ކުޑަ އަންހެން ކުއްޖަކާ ބަދު އަހުލާގީ އަމަލު ހިންގުމުގެ ކުށުގައި ޖަލަށްލާފައިވާ، އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ އިބްރާހިމް ރަޝީދު، ހޯރަ އިއްބެއަކީ ސިޔާސީ މީހެއް ކަމަށާއި އޭނާއަށް ދައުވާކޮށްފައިވަނީ ވެސް ސިޔާސީ ގޮތުން ކަމަށް އޭނާގެ މިހާރުގެ އަންހެނުން އަދި ޖަލަށް ދާން ޖެހުނު ސަބަބަކަށްވީ އަންހެން ކުއްޖާ ބުނެފި އެވެ.
ހޯރަ އިއްބެ 2012 ޑިސެމްބަރުގައި ހައްޔަރު ކުރީ 17 އަހަރުގެ އަންހެން ކުއްޖަކާ އެކު ކޮޓަރިއެއްގައި ތިއްބަ އެވެ. އެ އަންހެން ކުއްޖައާ ހޯރަ އިއްބެ ފަހުން ކައިވެނިކޮށް އެ ކައިވެންޏަށް ވަނީ ދަރިއަކު ލިބިފަ އެވެ.
ހޯރަ އިއްބެ މިނިވަންކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނިންމަވާފަ އެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.
އެކަމާ ގުޅިގެން އިއްބެގެ އަންހެނުން ޒުއްރިއްޔާ އަބްދުއްޝުކޫރު ނެރުނު ބަޔާނެއްގައި ބުނީ 2012 ވަނަ އަހަރު ޑިސެމްބަރު މަހު އޭނާ މާލެ އާއީ ކައިވެނިކުރުމުގެ މަގްސަދުގަ ކަމަށާއި މައިންބަފައިން ވެސް މާލެ އައީ ކައިވެނިކޮށްދިނުމަށެވެ. އޭރު އޭނާއަށް ހިޖްރީ ގޮތުން 18 އަހަރު ފުރިފައިވާ ކަމަށެވެ. އަދި މިލާދީ ގޮތުން 18 އަހަރު ފުރެން ދުވަސްކޮޅެއް އޮތުމާއިއެކު ކައިވެނި ކުރުމުގެ ކަންތައްތައް ހަމަޖައްސަމުންދިޔައީ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
"އެދުވަސްވަރަކީ ސިޔާސީ ގޮތުން ހަލަބޮލި ދުވަސްވަރަކަށްވުމާއި އެކު އިއްބެގެ ފޯނުއަޑުއެހުމާއި، އިއްބެއަށް
ފާރަލަމުން ދިއުމުގެ ތެރޭގައި އަޅުގަނޑި އިއްބެއާއި ބައްދަލުކުރަން ދިޔަ ދުވަހަކު އަޅުގަނޑާއި އިއްޔެއާއި ތިބި ތަނަށް ކުއްލިއަކަށް ފުލުހުން ވަދެ އަޅުގަނޑުމެން ހައްޔަރުކުރީ، އިއްބެއަކީ ކުޑަކުދިންނާއި ބެހޭ މީހެއް ނޫން، އަދި
އޭގެ ރެކޯޑެއްވެސް އޮތް މީހެއް ނޫން، އިއްބެއަކީ ސިޔާސީ މީހެއް، ސިޔާސީ ގޮތުން މިގައުމަށް އެތަށް ގިނަގުނަ މަސައްކަތެއް ކޮށްފައިވާ މީހެއް،" ޒުއްރިއްޔާ ބުންޏެވެ.
ޒުއްރިއްޔާ ބުނީ އިސްލާމީ ޝަރީއަތުން އެމީހުންނާ މެދު ދޭންވީ އަދަބެއް ދޭންވީ ކަމަށާއި ނަމަވެސް އިއްބެއާ މެދު ކޮށްފައިވާ ހުކުމަކީ ސިޔާސީ ހުކުމެއް ކަމަށެވެ.
"އަޅުގަނޑަށް މީލާދީ ގޮތުން 18 ނުފުރެނީސް އަޅުގަނޑާއި އިއްބެއާ ކައިވެނިކޮށްދެނީވެސް މިރާއްޖޭގެ ފެމިލީ ކޯޓުން، 2013ގައި ރައީސް ޔާމީން އިންތިހާބްވުމާއިއެކު އެންމެ ފުރަތަމަ ކޯޓަކަށް އެބޭފުޅާގެ ނުފޫޒު ފޯރުވައިގެން
ހުކުމް ކުރި ސިޔާސީ ފަރާތަކީ އިއްބެއަކީ، 01 ޑިސެމްބަރ 2013ގައި އިއްބެއަށް 10 އަހަރުގެ ޖަލު ހުކުމެއްކޮށް ޖަލަށްލީ އިރު އަޅުގަނޑާއި އިއްބެގެ ކައިވެންޏަށް 10 މަސްދުވަސް ވެއްޖެއެވެ. އަދި އޭރު އަޅުގަނޑު އިނީ އިއްބެގެ ދަރިފުޅަށް ބަލިވެ، އަޅުގަނޑުގެ ބަނޑަށް އޭރުވަނީ ހަތް މަސް،" ޒުއްރިއްޔާ ބުންޏެވެ.
އެ ދުވަސްތައް އޭނާ ހޭދަ ކުރަން ޖެހުނީ ވަރަށް ދަތި ހާލުގައި ކަމަށާއި މިއަދު މީޑިއާގައި ކުޑަކުދިންގެ ހައްގުތައް ހިމަޔާތްކުރަން ގޮވާލާ އަޑު އުފުލަމުން ގެންދާ ފަރާތްތައް އޭނާގެ ހައްގުތަށް ހޯދައިދޭކަށް އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް އޭނާ ބުންޏެވެ.
"އޭގެ ބަދަލުގައި މިއަދުވެސް އެގެންދަނީ މިކުދިންނަށް ފުރައްސާރަކުރަމުން، މިމައްސަލަ މިމީހުންގެ ތެރޭގައި ނަގައިގެން ހަޅޭއްލަވަމުންދާއިރު ރައީސް ޔާމިންގެ ވެރިކަމުގައި ކުޑަކުދިންނާއި ބެހި ހުކުމަކާއި ހަމައަށް ނުގޮސް ކިތަން މީހުން ދޫކޮށްލިތޯ، އެބޭފުޅާގެ ޕާޓީއަށް ނިސްބަތްވާ ކިތަންމެ މައްސަލަތަކެއް ޝަރީއަތަކާއި ހަމައަށް ނުގޮސް ދޫކޮށްލިކަން އަޅުގަނޑަށް އެނގޭ،" ޒުއްރިއްޔާ ބުންޏެވެ.
"ހިތާމައަކީ އިއްބެއަކީ ސިޔާސީ މީހަކަށްވާތީ އިންސާފުން ބޭރުން މިހުކުމްކޮށް ކުޑަ ގޮޅީގައި ވޭތުވެދިޔަ ފަސް އަހަރު އޮތްއިރު އެކަމުގެ ހަގީގަތާއިމެދު ވިސްނާލި އެކަކުވެސް ނެތުން، 18 ޑިސެމްބަރު 2016ގައި ކްލެމެންސީ ބޯޑުން އިއްބެ މިނިވަންކުރުމަށް ނިންމަވާ ރައީސް އޮފީހަށް ތަންފީޒްކުރުމަށް ފޮނުވި، ރައީސް ޔާމީން އެކަން ހުއްޓުވީ އިއްބެއާއިމެދު އޮންނަ ސިޔާސީ ހަސަދައެއްގެ ސަބަބުން،"
ޒުއްރިއްޔާ ބުނީ، މިއަދު އިއްބެއާ ދެކޮޅަށް ހަގީގަތާއި ހިލާފު ވާހަކަ ފަތުރާ ޕެޓިޝަން ހަދައިގެން މިއުޅެނީ އެއްވެސް ވަރަކަށް އިންސާނީ ކަރާމާތަށް ރަހުމެއް ހަމްދަރުދީއެއް ނެތް އިންސާނީ ހައްގުތަކަށް އިހުތިރާމްނުކުރާ ބަޔެއް ކަމަށެވެ.
އޭނާ އެދެނީ، އިއްބެގެ ކުޑަ ދެ ކުދިންގެ ހައްގުގައި އިއްބެއާމެދު ހަމްދަރްދީވެ ކޮށްފައިވާ ދޮގު ތުހުމަތުން އިއްބެ ސަލާމަތްކޮށްދިނުމަށް ކަމަށެވެ.
މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގައިވާ ގޮތުން ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ކުށާއި ގަދަކަމުން ބަދުއަހްލާގީ އަމަލު ހިންގުމުގެ ކުށް ސާބިތުވާ މީހުންނަށް މާފު ނުދެވޭނެ އެވެ. ނަމަވެސް އިއްބެގެ މައްޗަށް ސާބިތުވެފައިވަނީ ކުޑަ ކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގި ކަމުގެ ކުށެވެ.
ދެހާސް ސޯޅަވަނަ އަހަރު ކްލެމެންސީ ބޯޑުން ވަނީ އިއްބެގެ ޖަލު ހުކުމްގެ ތެރެއިން ތިން މަސް ފިޔަވައިި އަނެއް ބައި ލުއިކޮށްދޭން ރައީސް އަބްދުﷲ ޔާމީނަށް ލަފާ އަރުވާފަ އެވެ. ނަމަވެސް ރައީސް އޮފީހުން އޭރު ނިންމާފައިވަނީ އިއްބެގެ މައްޗަށް ސާބިތުވެފައިވާ ކުށަކީ މާފު ދިނުމުގެ ގާނޫނުގެ ދަށުން ލުއިކޮށް ދެވޭނެ ކުށެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި އަދި އެއީ ހައި ރިސްކް ކުށެއް ކަމަށްވާތީ އިއްބެއަށް މާފު ދޭން ނުފެންނަ ކަމަށެވެ.