ހަބަރު

ހައްޖަށް ދާން ޕެންޝަން ފަންޑް ބޭނުންކުރުމާ މެދު ހިޔާލު ތަފާތު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދު ތަކުގެ ތެރޭގައި ހިމެނޭ ފަރުލު ހައްޖުވާން އެ މީހެއްގެ ޕެންޝަން ފަންޑްގައި ހުންނަ ފައިސާ ބޭނުން ކުރެވޭ ގޮތަށް ހަމަޖެއްސުމާ މެދު ޕެންޝަން އޮފީހުގެ ކަންބޮޑުވުންތަކެއް ހުރިކަމަށް އެ އޮފީހުގެ އޮފިޝަލުން މިއަދު ވިދާޅުވެއްޖެ އެވެ.

ޕެންޝަން އޮފީހުގެ އޮފިޝަލަކު މިއަދު "އަވަސް"އަށް ވިދާޅުވީ، ޕެންޝަންގެ ގާނޫނުގައި ވާގޮތުން ޕެންޝަންގެ ފައިސާ ނެގޭނީ ހަމަ އެކަނި ރިޓަޔައިމަންޓްގައި ކަމަށެވެ. އެނޫން ބޭނުންތަކަށް އެފައިސާ ބޭނުން ނުކުރެވޭނެ ކަމަށެވެ.

އެހެން އެކަން ގާނޫނުގައި ބަޔާންކޮށްފައިވަނިކޮށް، ސަރުކާރުން ޕެންޝަން އޮފީހާވެސް މަޝްވަރާ ކުރުމެއްނެތި އެފަދަ ނިންމުމެއް ނިންމާފައިވަނީ އެކަމުގެ ސަބަބުން ޕެންޝަން ފަންޑަށް ދިގު މުއްދަތެއްގައި ކުރާނެ އަސަރު ރަނގަޅަށް ރިސާޗްކުރުމެއް ނެތި ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، ޕެންޝަންގެ ގާނޫނަށް އިސްލާހު ގެނެސް އެކަން ކުރަން މަސައްކަތް ކުރުމުން ޕެންޝަން ފަންޑުގެ އަސްލު ބޭނުން ކެނޑޭނެ އެވެ.

"ސިޔާސީ ގޮތުން ވައުދުވާ ކޮންމެ ފަހަރަކު ޕެންޝަންގެ ގާނޫނާއި ކުޅެ ހެދުމުގެ ސަގާފަތެއް އުފެދިގެން ހިގައިދާނެ އެކަމުގެ ބިރުވެސް އެބައޮތް،" ނަން ނުޖަހާ ގޮތަށް އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މީގެ ކުރިން 65 އަހަރުން މަތީގެ މީހުންނަށް ދެމުން އައި އެލަވަންސް 2000 ރުފިޔާ އިން 5000 ރުފިޔާއަށް ބަދަލުކުރީވެސް ރިޔާސީ ވައުދެއްގެ ތެރެއިން އެވެ. އަދި އެކަން ވެސް އޭރު ހަމަޖައްސަން ޖެހުނީ. ޕެންޝަން ފަންޑުން އިތުރަށް ހިނގާ ފައިސާ ސަރުކާރުން އެ ފަންޑަށްލާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕެންޝަން ގާނޫނަކީ ވަކި ބޭނުމަކަށް ވުޖޫދުކޮށްފައިވާ ގާނޫނެއް. އެއީ ރިޓަޔާމަންޓްގައި ރިޓަޔާ ކުރާ ފަރާތްތަށް ފައިދާވާގޮތަށް ކަންކަން ގެންދިއުމަށް ރާވާފައިވާ ނިޒާމެއް،" އޮފިޝަލް ވިދާޅުވި އެވެ.

ޕެންޝަން ފަންޑުން ހައްޖަށް ދާން ފައިސާ ނަގާނަމަ އޭގެން ދުރުރާސްތާއަށް ގެއްލުން ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ވައުދު ވެފައި އޮތީ ޕެންޝަން އޮފީހާއި މަޝްވަރާނުކޮށް ކަމުން، އޭގެނަތީއްޖާއަަކަށް ވެގެންދާނީ ކޮންކަންތައްތަކެއް ކަމާއި، ފަންޑަށް އޭގެން ކުރާނެ އަސަރަށްވެސް ބެލިފައެއް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް، އެއީ މީހުންނަަށް ފައިދާ ހުރި ކަމެއްތޯ، ދުނިޔޭގެ އެއްވެސް ތަނެއްގައި ޕެންޝަން ފަންޑުން ފައިސާ ނަގައިގެން ހައްޖަށްދޭތޯވެސް ބަލާފައިނުވޭ. ޒުވާން އުމުރުގައި ޕެންޝަނަށް ކޮންޓްރިބިއުޓް ކުރާ މީހުންގެ މާދަމާގެ ރިޓަޔާމަންޓް ސޭވިންގްސް އެބަ އާދޭ ސުވާލަކަށް މީގެ ތެރެއަަށް،" އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ އެހެން ތަންތަނުގައި ހައްޖަށް ދާން ހުންނަނީ ވަކިން ސްކީމްތަކެއް ކަނޑަައަޅާފައި ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، ޕެންޝަން ސްކީމްއަށް ވެސް އެކަން ކުރެވޭނެ ގޮތަކީ، މިހާރު ޕެންޝަންގެ ގޮތުގައި ނަގަމުން އަންނަ މިންވަރުގެ އިތުރަށް ހައްޖަށް ދާން ބޭނުންވާ މީހެއްގެ އަތުން ކޮންމެ މަހަކުވެސް ވަކި އަދަދެއް ނަގައި، ފަންޑަށް ޖަމާކުރުމެވެ.

"ކުއްލިއަކަށް ގާނޫނަކަށް ބަދަލުގެނެސް މިކަހަލަ ކަންކަން ކުރުމުން މީގެން ނިކުންނަ ނަތީއްޖާއަކީ ކުރިޔަށް އޮތްތާގަވެސް މީހުން އެދޭނެ ޕެންޝަން ފަންޑުން އެހެން ކަންކަން ކޮށްދޭން. މިސާލަކަށް މަތީ ތައުލީމް ހާސިލް ކުރުން ފަދަ ކަންކަމަށް. އެހެން ކަމުން މިނިވަން މުއައްސަސާއަކަށް ވަރަށް ދަތިވާނެ ދެއްތޯ ސިޔާސީ ކަމަކާއި ގުޅިގެން މިކަހަލަ ބަދަލުތައް ގެންނަން. އެހެން ހެދުމުން ރިޓަޔާމަންޓްގައި ބޭނުން ކުރާނެ ފައިސާއެއް ނުހުންނާނެ" އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ޕެންޝަންގެ ގާނޫނަށް ގެންނަން އުޅޭ ބަދަލުގެ ތެރޭގައި ހައްޖައް މީހުން ގެންދިޔުމުގައި ޕެންޝަން ފައިސާ ބޭނުން ކުރެވޭނެ އުސޫލު ހިމެނެ އެވެ. ޕެންޝަން ފައިސާގެ %50 ހައްޖަށްދާން ނެގޭނެ ގޮތް ހެދުމާއި، އެކަމަށްޓަކައި ގަވާއިދެއް ކަނޑައެޅުން ހިމެނެ އެވެ. ހައްޖަށްދާން ފައިސާ ލިބޭނެ ވަކި އުމުރެެއް ކަނޑައެޅުމަށް އަދި ނިންމާފައިނުވާ ކަމަށާއި، ފައިސާ ދޭނީ ރީޓަޔާމަންޓްގައި މަހަކު 2000 ރުފިޔާ ލިބޭވަރަށް ފައިސާ ބަހައްޓާފައިކަމަށްވެސް މަޝްވަރާ ކުރެވިފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ޕެންޝަން އޮފީހުގެ ވިސްނުމަކީ ޕެންޝަން ދިނުމަށް ނޫން ކަމަކަށް ޕެންޝަން ފައިސާ ހަރަދު ނުކުރުންކަމަށާއި، އެހެން ނަމަވެސް ގާނޫނަކަށް ބަދަލު ގެނެސް އެކަން ކުރާނަަމަ އެމުއައްސަސާއަށް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށްވެސް އޮފިޝަލް ވަނީ ވިދާޅުވެފަ އެވެ.

"ހައްޖަށްދާން ފައިސާ ނަގާކަމަށްވާނަަމަ އަޅުގަނޑުމެންގެ ވިސްނުމުގައި ހުރީ ޕެންޝަންގެ ގާނޫނަށް އިސްލާހެއް ގެނެސް ސްކީމެއްގައި ބައިވެރިވެވޭގޮތަށް. އޭގެ މާނައަކީ މިހާރު ހައްޖަށްދާން ބޭނުންވާ މީހުން އިތުރަށް ކޮންޓްރިބިއުޓް ކުރާށޭ. ދެން އަދި ހައްޖަށް ފައިސާ ނަގާއިރު އެހެން ކޮންސާންއެއްވެސް އެބައިން. މި ފަންޑުން އިންވެސްޓްކުރޭ އެކި އެއްޗެހީގައި. އިންޓްރެސްޓް ލިބޭ ގޮތަށް. އެ ފައިސާ އަކީވެސް މީގެ ތެރޭގައި ހިމެނޭނެ އެއްޗެއް. ދެން އެއީ ކޮންޓްރޯވާޝިއަލް އެއްޗެއް އެއީ ރިބާތޯ ނޫނީ ނޫންތޯ" އޭނާ ވިދާޅުވި އެވެ.

ޕެންޝަން ފަންޑުގެ ކުރިން އުފެއްދި ޕޮރޮވިޑެންޓް ފަންޑުން އެކި ބޭނުންތަކަށް ފައިސާ ނެގޭތޮތަށް ހެދުމުން އޭގައި ބައިވެރިވި ފަރާތްތަށް ރިޓަޔާވި އިރު، ރިޓަޔާމަންޓަށް ދޭނެ ފައިސާއެއް ނެތް ކަންވެސް އޭނާ ވަނީީ ފާހަގަކުރައްވާފަ އެވެ. މިފަދަ ކަންކަމަަށް ޕެންޝަން ފަންޑުން ހޭދަ ކުރާނަމަ ޕްރޮވިޑެންޓް ފަންޑަށް ވެގެންދިޔަ ގޮތަށް ވެދާނެ ކަމުގެ ބިރު އޮތްކަންވެސް އޭނާ ވަނީ ފާހަގަ ކުރައްވާފަ އެވެ.