ހަބަރު

އިތުރު ނުވަ ބޭފުޅަކަށް ސްޓޭޓް މިނިސްޓަރުކަން ދެއްވައިފި

Dec 6, 2018
1

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ސްޓޭޓް މިނިސްޓަރުގެ މަގާމަށް ނުވަ ބޭފުޅަކު މިއަދު އައްޔަން ކުރައްވައިފި އެވެ.

މިއަދު ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި ބޭފުޅުންގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްޕާސަން އަލީ ސޯލިހު ހިމެނެ އެވެ. އޭނާ އައްޔަންކުރައްވާފައިވަނީ ކޮމިއުނިކޭޝަން، ސައިންސް އަދި ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ.

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރައްވާފައިވަނީ ހަސަން ޝުޖާއު އެވެ. ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އިސްމާއިލް އަލި މަނިކު އައްޔަން ކުރައްވާފައިވާއިރު ޕްލޭނިން އަދި އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މުހައްމަދު އަލީ ވަނީ އައްޔަންކުރައްވާފަ އެވެ.

އަހުމަދު ރިޔާޒު އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓްގެ މަގާމަށް އައްޔަން ކުރައްވާފައިވާއިރު މުހައްމަދު އަހުމަދު އައްޔަން ކުރައްވާފައިވަނީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އަހުމަދު ނަޝީދު އައްޔަން ކުރައްވާފައިވާއިރު ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އަޝްހަދު އަލީ ވަނީ އައްޔަން ކުރައްވާފަ އެވެ. ފަޒްނާ ޝާކިރު އައްޔަން ކުރައްވާފައިވަނީ ޖެންޑާ މިނިސްޓްރީގެ ސްޓޭޓްގެ މަގާމަށެވެ.

ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު އަރުވާފައިވާ އިރު، މި ސަރުކާރުން އައްޔަން ކުރަން ނިންމަވާފައިވާ ސްޓޭޓް މިނިސްޓަރުންގެ އަދަދު 39 އަކަށް އަރާއިރު، ޑެޕިއުޓީ މިނިސްޓަރުންގެ އަދަދު 50 އަށް އަރައެވެ.

ސަރުކާރުގައި އެންމެ ބޮޑު ހިއްސާއެއް އޮންނަ އެމްޑީޕީއަށް 15 ސްޓޭޓް މިނިސްޓަރުންނާއި 20 ޑެޕިއުޓީ މިނިސްޓަރުން އައްޔަން ކުރަން ފުރުސަތު ވަނީ ދީފަ އެވެ. ޖުމްހޫރީ ޕާޓީއަށް ލިބިފައިވަނީ 10 ސްޓޭޓް މިނިސްޓަރުންނާއި، 12 ޑެޕިއުޓީ މިނިސްޓަރު ޕޯސްޓެވެ.

މީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމްގެ މައުމުން ރިފޯމް މޫވްމަންޓަށް އަށް ސްޓޭޓް މިނިސްޓަރުންނާއި 10 ޑެޕިއުޓީ މިނިސްޓަރުންގެ ސްލޮޓް ވަނީ ދީފަ އެވެ. އަދި އަދާލަތު ޕާޓީއަށް ދީފައިވަނީ ހަ ސްޓޭޓް މިނިސްޓަރުންނާއި އަށް ޑެޕިއުޓީ މިނިސްޓަރުންގެ ޖާގަ އެއް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.