ހަބަރު

އަތޮޅުތަކުގެ ސިއްހީ ހިދުމަތް ތަރައްގީ ކޮށްދީފަ އެއް ނެތް: މިނިސްޓަރު

މާލެ ސަރަހައްދުގެ ސިއްހީ ހިދުމަތް ތަރައްގީކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މަސައްކަތްތަކެއް ކޮށް މަޝްރޫއުތަކެއް ފަށާފައިވީ ނަމަވެސް އަތޮޅު ތެރޭގެ ސިއްހީ ހިދުމަތްތައް ތަރައްގީކޮށްދީފައި ނެތްކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ އަމާޒުތައް ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަމީން ވިދާޅުވީ، ރައީސް ސޯލިހްގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި އަތޮޅުތަކުގެ ރަށްތަކުގެ ސިއްހީ ހިދުމަތްތައް ހަރުދަނާކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރަންޖެހިފައި އެބަހުރި ކަމަށެވެ. ބައެއް ރަށްރަށަށް ބޭސް ލިބުމުގެ ދަތިކަން އިންތިހާއަށް އޮތް އިރު ބައެއް ރަށްރަށަށް އެމްބިއުލާންސްގެ ދަތި ދިމާވެފައިވާކަން، މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ބެލި ބެލުމުން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ، ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި މި މައްސަލަތައް ހައްލުކުރުމަށް ހަރުދަނާ ޕްލޭންތަކެއް ހެދި އަމަލީ މަސައްކަތްތައް ކޮންމެވެސް ވަރަކަށް ފެށި އެކަންކަން ފެށިގެންދާނެ ކަމަށެވެ.

އަމީން ވިދާޅުވީ، ސިއްހީ މަރުކަޒުތަކުގެ ފެންވަރު ރަނގަޅުކުރުމަށް، ސިއްހީ ހުރިހާ ހިދުމަތެއް އެއް ވިއުގައަކުން ގުޅާލައި، އެމަޖެންސީ ކެއާގެ ނިޒާމެއް ތައާރަފްކޮށް، އެމްބިއުލާންސްގެ ހިދުމަތް ރާއްޖޭގެ ހުރިހާ ރަށަކަށް ކަށަވަރުކޮށްދޭނެ ކަމަށެވެ. އަދި ބޭސް ލިބުމަށް ހުރި ދަތިތައް ހައްލުކޮށް، ރާއްޖޭގެ ހުރިހާ ހިސާބަކަށް ދަތިކަމެއް ނެތި ބޭސް ލިބޭނެ ހަރުދަނާ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އަމީން ވިދާޅުވީ، ފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ސިއްހީ ދާއިރާގެ ދުރު ރާސްތާގެ ތަރައްގީއަށް ކުރީގެ ސަރުކާރުން މުހިއްމު އަދި ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އަތޮޅުތެރެއަށް އެއްވެސް ވަރަކަށް ތަރައްގީ ގެނެސްދެވިފައި ނުވާތީ ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.

ސިއްހީ ހިދުމަތުގެ ދާއިރާއަކީ ރާއްޖޭގައި އެންމެ ބޮޑު ޝަކުވާއެއް އަބަދުވެސް އަމާޒުވާ އެއް ދާއިރާއެވެ. ދާއިރާގެ ތަރައްގީއަށް ހުރި ގޮންޖެހުންތަކާ އެކުވެސް، މުޅި ރާއްޖޭގެ ހުރިހާ ހިސާބަކަށް އެއް ފެންވަރެއްގެ ހިދުމަތް ލިބެން ނެތްކަމުގެ ޝަކުވާ އަދިވެސް އޮތީ ތާޒާކޮށެވެ. ބައެއް ރަށްރަށުގައި އާދައިގެ ޑޮކްޓަރުންވެސް ނުތިބޭއިރު އެމްބިއުލެންސްގެ ހިދުމަތް ފަދަ ޒަރޫރީ ސިއްހީ ހިދުމަތްވެސް ބައެއް ރަށްރަށުން ނުލިބޭ ކަމުގެ ޝަކުވާތައް ގިނަ އެވެ.

"މުވައްޒަފުންގެ ދަތިކަން އެބަހުރި ވަރަށް ގިނަ ރަށްރަށުގަ. މަރާމާތުގެ މައްސަލަތައް އެބަހުރި ވަރަށް ގިނަ ރަށްރަށުގަ. ލެބޯޓްރީ ހުރެ ވަސީލަތް މަދުވާ މައްސަލަ އެބަހުރި ވަރަށްގިނަ ރަށްރަށުގަ. އަދި ބަރާބަރަށް ދުވަހުން ދުވަހަށް ބޭސް ލިބުމުގެ ދަތިކަން އެބަހުރި،"

މި ހުރިހާ ދަތިކަން ހުރިކަން ދަނެގެން އެންމެ ފުރަތަމަ އިސްކަމެއްދީގެން ކުރާ ފުރަތަމަ 100 ދުވަހުގެ މަސައްކަތްތައް
ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން މިނިސްޓަރު އަމީން ވަނީ ދެއްވާފަ އެވެ.