ހަބަރު

ފުލުހުންގެ ފްލެޓްގެ މަސައްކަތް މިނިސްޓަރު ބައްލަވާލައްވައިފި

ފުލުހުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށްޓަކައި ސަރުކާރުން އަޅާ ފްލެޓްތަކުގައި މަސައްކަތް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ބައްލަވާލައްވައިފި އެވެ.

ފުލުހުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށްޓަކައި "ބްލޫސް ހައުސިން ސްކީމް"ގެ ދަށުން ހުޅުމާލޭގައި ގާއިމް ކުރާ ފްލެޓްތައް ބައްލަވާލެއްވުމަށް މިނިސްޓަރު އިމްރާނާއެކު ކަމިޝަނާ އޮފް ޕޮލިސް ހަމްދޫން ރަޝީދުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ކުރަނީ ތައިލެންޑުގެ އައިލެންޑް އެކްސްޕާޓް ނަމަކަށް ކިޔާ ކުންފުންޏަކުން އެވެ. އެ ތަންތަނުގެ މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވާތާ މިހާރު ވަނީ އަހަރުތަކެއްވެފަ އެވެ. އެމަސައްކަތް ފަށާފައިވަނީ 2014 ވަނަ އަހަރުގެ ތެރޭގައި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ބަޖެޓްގައި ސިފައިންނާއި ފުލުހުންގެ ފްލެޓުތައް އިމާރާތް ނިންމުމަށް އިތުރަށް ޖެހޭ ކަންކަމަށް 101.7 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ވަނީ ހިމަނާފަ އެވެ. މިދިޔަ ދެ އަހަރު އެ މަސައްކަތް ކުރަމުން ދިޔައީ ފުލުހުންނާއި ސިފައިންގެ ކުންފުނި، ޕޮލްކޯ އާއި ސިފްކޯގެ ބަޖެޓުން އެވެ. ނަމަވެސް 2020 ވަނަ އަހަރު އެ މަޝްރޫއަށް 215.7 މިލިއަން ރުފިޔާ ހަރަދު ވާއިރު 2021 ވަނަ އަހަރު އެ މަޝްރޫއަށް 440.7 މިލިއަން ރުފިޔާ ހަރަދު ކުރަން މިއަހަރު ވަނީ ބަޖެޓްކޮށްފަ އެވެ.

ރައީސް ސޯލިހް ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި އެ މަޝްރޫއު ނިންމާ ހަވާލު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.