ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ސާކްގެ މައްސަލަތައް ހައްލުކުރަން ރާއްޖެ މަސައްކަތް ކުރާނަން: ރައީސް

ސާކުގެ މެންބަރު ގައުމުތަކަށް ދިމާވާ އިޖްތިމާއީ އަދި އިގްތިސޯދީ ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖެއިން އަބަދުވެސް ފުރިހަމަ އެއްބާރުލުމާ އެހީތެރިކަން ދެއްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުއްޖެ އެވެ.

"ސާކް ޗާޓާ ޑޭ"ގެ މުނާސަބަތުގައި ސާކްގެ ސެކްރެޓަރީ ޖެނެރަލް އަމްޖަދް ބީ. ސިއާލްއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ސާކް ގައުމްތަކުގައި ހިމެނޭ ގައުމުތަކުގެ އިޖްތިމާއީ އަދި އިގްތިސޯދީ ހަމަޖެހުން ގާއިމްކުރުމަށް ރާއްޖެ އަބަދުވެސް އެއްބާރުލުންދެއްވާނެ ކަމަށެވެ. އަދި މި ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ލާބައާއި މަންފާއަށް އެންމެން އެކުގައި މަސައްކަތްކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވެފައިވެ އެެވެ.

"މި ސަރަހައްދުގައި ސުލްހަ ގާއިމުކޮށް، އިޖްތިމާއީ އަދި އިގްތިސޯދީ ހަމަޖެހުން ގާއިމްކުރުމަށް ދިވެހިރާއްޖެ އަބަދުވެސް އެއްބާރުލުންދެއްވާނަން އަދި ގައުމުތަކުގެ ތަފާތު އެއްކައިރިކޮށް މި ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ލާބައާއި މަންފާއަށް އެންމެން އެކުގައި މަސައްކަތްކުރާނެކަމަށް އުއްމީދުކުރަން،" ރައީސް ވިދާޅުވި އެވެ.

ސާކުގެ ގައުމުތަކުން އިޖްތިމާއީ އަދި އިގްތިސޯދީ ރޮނގުން ހޯދި ކުރިއެރުންތަކުގައި އެ ޖަމިއްޔާގެ ދައުރު ބޮޑުކަން ފާހަގަ ކުރައްވައި އެއް ގައުމު އަނެއް ގައުމާ ގުޅުން ބަދަހިކުރުމުގައިވެސް ސާކުން މުހިންމު ރޯލެއް އަދާކުރާ ކަމަށް ރައީސް ވަނީ ފާހަގަ ކުރައްވާފަ އެވެ.

ސާކް އުފެދުނުތާ 34 ވަނަ އަހަރު މިއަދު ފާހަގަކުރަމުންދާއިރު ރައީސް ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ސާކް ސެކްރެޓަރީ ޖެނެރަލަށާއި، ސާކްގެ މެންބަރު ގައުމުތަކާއި، ސާކްގެ މުވައްޒަފުންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވާފަ އެވެ.