ހަބަރު

ހޯރަ އިއްބެ މިނިވަންކޮށްފި

އަންހެން ކުއްޖަކާ ބަދު އަހުލާގީ އަމަލު ހިންގުމުގެ ކުށުގައި ޖަލަށްލާފައިވާ، އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ އިބްރާހިމް ރަޝީދު، ހޯރަ އިއްބެގެ ހުކުމް ލުއިކޮށްދީ މިއަދު މިނިވަންކޮށްފި އެވެ.

ހޯރަ އިއްބެ 2012 ޑިސެމްބަރުގައި ހައްޔަރު ކުރީ 17 އަހަރުގެ އަންހެން ކުއްޖަކާ އެކު ކޮޓަރިއެއްގައި ތިއްބަ އެވެ. އެ އަންހެން ކުއްޖައާ ހޯރަ އިއްބެ ފަހުން ކައިވެނިކޮށް އެ ކައިވެންޏަށް ވަނީ ދަރިއަކު ވެސް ލިބިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ، އިއްބެގެ ހުކުމް މާފުކޮށްދޭން ރައީސް ނިންމެވީ 2016 ވަނަ އަހަރު ކްލެމެންސީ ބޯޑުން އިއްބެގެ ޖަލު ހުކުމަށް ލުޔެއް ދިނުމަށް ނިންމާފައިވާތީ އެ ނިންމުމަށް ރިއާޔަތްކޮށް ކަމަށެވެ.

މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގައިވާ ގޮތުން ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ކުށާއި ގަދަކަމުން ބަދުއަހްލާގީ އަމަލު ހިންގުމުގެ ކުށް ސާބިތުވާ މީހުންނަށް މާފު ނުދެވޭނެ އެވެ. ނަމަވެސް އިއްބެގެ މައްޗަށް ސާބިތުވެފައިވަނީ ކުޑަ ކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގި ކަމުގެ ކުށެވެ.

ދެހާސް ސޯޅަވަނަ އަހަރު ކްލެމެންސީ ބޯޑުން ވަނީ އިއްބެގެ ޖަލު ހުކުމްގެ ތެރެއިން ތިން މަސް ފިޔަވައިި އަނެއް ބައި ލުއިކޮށްދޭން ރައީސް އަބްދުﷲ ޔާމީނަށް ލަފާ އަރުވާފަ އެވެ. ނަމަވެސް ރައީސް އޮފީހުން އޭރު ނިންމާފައިވަނީ އިއްބެގެ މައްޗަށް ސާބިތުވެފައިވާ ކުށަކީ މާފު ދިނުމުގެ ގާނޫނުގެ ދަށުން ލުއިކޮށް ދެވޭނެ ކުށެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި އަދި އެއީ ހައި ރިސްކް ކުށެއް ކަމަށްވާތީ އިއްބެއަށް މާފު ދޭން ނުފެންނަ ކަމަށެވެ.

އެހެން އޮތްވާ، މި ސަރުކާރުން އިއްބެ ދޫކޮށްލުމަށް ނިންމުމާއެކު ރައްޔިތުންގެ ޝަކުވާ ވަރަށް ބޮޑުވެ، ޓްވިޓާގައި ރައްޔިތުން ދަނީ ނުރުހުން ފާޅު ކުރަމުންނެވެ.

އެކަމާ ގުޅިގެން އިއްބެގެ އަންހެނުން ޒުއްރިއްޔާ އަބްދުއްޝުކޫރު އިއްޔެ ވަނީ ބަޔާނެއް ނެރެފަ އެވެ. އޭނާ ބުނި ގޮތުގައި އިއްބެގެ މައްޗަށް ކޮށްފައިވަނީ ސިޔާސީ ދައުވާއެކެވެ. ޒުއްރިއްޔާ ބުނީ އިސްލާމީ ޝަރީއަތުން އެމީހުންނާ މެދު ދޭންވީ އަދަބެއް ދޭންވީ ކަމަށާއި ނަމަވެސް އިއްބެއާ މެދު ކޮށްފައިވާ ހުކުމަކީ ސިޔާސީ ހުކުމެއް ކަމަށެވެ.