ހަބަރު

ދެ ކޮމިޝަނަށް ބާރުތައް ދީފިނަމަ، ކޯޓަށް ދާނަން: ޔާމީން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ދެ ކޮމިޝަނަށް ގާނޫނަކުން ބޮޑެތި ބާރުތައް ދިނުމަކީ ގާނޫނު އަސާސީއަށް ފުށުއަރާ ކަމެއް ކަމަށާއި އެގޮތަށް ބާރުތައް ދީފިނަމަ ސުޕްރީމް ކޯޓަށް ވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ މެންބަރުންތަކަކަށް މަޖިލިސް އިންތިހާބުގެ ޓިކެޓް ދިނުމަށް ބޭއްވި ހަފުލާގައި ދެ ކޮމިޝަނަށް އެއްބާރުލުން ދެއްވާނަންތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން ރައީސް ޔާމީން ވިދާޅުވީ، އެގޮތަށް ބާރުތައް ދިނުން ގަބޫލުފުޅު ނުކުރައްވާ ކަމަށާއި އެކަމުގައި ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ. ބާރުތައް ދިނުން ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިނަމަ، ކޮމިޝަންތަކަށް އެއްބާރުލުން ދެއްވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި މީހުން ހައްޔަރުކުރުމާއި ފުރުން މަނާ ކުރުން ފަދަ ބާރުތައް ދެ ކޮމިޝަނަށް ދޭން ހުށަހަޅާފައިވަނީ ގާނޫނު އަސާސީއާ ހިލާފަށެވެ. އެއީ ގާނޫނު އަސާސީއިން ވަކި މުއައްސަސާތަކަކަށް ދީފައިވާ ބާރެއް ކަމަށާއި އެފަދަ ބާރުތަކެއް ރައީސްގެ ރިޔާސީ ކޮމިޝަނަކަށް ނުދެވޭނެ ކަމަށެވެ. އެ ބާރުތައް ކޮމިޝަނަށް ދީގެން ގާނޫނު ފާސްކޮށްފިނަމަ އެ ބާތިލްކުރަން ސުޕްރީމް ކޯޓަށް ވަޑައިގަންނަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"ގާނޫނު އަސާސީއާ ހިލާފު ކަމެއް ކުރުމުގެ މެންޑޭޓެއް ރައްޔިތުންގެ މަޖިލީހަކަށް ވެސް ނެތް، އެފަދަ ކަމެއް މަޖިލީހަށް ވެސް ކުރެވޭނީ ގާނޫނު އަސާސީ އިސްލާހުކޮށްގެން، އެހެން އޮތްވާ އެކަން ފާސްކޮށްފިނަމަ އަޅުގަނޑުމެން ހިނގަން އޮންނާނެ މަގަކީ ދުސްތޫރީ ހުރިހާ މައްސަލަތަކެއް ހުށަހަޅަން މިޖެހެނީ ސުޕްރީމް ކޯޓަށް،" ރައީސް ޔާމީން ވިދާޅުވި އެވެ.

ސަރުކާރުގެ ފަރާތުން، ހުށަހަޅާފައިވާ "ދައުލަތުގެ ފައިސާއާއި މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބެލުމުގެ ބިލް"ގައި ކޮމިޝަންތަކަށް ގިނަ ބާރުތަކެއް ދޭން ހިމަނާފައިވެ އެވެ. އެ ބިލާ ދެކޮޅަށް ޕީޕީއެމްގެ މަޖިލިސް މެންބަރުން ކަންބޮޑުވުން ފާޅު ކުރައްވަމުން ދަނިކޮށް ބިލް ބަލައިގަނެ، ކޮމެޓީއަށް މިހާރު ވަނީ ފޮނުވާފަ އެވެ.

މަތީ މަގާމުތަކުގައި ތިއްބަވާ ފަރާތްތަކުން ހިންގާ ކޮރަޕްޝަންގެ މައްްސަލަތަކާއި ދައުލަތުން ގެއްލިފައިވާ ފައިސާތައް ހޯދުމުގެ މަސައްކަތަށް ރައީސް އުފައްދަވާފައި ވަނީ "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" އެވެ. އަދި މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އުފައްދަވާފައި ވަނީ، "މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަން" އެވެ.

މިހާރު ހުށަހަޅާފައިވާ ބިލް ފާސްވެއްޖެ ނަމަ އެދެ ކޮމިޝަނަކީ އަމިއްލައަށް ދައުވާ އުފުލުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ ތަހުގީގީ ދެ މުއައްސަސާއަށް ބަދަލުވެގެން ދާނެ އެވެ. އަދި ޝައްކު ކުރެވޭ ތަންތަން ބެލުމާއި ތުހުމަތުވާ މީހުން ހައްޔަރުކުރުން ފަދަ ކަންކަމަށް ކޯޓް އަމުރަށް އެދުމާއި އެކައުންޓް ފްރީޒް ކުރުން ފަދަ ކަންކަމަށް އެދުމުގެ ބާރު އެ ކޮމިޝަނަށް ލިބިގެންވެ އެވެ. މީގެ އިތުރުން، އެ ކޮމިޝަނުން ފޮނުވާ މައްސަލަތައް ޝަރީއަތަށް ފޮނުވާނެތޯ ނިންމުމަށް އެސިސްޓެންޓް ޕީޖީއެއްގެ ބެލުމުގެ ދަށުން ހާއްސަ ޕްރޮސިކިއުޝަން ސެކްޝަނެއް ޕީޖީ އެކުލަވާލައްވަން ޖެހެ އެވެ. އަދި އެތަނުން މައްސަލަތަކާ މެދު 15 ދުވަހުގެ ތެރޭގައި ގޮތް ނިންމަން ޖެހެ އެވެ. އަދި ޝަރީއަތަށް ފޮނުވާ މައްސަލަތައް 60 ދުވަހުގެ ތެރޭގައި ޝަރުއީ ހުރިހާ މަރުހަލާއެއް ނިންމަން ޖެހެ އެވެ.