ހަބަރު

މަޖިލިސް ކޮމިޓީއަށް ހާޒިރުވާން ނީޒާާ އަމިއްލައަށް އެދިއްޖެ

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބައެއް އިސްވެރިން އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅުވައިގެން އެމްއެމްއޭގެ ކުރީގެ ޑެޕިއުޓީ ގަވަރުނަރު އަދި މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ނީޒާ އިމާދަށް ކުރި ތުހުމަތުތަކަށް ޖަވާބު ދިނުމަށް އެ ކޮމިޓީއަށް ހާޒިރުކޮށްދޭން އޭނާ އަމިއްލައަށް އެދިއްޖެ އެވެ.

ކޮމިޓީގައި ބީއެމްލް އިން ބުނީ އެމްއެމްޕީއާރްސީގެ ފައިސާތަކެއް އެސްއޯއެފްގެ އެކައުންޓަށް ޖަމާވަމުން ދިޔައިރު އެ މުއާމަލާތް ނުހިފެހެއްޓުނީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓަލިޖެންސް ޔުނިޓު (އެފްއައިޔޫ) ގެ އިސްވެރިން ދެއްވި ލަފާގެ މަތިން ކަމަށެވެ. އޭގެ ތެރޭގައި ނީޒާ ވެސް ހިމެނެ އެވެ.

މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގަރިއްރު، ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒަށް އެޑްރެސްކޮށް ނީޒާ ފޮނުއްވި ސިޓީގައި ވަނީ ބޭންކް އިން ދެއްކި ވާހަކަތަކަކީ ކަމުގެ ހަގީގަތް އޮޅުވާލަން ދެއްކި ވާހަކަތަކެއް ކަމަށާއި އެ ކަމުގެ ހަގީގަތް ސާފުކޮށްދޭން ބޭނުންވާތީ އޭނާއަށް އެ ފުރުސަތު ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ނީޒާ މީގެ ކުރިން ވިދާޅުވީ އެފަދަ ކަމަކާ ގުޅިގެން ވަކި ކަމެއް ކުރަން އޭނާގެ ފަރާތްޕުޅުން ބީއެމްއެލް އަށް އެއްވެސް ލަފައެއް ދެއްވާފައި ނުވާނެ ކަށާއި އެމްއެމްޕީއާރްސީ އަދި އެސްއޯއެފާ ގުޅޭ ގޮތުން އޭސީސީން ކުރިޔަށް ގެންދިޔަ ތަހުގީގަށް ވެސް މައުލޫމާތު ދެއްވާފައިވާނެ ކަމަށެވެ.

ކޮމެޓީއަށް ވަޑައިގެންނެވި ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ އެސްއޯއެފް އިން ހިންގަނީ މަނީ ލޯންޑަރިންގްއަށް ޝައްކު ކުރެވޭ މުއާމަލާތްތަކެއް ކަމުން، އެފްއައިޔޫއަށް ރިޕޯޓް ފޮނުވުމުގެ އިތުރުން، އެ ކުންފުނީގެ އެކައުންޓުތައް ވެސް ވަގުތީ ގޮތުން ހިފެހެއްޓި ކަމަށެވެ. ނަމަވެސް، އެފްއައިޔޫ އާއެކު ފޯނުން މެދުވެރިކޮށް ބޭއްވި ބައްދަލުވުންތަކުގެ ތެރެއިން ކުރި މުއާމަލާތްތަކުގައި، އެއްވެސް އެކައުންޓެއް ހިފެހެއްޓުމުގެ ބާރު ބޭންކަށް ލިބިގެން ނުވާކަމަށް އެންގި ކަމަށެވެ.

ބޭންްކުން އެގޮތަށް ބުނުމުން އެފްއައިޔޫގެ ފަރާތުން އެ ގޮތަށް އެންގެވި ބޭފޫޅުންގެ ނަންތައް ހާމަކޮށްދިނުމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު އެދިވަޑައިގަތެވެ.

ދެން ބީއެމްއެލްގެ އިންޓަރިމް ރިސްކް އޮފިސަރު ޔާމީން އާދަމް ވިދާޅުވީ މަނީ ލޯންޑަރިންއަށް ޝައްކުވާ މުއާމަލާތެއް ހިންގާފައިވާ ކަން ބޭންކްގެ ކަމާ ބެހޭ ޑިޕާޓްމަންޓަށް ފާހަގަވެގެން އެސްއޯއެފްގެ އެކައުންޓް ވަގުތީ ގޮތުން ހިފަހައްޓައި، އެފްއައިޔޫއަށް ނޮވެމްބަރު 2014 ގައި ރިޕޯޓް ކުރި ކަމަށެވެ.

ނަމަވެސް އޭރު އެފްއައިޔޫއާ ހަވާލުވެ ހުންނެވި، ޑެޕިއުޓީ ގަވަރުނަރު ނީޒާ ލަފާ ދެއްވީ އެސްއޯއެފްގެ އެކައުންޓްތައް ބޭންކަށް ނުހިފެހެއްޓޭނެ ކަމަށާއި، މުއާމަލާތްތައް ކުރިއަށް ގެންދިޔުމަށް ކަމަށެވެ. އަދި އޭރު ޗުއްޓީގައި ހުންނެވި، އެފްއައިޔޫގެ ވެރިޔާ، އާތިފް ޝަކުރޫ ވެސް ޗުއްޓީއިން އެނބުރިވަޑައިގެން ހަމަ އެގޮތަށް ވިދާޅުވި ކަމަށް އޭނާ ހާމަކުރެއްވި އެވެ.