ހަބަރު

އެމްއެމްޕީއާރްސީއާއެކު މުއާމަލާތް ކުރީ ގާނޫނާ އެއްގޮތަށް: ބީއެމްއެލް

ބޮޑެތި ހިޔާނާތުގެ މައްސަލަތަކެއް ހިނގި، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)އާއެކު ހުރިހާ މުއާމަލާތްތަކެއް ކޮށްފައިވާނީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އިން ބުނެފި އެވެ.

ބީއެމްއެލް އިން މިހެން ބުނީ، އެމްއެމްޕީއާރްސީ ހިޔާނާތުން ފައިސާ ގެއްލުނު މައްސަލާގައި ބެންކުތަކުން ޖަވާބު ދާރީވާން ޖެހޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވުމާ ގުޅިގެން އެވެ.

އެކަމަށް ރައްދު ދެއްވަމުން ބީއެމްއެލް އިން ބުނީ އެ ބެންކުން އަބަދުވެސް މަސައްކަތް ކުރަނީ ރާއްޖޭގައި ހެދިފައި ހުރި ގާނޫނާއި ގަވައިދުތަކާ އަދި އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް އާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. ހަމަ އެފަދައިން އެމްއެމްޕީއާރްސީއާއެކު ހުރިހާ މުއާމަލާތްތައް ބީއެމްއެލް އިން ހިންގާފައި ވަނީ ވެސް ގާނޫނާއި ގަވައިދުތަކާ އެއްގޮތަށް ކަމަށާއި އެކަމުގައި ގަވައިދާ ހިލާފަށް އެއްވެސް ކަމެއްކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

"ބީއެމްއެލް އިން އަބަދުވެސް މަސައްކަތް ކުރަނީ ނަޒާހަތްތެރިކަން ހިފެހެއްޓުމަށާއި ބެންކަށް ލިބޭ އާމްދަނީ އަނބުރާ މުޖުތަމައުއަށް ފޯރުކޮށްދީ ގައުމުގެ ކުރިއެރުމަށް،" ބެންކުން ބުންޏެވެ.

ބީއެމްއެލް އިން ބުނީ އެމްއެމްޕީއާރްސީ މައްސަލަ މިހާރު ވެސް މުއައްސަސާތަކުން ތަހުގީގު ކުރަމުންދާތީ، އިތުރު މައުލޫމާތު މިވަގުތު ހާމަ ނުކުރެވޭނެ ކަމަށެވެ.