ތަހުގީގީ އިދާރާ ތަކަށް މައުލޫމާތު ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ޝަރީއަތުން ގޮތެއް ކަނޑައެޅެންދެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުންނަށް ފިޔަވަޅު އެޅުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދުނީ ކޮމިޝަނަށް މައުލޫމާތު ދެވޭނެ ގޮތެއް ބަލައި، ކަސްޓަމަރުންގެ މައުލޫމާތު ރައްކާތެރި ކުރަން ކަމަށް ބޭންކުން ބުނެފި އެވެ.
ސިވިލް ކޯޓުގައި އެ ފަދަ އަމުރަކަށް ބީއެމްއެލް އިން އެދުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނާ ދެކޮޅަށް އެ ބޭންކުން ހުށަހަޅާފައިވާ މައްސަލާގެ ޑިސްޕިއުޓް މަރުހަލާގަ އެވެ. ބޭންކުން އެދިފައިވަނީ މައްސަލާގައި ގޮތެއް ކަނޑައަޅައި ނުނިމެނީސް މައުލޫމާތު ނުދީގެން އެއްވެސް މުވައްޒަފަކަށް ފިޔަވަޅު އެޅުމުގެ އަމުރެއް ނުދިނުމަށެވެ.
ސިވިލް ކޯޓުގައި އަމުރަށް އެދުނު ސަބަބު ބަޔާންކޮށް ބީއެމްއެލް އިން މިއަދު ބުނީ ބޭންކިން ގާނޫނުގެ ދަށުން ބޭންކެއްގެ ކަސްޓަމަރުންގެ އެކައުންޓްތަކާއި އެކައުންޓުން ކުރެވޭ އެންމެހައި މުޢާމަލާތްތަކުގެ ސިއްރު ހިފެހެއްޓުމަކީ ބޭންކުތަކުގެ މައްޗަށް ގާނޫނުން ލާޒިމުކުރާކަމެއް ކަމަށާއި ކަސްޓަމަރުންގެ މައުލޫމާތަކީ ތަހްގީގީ އިދާރާ ތަކުން ކުރިއަށްގެންދާ ތަހްގީގު ތަކަށް މުހިއްމު މައުލޫމާތެއް ކަމަށް މި ބޭންކުން ގަބޫލުކުރާ ހިނދު، ގާނޫނީ އިމުގެ ތެރެއިން، ރާއްޖޭގެ ބޭންކިންއާ ބެހޭ ގާނޫނުގެ 41 ވަނަ މާއްދާ އިން ލާޒިމްކުރާ މިންވަރަށް، މި ބޭންކުން ވާނީ ކަސްޓަމަރުންގެ މައުލޫމާތު ތަހްގީގީ އިދާރާތަކާ ހިއްސާކޮށްފައިވާނެ ކަމަށެވެ.
ނަމަވެސް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 72 ވަނަ މާއްދާއާއި 73 ވަނަ މާއްދާއަށް ހަވާލާދީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަޟިއްޔާ ނަންބަރު: 2019/HC-A/26 ގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 72 ވަނަ މާއްދާގެ (ބ) އަކީ އެ މާއްދާގެ (ހ) އަށް އޮތް އިސްތިސްނާ ހާލަތެއް ކަމުގައި ބެލިނަމަވެސް އެ އިސްތިސްނާއެއްގެ ބޭނުން ކުރަން ވާނީ ގާނޫނެއް ނުވަތަ ގަވާއިދެއްގައި ކަނޑައަޅާފައިވާ އާއްމު އިޖުރާއަތުތައް ބޭނުން ކުރުމަށް ނުކުޅެދިއްޖެ ހާލަތެއްގައި އެކަށީގެންވާ ސަބަބުތަކަކާއިއެކު ކަމުގައި އެ މައްސަލަ ބެއްލެވި ފަނޑިޔާރުން ފާހަގަކުރައްވާފައިވާ ކަމަށް ބޭންކުން ބުނެފައިވެ އެވެ.
އެ ބޭންކުން ބުނީ ރާއްޖޭގެ ހައިކޯޓުގެ މި ނިންމުމަކީ، އެ އަށްވުރެ މަތީ ކޯޓަކުން ނުވަތަ ގާނޫނަށް ގެނެވޭ ބަދަލަކުން އެހެންގޮތެއް ކަނޑަނޭޅޭ ހިނދަކު، މި ބޭންކުން ތަބާ ވާންޖެހޭ ނިންމުމެއް ކަމަށެވެ. އަދި މި ނޫންގޮތަކަށް އަމަލުކުރުމަކީ ބޭންކަށް ލިބިގެންވާ އިހްތިޔާރެއް ނޫންކަމަށާއި ބޭންކުގެ އެންމެހައި ކަސްޓަމަރުންގެ މަސްލަހަތު ހިމާޔަތްކުރުމަކީ ބެންކުގެ މަސްއޫލިއްޔަތެއް ކަމުގައި ބޭންކުން ބުނެފައިވެ އެވެ.
"އެހެންކަމުން، ސިވިލް ކޯޓަށް މި ބޭންކުން މައްސަލަ ހުށަހަޅާފައިވަނީ ހައިކޯޓުން ނިންމާފައިވާ މި ގަޟިއްޔާ އާއި ގުޅިގެން ތަހްގީގީ އިދާރާތަކަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ބޭންކުން ޢަމަލުކުރަންޖެހޭ ކަމަށް މި ބޭންކަށް ގަބޫލުކުރެވޭ ގޮތާއި ތަހްގީގީ އިދާރާތަކުން ދެކޭ ގޮތާމެދު ޚިލާފު އުފެދިފައިވާތީ، ހުރިހާ ފަރާތެއްގެ މަސްލަހަތު ހިމާޔަތް ކުރެވޭނެ ފަދަ އެދެވޭ ހައްލެއް ޝަރީއަތް މެދުވެރިކޮށް ހޯދުމަށެވެ،" ބީއެމްއެލް އިން ބުނެފައިވެ އެވެ.
ބީއެމްއެލް އިން ބުނީ ރިޔާސީ ކޮމިޝަނުން އެދިފައިވާ މައުލޫމާތު މި ބޭންކުން ފޯރުކޮށްނުދީފިނަމަ އެ ކޮމިޝަނުގެ މަސްއޫލިއްޔަތާއި ޒިންމާތަކަށް ހުރަސް އަޅަނީ ކަމުގައި ބަލައި، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅެއް މި ބޭންކުގެ މައްޗަށް އެ ކޮމިޝަނުން އަޅާނެކަމަށް އަންގާފައިވާތީ މި މައްސަލައިގައި ކޯޓުން ވަކިގޮތެއް ނިންމަންދެން ކޮމިޝަނުން ބޭންކުގެ މައްޗަށް އެއްވެސް ފިޔަވަޅެއް އެޅުން ވަގުތީ ގޮތުން ހުއްޓުވުމަށް އެދުނީ ކަމަށެވެ.
ބޭންކެއްގެ ނުވަތަ ބޭންކެއް ހިންގާ ފަރާތްތަކުގެ މައްޗަށް ގާނޫނީ ފިޔަވަޅު އަޅަން ފެށިއްޖެނަމަ، ބޭންކަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާންޖެހި، ބޭންކިން ސިނާއަތަށް މިކަމުގެ ނޭދެވޭ އަސަރުކޮށް ބޭންކުގެ ކޮރަސްޕިންޑެންޓް ބޭންކް ނެޓްވާކްތަކާއި، ކާޑް ނެޓްވާކްތަކާއި ރޭޓިން އޭޖެންސީ ތަކުން ދެކޭގޮތް ބަދަލުވެ ބޭންކުގެ އޮޕަރޭޝަންތައް ހިންގުމަށް ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ. އަދި މި ބޭންކަށް ލިބޭ ކޮންމެ ގެއްލުމަކީ އޭގެ އަސަރު މި ބޭންކުގެ ހިއްސާދާރުން ކަމުގައިވާ ދިވެހި ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ކުރާނެ ކަމަށް ބީއެމްއެލް އިން ބުނެފައިވެ އެވެ.