ދުނިޔެ

ވާވޭގެ ވެރިޔާއަށް ދައުވާ ކުރަން އެމެރިކާއިން ބޭނުންވޭ

Dec 8, 2018
2

އޮޓާވާ (ޑިސެމްބަރު 8) - އިރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ހިލާފަށް ޗައިނާގެ ޓެލެކޮމް ކުންފުނި ވާވޭގެ އެކްޒެކެޓިވް މެންބަރެއް ކަމަށްވާ މެންގް ވަންޒޫ އިސްވެ ވިޔަފާރިކޮށްފައިވާކަމަށް ތުހުމަތުކޮށް، އެކަމުގެ ދައުވާ ކުރަން ބޭނުންވާކަމަށް އެމެރިކާއިން ބުނެފި އެވެ.

ވާވޭގެ ޗީފް ފައިނޭންޝަލް އޮފިސަރު އަދި ކުންފުނީގެ ބާނީގެ އަންހެން ދަރިފުޅު ވެންކޫވާ އެއާޕޯޓުން ހައްޔަރު ކުރީ މި މަހު 1 ވަނަ ދުވަހު އެވެ. އަދި އޭނާއަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން ދައުވާ ކުރުމަށް އެމެރިކާއާ ހަވާލު ކުރުމަށް އެމެރިކާ ސަރުކާރުން ދަނީ ބާރު އަޅަމުންނެވެ.

ވަންޒޫ ކަފާލާތުގެ ދަށުން ދޫކޮށްލުމާއި ގުޅޭގޮތުން ބޭއްވި އަޑުއެހުމެއްގައި، ކެނެޑާގެ އޮފިޝަލުން ވިދާޅުވީ، ވަންޒޫ ވަނީ އެހެން ކުންފުންޏެއްގެ ނަމުގައި އިރާނާއެކު ވިޔަފާރީގެ މުއާމަލާތްތަކެއް ކޮށްފައި ކަމަށެވެ.

ވާވޭއާއި އެއްވެސް ގުޅުމެއްނެތް ކަމަށް ދައްކައި، ސްކައި ކޮމް ކިޔާ ކުންފުންޏަކުން އިރާނުގައި ވިޔަފާރިކޮށްފައިވަނީ، ވަންޒޫ އިސްވެ ހުރެ ބޮޑެތި އޮޅުވާލުންތަކެއްގެ ނިވަލުގައިކަމަށް ކެނެޑާއިން ވަނީ ތުހުމަތުކޮށްފަ އެވެ.

ވަންޒޫގެ ކަފާލާތާއި ގުޅޭ ނިންމުމެއް އަންނަ ހޯމަ ދުވަހު ނިންމާނެކަމަށް ކޯޓުން ވަނީ ބުނެފަ އެވެ.

އެ ދައުވާތައް ސާބިތުވެއްޖެނަމަ، 46 އަހަރުގެ ވަންޒޫއަށް 30 އަހަރުގެ ޖަލު ހުކުމެއް އަންނާނެކަމަށް ބެލެވެ އެވެ.

އެމެރިކާ އާއި ޗައިނާގެ ވިޔަފާރީގެ ގުޅުމުގައި ނުތަނަވަސްކަން އުފެދިފައިވާ ދުވަސްވަރެއްގައި، ވަންޒޫ ހައްޔަރުކޮށްފައިވަނީ އެއްވެސް ސަބަބެއް ނެތި ކަމަށް ޗައިނާގެ އިތުރުން ވާވޭ ކުންފުނިން ވެސް ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.