ހަބަރު

ޓެކްސީތައް މެދުކަނޑާނުލަން މިނިސްޓަރު އިލްތިމާސް ކުރައްވައިފި

ބޯކޮށް ވާރޭ ވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ބައެއް އިމާރާތްތަކަށް ވެސް ފެން ވަދެ، އާންމުން ދަތިކަމެއްގެ ތެރޭގައި ތިބި މި ދަނޑިވަޅުގައި ޓެކްސީގެ ހިދުމަތް މެދުކަނޑާނުލަން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އިލްތިމާސްކުރައްވައިފި އެވެ.

މާލެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މިނިސްޓަރު ނަހުލާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވިއްސާރަ ދުވަސްވަރު މަގުތައް ބޭނުންކުރުމުގައި އިތުރަށް ސަމާލުވާން އިސްތިމާސްކުރައްވާ ކަމަށެވެ އަދި ޕާކް ކުރާއިރު ބަލައިގެން ޕާކް ކުރުމަށާއި އާންމުންނަށް ދަތި ނުވާ ގޮތަށް މިފަދަ ވަގުތެއްގައި އަމަލުތައް ބެހެއްޓުމަށް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

މުޅި މާލޭގައި ފެންބޮޑުވެ، ހިނގައިއުޅުން ދަތިވެފައިވާއިރު، ނަހުލާ ވަނީ ތެކްސީތައް މެދުކަނޑާ ނުލުމަށް ޓެކްސީކުރާ ފަރާތްތަކަށް ވެސް އިލްތިމާސްކުރައްވާފަ އެވެ. ވިދާޅުވީ، މި ވަގުތުގައި ޓެކްސީތައް ޕާކްކޮށްފައި ބޭއްވުމުގެ ބަދަލުގައި އާންމު ހިދުމަތަށް ޓެކްސީ ޑްރައިވަރުން ނިކުތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ވިއްސާރައާ ގުޅިގެން ޓެކްސީ ދަތުރުތައް ހުއްޓާނުލުމަށް މިނިސްޓަރު އެދިވަޑައިގަންނަވާފައިވާއިރު، ވާރޭ ވެހޭ ވަގުތެއްގައި މާލެއިން ޓެކްސީއެއް ހޯދުމަކީ ދަތިކަމެކެވެ. ހާއްސަކޮށް ބޯކޮށް ވާރޭ ވެހޭ ވަގުތެއްގައި ގިނަ ސެންޓަރުތަކުގެ ލައިންތަކަށް ނުގުޅެ އެވެ.

މާލެއަށް މިއަދު ހެނދުނު ވެހެންފެށި ވާރޭގައި މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެ، ގިނަ ގެއްލުންތަކެއް ދަނީ ވަމުންނެވެ. އެގޮތުން ބައެއް އިމާރާތްތަކާއި ގެތަކަށް ފެން ވަނުމުގެ އިތުރުން ބައެއް މަގުތަކުގައި ޕާކް ކޮސްފައި ހުރި ބައެއް ވެހިކަލްތަކަށް ވެސް ވަނީ ގެއްލުންތަކެއް ވެފަ އެވެ.