އުސޫލުތަކުގެ ތެރެއިން ކަންކަން ކުރުމުގެ ބަދަލުގައި ބާރާއި ނުފޫޒު ބޭނުންކޮށްގެން އޭވިއޭޝަން ދާއިރާގެ މުސްތަގްބަލް ރަނގަޅު ނުކުރެވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ އޭވިއޭޝަން ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު އައިޝާ ދެއްވި ހިތޯބުގައި ވިދާޅުވީ، ވައިގެ ދަތުރުފަތުރުގެ ދާއިރާ ރަނގަޅުކޮށް، ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ގަވާއިދުތަކުގެ ތެރެއިން މަސައްކަތް ކުރުން އާދައަކަށް ހަދަންޖެހޭ ކަމަށެވެ. އުސޫލުތަކުގެ ތެރެއިން ކަންކަން ކުރުމުގެ ފުރުސަތު ކޮންމެ ފަރާތަކަށް ވެސް އޮންނަ އިރު، ނުފޫޒުގެ ބޭނުންކޮށްގެން ކަންކަން ކުރަން ހިފާހިފުން މުޅިން ތައްތާލަންޖެހިފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ، މިކަންކަން ރަނގަޅު ކުރުމަށް އާ ސަރުކާރުން ހަރުދަނާ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ފުޅާވަމުން އަންނަ އިރު، އެއާޕޯޓްތަކުގެ މުހިއްމުކަން ފާހަގަކުރައްވަމުން މިނިސްޓަރު އައިޝާ ވިދާޅުވީ، އޭވިއޭޝަން ދާއިރާ ތަރައްގީ ކުރުމަށްޓަކައި ޑޮމެސްޓިކް އެއާޕޯޓްތައް ނަފާވާ ވިޔަފާރިތަކަކަށް ބަދަލުކުރުމަށް މިހާޜު މަސައްކަތް ކުރަންޖެހިފައިވާ ކަމަށެވެ. ގިނަ އެއާޕޯޓްތައް އިތުރުކޮށް، ދާއިރާގެ ހިނގުން ހަރުދަނާވެ، ހިދުމަތް ފުރިހަމަވެގެންދާނީ އޭރުން ކަމުގައި ވެސް ވިދާޅުވި އެވެ.
"ކުރިއަށް އޮތް ދުވަސްތަކުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީން ސްޓްރެޓެޖިކް ޕޮލިސީތަކާއި ޕްލޭންތައް ތައާރަފްކުރެވިގެންދާނެ. މި މަސައްކަތްތައް އޮތޯރިޓީން ކުރަމުންގެންދާނީ ސިނާއަތުގެ ބައިވެރިންގެ މަޝްވަރާއާ ހިޔާލު ހޯދައިގެންނެވެ،" އައިޝާގެ ހިތޯބުގައި ވިދާޅުވި އެވެ.
ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާ ތަރައްގީކުރުމަށްޓަކައި މިހާރު ހިދުމަތްދޭ 12 އެއާޕޯޓްގެ އިތުުން އިތުރު އެއާޕޯޓްތައް އެޅުމުގެ މުހިއްމުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ވެލާނާ އެއާޕޯޓް ތަރައްގީކުރުމަށް މިހާރު ކުރިއަށްދާ މަސައްކަތްތައް ވީހާވެސް އަވަހަށް ނިންމައި ހިދުމަތް ރަނގަޅުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު އައިޝާ ވަނީ، އާ ސަރުކާރުގެ 100 ދުވަހުގެ އޭވިއޭޝަން ދާއިރާއާ ގުޅުންހުރި ބައެއް ވައުދުތައް ފާހަގަކޮށް އެކަންކަން އެ މުއްދަތުގެ ތެރޭގައި ކޮށް ނިންމަވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އެގޮތުން އެއާޕޯޓް، ހުޅުމާލެ ފެރީގެ ހިދުމަތް އެހެން ސަރަހައްދަކަށް ބަދަލުކޮށް، އެއާޕޯޓް މުވައްޒަފުންނަށް ހާއްސަ ޕާކިން އޭރިއާއެއް ފުރަތަމަ 100 ދުވަހުގެ ތެރޭގައި ގާއިމްކޮށް ނިންމާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ދަތުރުފަތުރުގެ ދާއިރާ ޒަމާނީކޮށް، ރަށްތައް ގުޅާލުމަކީ ރައީސް އިބްރާހިމް މުައްމަދު ސޯލިހްގެ ވައުދުފުޅެކެވެ.