ހަބަރު

ހަލާކުވެފައިވާ މުސްހަފްތައް ނައްތާލުމުގެ ޕްރޮގްރާމެއް ފަށައިފި

ބާވެ، ހަލާކުވެފައިވާ މުސްހަފުތައް ނައްތާލުމުގެ ޕްރޮގްރާމެއް އިސްލާމިކް މިނިސްޓްރީން މިއަދު ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ބާވެ ހަލާކުވެފައިވާ މުސްހަފް ނައްތާލުމާބެހޭ ޕްރޮގްރާމެއް އިސްލާމިކް މިނިސްޓްރީން މާލޭގައި ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އާންމުންނަށް ފުރުސަތު ހުޅުވާލައިގެން ކުރިއަށްގެންދެވުނު އެޕްރޮގްރާމްގައި 12،500 އަށްވުރެ ގިނަ މުސްހަފް ނައްތާލުމަށްޓަކައި ބަލައިގެންފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ، މުސްހަފްތައް ނައްތާލުމަށް ހަމަޖެހިފައިވަނީ އެމްއެންޑީއެފްއާ ގުޅިގެން މުސްހަފް ނައްތާލުމުގެ ޝަރުއީ މިންގަނޑުގެ ތެރޭގައި، ދީނީ އިލްމުވެރިންގެ ބެލުމުގެ ދަށުން ކަމަށެވެ. އަދި އެ މަސައްކަތަކީ އިސްލާމިކް މިނިސްޓްރީން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮގްރާމެއް ކަމަށެވެ.

އެ ގޮތުން ކުރިއަށް އޮތް ތަނުގައި އޮތޮޅުތެރޭގައިވެސް މިފަދަ ޕްރޮގްރާމްތައް ރާވައި ހިންގުމަށް ނިންމާފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.