ހަބަރު

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ ޝަރީފް އިސްތިއުފާ ދެއްވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑެޕިއުޓީ ސީއީއޯގެ މަގާމުން މުހައްމަދު ޝަރީފް އިސްތިއުފާ ދެއްވައިފި އެވެ.

ބީއެމްއެލްއިން ބުނީ ޝަރީފް އިސްތުއުފާ ދެއްވާފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. އޭނާއަކީ އެ ބޭންކަށް 25 އަހަރަށްވުރެން ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅެކެވެ.

ޝަރީފަކީ ބޭންކުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. މީގެ ތެރޭގައި ހެޑް އޮފް ކާޑް ސެންޓާ އާއި ރީޓެއިލް ބޭންކިން ޑައިރެކްޓަރު ކަމާއި އަދި އޮޕަރޭޝަންސް ޑައިރެކްޓަރުގެ މަގާމު ހިމެނެއެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅިގެން ޝަރީފް ވަނީ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. އަދި މި ކޮމިޓީގައި ދޮގު މައުލޫމާތު ދެއްވި ކަމަށް ބުނެ މަޖިލީހުގެ ފަރާތުން ވަނީ ފުލުހުންނަށް މައްސަލައެއް ވެސް ހުށަހަޅާފަ އެވެ.

މީގެއިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގައި އެމަނިކުފާނާ ދެކޮޅަށް ދައުލަތުގެ ހެއްކެއްގެ ގޮތުގައި ޝަރީފް ހެކި ބަސް ވެސް ދެއްވާފައިވެ އެވެ.