް - 41،400 ފަތުރުވެރިން
  • ސްޕެއިން - 35،000 ފަތުރުވެރިން
  • ސްވިޓްޒަލޭންޑް - 28،600 ފަތުރުވެރިން

ރާއްޖޭގައި މި ވަގުތު ފަތުރުވެރިކަމަށް ޖުމްލަ 1،224 ތަނެއް ދަނީ ހިންގަމުންނެވެ. މީގެ ތެރޭގައި 171 ރިސޯޓާއި 887 ގެސްޓްހައުސް އާއި 152 ސަފާރީ އަދި 14 ހޮޓާ ހިމެނެ އެވެ.