ފެން ބޮޑުވުން

ކުއްލި ހާލަތަކަށް ތައްޔާރުވެފައި ނެތް ވެރިރަށް

އިއްޔެ ހެނދުނު 10:00 ޖެހިއިރު އޮއްސާލި ބޯވާރެއާއެކު ހިދުކޮޅެއް ނުވެ މުޅި މާލޭގައި ފެން ބޮޑުވެ "ފެނުއަޑިއަށް" ދިޔައެވެ. މާލޭގެ މުހިންމު ސަރަހައްދުތައް ފެނުގެ އަޑިއަށް ދިޔައިރު ވަށައިގެން ހުރި އިމާރާތްތަކުގެ ތެރެއަށް ހިފެހެއްޓުމެއް ނެތި ފެން ވަދެ ބޮޑެތި ގެންލުން ވަމުންދިޔަ އެވެ. އުނަގަނޑާ ހަމައަށް ހެދުނު ފެންގަނޑުގެ ތެރޭގައި ސައިކަލްތައް ވެއްޓި ދެމެމުން ގެއްލުން ވަމުންދިޔައެވެ. އައި ކޮޅިގަނޑެއްގައި ވެހުނު ބޯވާރެއިން ވެރިރަށް މާލެ، ގާތްގަނޑަކަށް ހުއްޓުމަކަށް ދިޔައެވެ. ދެލައްކައަށްވުރެ ގިނަ މީހުން ދިރިއުޅޭ މާލެއަށް ބޯކޮށް . ވާރޭވެހި ބޮޑުވި ފެންގަނޑުގެ އަސަރު ނުކުރާ އެކަކު ވެސް މާލޭގައި ނެތެވެ. އެންމެން ހުއްޓުވާލި އެވެ. މަސައްކަތް ހުއްޓުނެވެ. ކުޑަ ހިދުކޮޅެއްގެ ތެރޭގައި މާލެ "ގެނބިގެން" ދިޔައީ ބޮޑު ކާރިސާއެއްގެ ހާލަތަށެވެ. ސުވާލަކީ، މާލެ އޮތީ މިދަ ގުދުރަތީ ކުއްލި ހާލަތަށް ތައްޔާރުވެފައި ހެއްޔެވެ؟ އެކަމަށް ބޭނުންވާ ނިޒާމްތައް މާލޭގައި ފުރިހަމަވެފައި އެބަހުރި ހެއްޔެވެ؟

"އިއްޔެ އަޅުގަނޑުމެންނަށް ދިމާވި އެންމެ ފުރަތަމަ މައްސަލައަކީ ފެން ހިންދަން ހުރި ޕަމްޕްތައް މަސައްކަތް ނުކުރުން. އެ ހިސާބުން އަޅުގަނޑުމެން މަސައްކަތް ކުރީ ޕަމްޕްތައް ތަންތާ ބަހައްޓައިގެން ފެން ހިންދަން،" މާލޭގައި ފެންގަނޑު އެހާ ބޮޑުވެގެން ދިޔަ މައިގަނޑު ސަބަބު، އެންއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ކޮމާންޑަރު، ކާނަލް އަބްދުﷲ ޒުހުރީ ވިދާޅުވި އެވެ.

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ވިދާޅުވީ ވެސް އެވާހަކަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މާލޭގެ ފެން ހިންދާ ނިޒާމު އޮތީ މިފަދަ ހާލަތަކަށް ތައްޔާރަކަށް ނޫނެވެ. ފެން ހިންދަން ހުރި ޕަމްޕްތައް މަސައްކަތް ނުކުރި އިރު ރަނގަޅަށް ފެން ހިންދާލެވޭނެ ނިޒާމެއް ވެސް މާލޭގައި ނެތީ އެވެ. ނަތީޖާއަކަށްވީ ތޮއްޖެހިފައި އޮތް މާލެ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކޮށިއެރުމެވެ. އާންމުންގެ ދިރިއުޅުމަށް ހީވެސް ނުކުރާހާ ބޮޑަށް ބުރޫއަރައި އެންމެން ފެންހިއްކަން އުޅެން ޖެހުމެވެ.

މީގެ ހަތަރު އަހަރު ކުރިން ޑިސެމްބަރު 5، 2014 ގައި ކުރިމަތިވީ ވެސް ހަމަ މިކަހަލަ ހާލަތެކެވެ. އެފަހަރު މީގެ އިދިކޮޅެވެ. އެމްޑަބްލިއުއެސްސީގެ މައި އިންޖީނު ގޭގައި އަލިފާން ރޯވެ އަނދައިގެން ގޮސް މުޅި މާލެ ފެނަށް ޖެހުނީ ކުޑަ ހިނދުކޮޅެއްގެ ތެރޭގަ އެވެ.

ފެނަށް ޖެހުނު އެ ކާރިސާގެ ތެރޭގައި ހަފްތާއެއްހާ ދުވަސް ހޭދަކުރަން ޖެހުނީ، ދިގު ކިޔޫތަކުގައި ފެން ހޯދާށެވެ. މުޅި ގައުމު ހުއްޓުމަކަށް އައިސް ސަރުކާރުގެ ހުރިހާ ވަސީލަތެއް ހުސްކުރަން ޖެހުނީ މާލޭގެ ގެތަކަށް އަލުން ފެން ފޯރުކޮށް ދޭށެވެ.

މި ހުރިހާ ކަމަކުން ބުނެދޭ ވާހަކަ އަކީ މާލެ ކުއްލި ކާރިސާއެއްގެ ހާލަތަށް ތައްޔާރުވެފައި ނެތޭ އެވެ. ބެކަޕް ނުވަތަ ހާލަތަށް ހަދާފައިވާ ކޮންޓެންޖެންސީ ޕްލޭނެއް މާލޭގައި ނެތެވެ.

ރާއްޖޭގެ އާބާދީގެ 30 ޕަސެންޓެއްހާ މީހުން ޖަމާވެ ތޮއްޖެހިފައި މި އޮތް މާލޭގައި ފެންނަން އޮތީ މުޅިންހެން ވެސް މިކަހަލަ ނުރައްކަލާއި ކަންބޮޑުވުމެވެ. ހަނިހަނިގޯޅިތަކާއި މަގުތަކުގައި އުސްކޮށް ހަދާފައި ހުރި އެތައް އިމާރާތެއްގައި އެތައް ސަތޭކަ ބަޔަކު ދިރިއުޅޭ އިރު ރޯވާ އެންމެ ހުޅަކުން އެތައް ބައެއްގެ ފުރާނަ ގޮސް އެތައް ތަނެއް އަނދައި އެޅިއަށްވެ، ބިމާހަމަވެގެން ހިނގައިދާނެ ފަދަ ގޮތެއް މެދުވެރިވިޔަސް އަލިފާން ނިންވާނެ ނިޒާމެއް މާލެއަކު ގާއިމްވެފައެއް ނެތެވެ.

މަދު ތަނެއްގައި ނޫނީ، އުސް އިމާރާތްތަކުގައި އެމެޖެންސީ ދޮރުތަކެއް ނެތެވެ. އަލިފާން ނިވާ ސާމާނު މީހުން ދިރިއުޅޭ ގޭގޭގައި ހަރުކޮށްފައެއް ނެތެވެ. ނަތީޖާއަކަށް ވަނީ އަލިފާނުގެ ބޮޑެތި ހާދިސާތަކުގައި އެތައް ބައެއްގެ ފުރާނަ އަތްމައްޗަށް ލައިގެން އެ މީހަކަށް ސަލާމަތް ވެވުނު ގޮތަކަށް ސަލާމަތްކަން ހޯދަން ދުވަން ޖެހުމެވެ.

"އަލިފާން ނިއްވަން ބޭނުންވަނީ ހަތް ބާގެ ޕްރެޝާ. ނަމަވެސް މާލޭގައި ޕްރެޝާ މި ހުންނަނީ އާމުކޮށް ގޭގެޔަށް ބޭނުންވާ ވަރަށް ދެ ބާގައި، އެހެންވެ މި ޕްރެޝާ ނުލިބެންޏާ އަލިފާން ނިއްވަން ވަރަށް އުނދަގޫވާނެ. ދެން ހަދަން މިޖެހެނީ މޫދުން ފެންނެގުން. އެއަށްވެސް ގިނަ ވަގުތުތަކެއް ނަގަނީ މަގުތައް ތޮއްޖެހިފައި ހުރުމުން،" ކާނަލް އަބްދުﷲ ޒުހުރީ ވިދާޅުވި އެވެ. "ދެން އޮތް ގޮންޖެހުމަކީ ތޮއްޖެހުން. އަޅުގަނޑުމެންގެ ފަޔާ ލޮރީތައް ގެނެސްފައި ހުރިތާ ވިއްސަކަށް އަހަރު މިވަނީ. އޭރު މާލޭގެ މަގުތަކަށް އެ ފިޓުވޭ. އެކަމަކު މިހާރު މާލޭ މަގުތައް މިހުރީ ކުޑަވެފައި ދެފަރާތުގައި ޕާކު ކުރުމުގެ ސަބަބުން. އެހެންވެ މި ލޮރީތަކަށް ދެވޭނެ ޖާގައެއް ނޯވެ،"

ޒުހުރީ ސިފަ ކޮށްދެއްވީ، ކުއްލިއަކަށް ދިމާވާ ކަމަކަށް ސިފައިން ހަރަކާތްތެރި ވުމުގައި ހުރި ގޮންޖެހުންތަކެވެ. އެ ގޮންޖެހުންތައް އަދިވެސް އޮތީ އެއް ފަރާތް ނުކުރެވި ހަމަ އެގޮތުގަ އެވެ. އޭގެ ސާފު ހެއްކަކީ، ކޮންމެ އަހަރެއްގެ ވެސް ހުޅަނގު މޫސުމާ ދިމާކޮށް ޑިސެމްބަރު ހިސާބުގައި ވިއްސާރަ ގަދަވެ، ބޯކޮށް ވާރޭ ވެހި މާލެ ފެނަށް ވާކަން އެނގޭ އިރުވެސް، އެމަޖެންސީ ހާލަތްތަކުގައި ހަރަކާތްތެރިވާ މުއައްސަސާތަކުގެ ހަރަކާތްތެރިކަން ކުޑަކަމެވެ.

ސުވާލަކަށް ވަނީ ކަމާބެހޭ އިދާރާތައް އެކަމަށް ހޭލާ އޮތީ ކިހާވަރަކަށް ހެއްޔެވެ؟ މޫސުމާބެހޭ އިދާރާ އާއި އެ ފަރާތްތަކާ އޮންނަނީ ކިހާ ބޮޑު ގުޅުމެއް ހެއްޔެވެ؟ ރެކޯޑް އަދަދަކަށް ވާރޭ ވެހޭނޭކަން ލަފާކުރެވޭ އިރު، ކަމާ ގުޅޭ މުއައްސަސާތައް އެކަމަށް އެލާާޓް ކުރެވެނީ ކިހާ ވަރަކަށް ހެއްޔެވެ؟

އިއްޔެ އަޅުގަނޑުމެންނަށް ދިމާވި އެންމެ ފުރަތަމަ މައްސަލައަކީ ފެން ހިންދަން ހުރި ޕަމްޕްތައް މަސައްކަތް ނުކުރުން. އެ ހިސާބުން އަޅުގަނޑުމެން މަސައްކަތް ކުރީ ޕަމްޕްތައް ތަންތާ ބަހައްޓައިގެން ފެން ހިންދަން
ކާނަލް އަބްދުﷲ ޒުހުރީ -- އެންއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ކޮމާންޑަރު

އިއްޔެ ގެ ވާރެއިން މާލެއަށް ކުއްލި ކާރިސާއެއް ދިމާވެއްޖެ ނަމަ ހާލަތު ވަރަށް ވެސް ވެދާނެ ކަމުގެ އިންޒާރެއް ލިބިއްޖެ އެވެ. މި ނޫނަސް ކުއްލި ހާލަތަކަށް މާލެ ތައްޔާރުވެފައި ނެތްކަން ބުނެދޭ އެތައް ކާރިސާއެއް ހިނގައި މާޒީވެ ގޮސްފި އެވެ.

މާލޭގައި ފެން ބޮޑުވާއިރު، އަދިވެސް މީގެ 30 އަހަރު ކުރީގެ މާލެއެކޭ ތަފާތެއް ނެތެވެ. އެކަމަކު މިދިޔަ ސަރުކާރުން 100 މިލިއަން ރުފިޔާ ހަރަދުކޮށްގެން، މާލޭގެ މަގުތަކުގައި ބޮޑުވާ ފެންގަނޑު ހިންދާލާނެ ނިޒާމެއް ބެހެއްޓި އެވެ. އެ ބޮޑު ހަރަދުން ވެސް މައްސަލައަށް ހައްލެއް ނުލިބި، އިއްޔެ ފެނުނު މަންޒަރަކީ އެކަން ހައްތަހާ ގޯހުން ގޯހަށްދިޔަ ތަނެވެ. މި ހުރިހާ ކަމަކުން ބުނެދިނީ ނިޒާމްތައް ފައްކާ ކުރެވިފައި ހުރީ، ކުއްލި ހާލަތަކަށް ހާއްސަ ކުރެވިގެން ނޫނެވެ. އެކަމަށް އެއްވެސް ސަރުކާރެއްގެ ސީރިއަސް ކަމެއް ނެތެވެ.

"މާލޭގެ ރައްޔިތުންނަށް ބޮޑު ނިކަމެތި ކަމެއް ލިބިގެން މިދިޔައީ. އަޅުގަނޑުމެންނަށް އިހުސާސް ކުރެވޭ ގޭގޭގައި މީހުން އުޅެން ޖެހުނު ހާލު. މީހުންގެ މުދަލަށް މި ލިބުނު ގެއްލުން. މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ، މި ކާރިސާގެ ވަގުތުން އަރައި ގަނެވުނީމާ ފެންބޮޑުވާ މައްސަލައަށް ހައްލެއް ހޯދަން،" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

މި ސަރުކާރުން ވެސް މި ދެނީ އުންމީދެކެވެ. އެކަމަކު އެހެން ފަރު ޖައްސާލެވޭކަށް ނެތެވެ. މާލެއަށް ވާރޭ ފެން ކެރިއެއް ކިރިޔާ ވެސް ޖަހާލާއިރަށް، ފައިކުރި އޮޅައިގެން މަގުމައްޗަށް ނިކުމެ ފެން ކޯރެއްގައި ސައިކަލް ދުއްވާފައިދާ ދިޔުމަށް ނިމުމެއް އަންނަން ވެއްްޖެ އެވެ. ވެލިބަސްތާ ހިފައިގެން ތިބޭ ތައްޔާރީ ހާލަތުން އަރައި ނުގަނެވި ތިބެވޭކަށް ނެތެވެ. އެންމެ އަލިފާން ކަންޏަކުން ދިރިއުޅުން އަޅިއަށް ވެގެން ދާން ދޫކޮށްލެވޭކަށް ނެތެވެ. ކުޑަކުޑަ މާލެ، ކުއްލި ކާރިސާއެއްގެ ހާލަތަށް ތައްޔާރުވެފައި ނެތް ނަމަ، ދުވަހެއް ދުވަހަކަށް މައްސަލަތައް ވާނީ ބޮޑެވެ.