ހަބަރު

ދަރުމަވަންތަ ހޮސްޕިޓަލްގެ މަަސައްކަތް ނުހުއްޓި ކުރިއަށްދާނެ: މިނިސްޓަރު

ސިއްހީ ދާއިރާއާ ގުޅިގެން ކުރީގެ ސަރުކާރުން ކުރަން ފަށާފައި ހުރި އެއްވެސް ރަނގަޅު މަސައްކަތްތަކަށް ހުއްޓުމެއް ނާންނާނެ ކަމަށާއި އެގޮތުން އައިޖީއެމްއެޗް ތަރައްގީކުރުމަށް ކުރާ މަސައްކަތްތަކަށް ވެސް ހުއްޓުމެއް ނުގެންނާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

އަމީން ވިދާޅުވީ، މި ސަރުކާރުން ކުރިއަށްގެންދާނީ ދާއިރާ ތަރައްގީކުރުމުގެ މަަސައްކަތް ކަމަށެވެ. އެހެންކަމުން ރައީސް ޔާމީންގެ ސަރުކާރުން ރަނގަޅަށް ކޮށްފައިވާ އެއްވެސް މަސައްކަތެއް ހުއްޓާނުލާނެ ކަމަށް ވިދާޅުވި އެވެ.

"އެހެންވީމަ، އައިޖީއެމްއެޗް ތަރައްގިކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ، ކުރިން ފެށިފަ ހުރި ރަނގަޅު ކަންކަން އަޅުގަނޑުމެން ކުރިއަށް ގެންދާނަން،" އަމީން ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސަރުކާރުން ފުރިހަމަކޮށް ނުނިމި ހުރި ބައެއް މަސައްކަތްތަކަށް އިޝާރާތްކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން މި ވީ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އައްޑޫ ތާޝަރީ ހޮސްޕިޓަލާއި ކުޅުދުއްފުށީ ހޮސްޕިޓަލްގެ މިހާރުގެ ހާލަތުވެސް ބަލާފައިވާ ކަމަށެވެ. އެހެން ކަމުން، އެ އެކަންކަން ހައްލުކުރުމުގެ މަސައްކަތްތައް ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރައްވާނެ ކަމުގެ ޔަގީން ކަން ދެއްވި އެވެ.

"އަދި ސީދާ ވަކި ދުވަހެއް ނުދެންނެވޭނެ. އެހެން ނަމަވެސް އެންމެ އިސް މަސައްކަތްތަކެއްގެ ގޮތުން އެ ދެ ހޮސްޕިޓަލް ރަނގަޅުކޮށް ހިދުމަތްތައް ރަނގަޅުކުރުން ހިމެނޭ. މާލެ ކައިރީގައި ހުރި އެހެން ރަށްރަށުގެ ހޮސްޕިޓަލް ތަކުގެ ފެންވަރުވެސް ރަނގަޅުކުރަން މަސައްކަތްކުރެވިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އަމީން ވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ 100 ދުވަހުގެ ލަނޑުދަނޑިތަކުގެ ތެރޭގައި ސިއްހީ ދާއިރާއިން ހާއްސަކޮސް ކުރަން ހަމަޖެހިފައިވާ ގިނަ ކަންތައްތަކެއް މިއަދު ހިއްސާކުރައްވާފަ އެވެ. އޭގެ ތެރޭގައި އެމަޖެންސީ ކެއާ ނިޒާމެއް ގާއިމްކޮށް، ސިއްހީ ހުރިހާ ހިދުމަތެއް އެއް ވިއުގައަކުން ގުޅާލުން ވެސް ހިމެނެ އެވެ.