ދުނިޔެ

ވާވޭގެ ވެރިޔާ ދޫކުރުމަށް ގޮވާލާ ޗައިނާއިން އިންޒާރު ދީފި

Dec 9, 2018
4

ބެއިޖިންގް (ޑިސެމްބަރު 8) - ޗައިނާގެ ޓެލެކޮމް ކުންފުނި ވާވޭގެ އެކްޒެކެޓިވް މެންބަރެއް ކަމަށްވާ މެންގް ވަންޒޫ ވަގުތުން ދޫކޮށްލުމަށް ގޮވާލައި، ޗައިނާ ސަރުކާރުން ކެނެޑާއަށް ވަރުގަދަ އިންޒާރެއް ދީފި އެވެ.

ވާވޭގެ ޗީފް ފައިނޭންޝަލް އޮފިސަރު އަދި ކުންފުނީގެ ބާނީގެ އަންހެން ދަރިފުޅު ވެންކޫވާ އެއާޕޯޓުން ހައްޔަރު ކުރީ މި މަހު އެއްވަނަ ދުވަހު އެވެ.

އަދި އިރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ހިލާފަށް ވަންޒޫ އިސްވެ ވިޔަފާރިކޮށްފައިވާ ކަމަށް ތުހުމަތުކޮށް، އެކަމުގެ ދައުވާ ކުރުމަށް އެމެރިކާއާ ހަވާލު ކުރުމަށް އެމެރިކާ ސަރުކާރުން ދަނީ ބާރު އަޅަމުންނެވެ.

އެ މައްސަލައާ ގުޅިގެން ޗައިނާގައި ހުންނަ ކެނެޑާގެ ސަފީރު ފޮރިން މިނިސްޓްރީއަށް ވަނީ ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.

އެކަމާ ވިދިގެން ޗައިނާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ، ވަންޒޫ ހައްޔަރުކުރީ އެއްވެސް ސަބަބެއް އޮވެގެން ނޫން ކަމަށެވެ.

"[ވަންޒޫ] ވަގުތުން ދޫކޮށްލުމަށް ޗައިނާއިން ކެނެޑާއަށް ގޮވާލަން، އެހެން ނޫންނަމަ، އެކަމާ ގުޅިގެން ކުރިމަތިވާ ހުރިހާ ކަންތައްތަކުގެ ފުރިހަމަ ޒިންމާ ކެނެޑާ ސަރުކާރުން ނަގަންޖެހޭނެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ވަންޒޫ ކަފާލާތުގެ ދަށުން ދޫކޮށްލުމާ ގުޅޭ ގޮތުން ބޭއްވި އަޑުއެހުމެއްގައި، ކެނެޑާގެ އޮފިޝަލުން ވިދާޅުވީ، ވަންޒޫ ވަނީ އެހެން ކުންފުންޏެއްގެ ނަމުގައި އިރާނާއެކު ވިޔަފާރީގެ މުއާމަލާތްތަކެއް ކޮށްފައި ކަމަށެވެ.

ވާވޭއާއި އެއްވެސް ގުޅުމެއްނެތް ކަމަށް ދައްކައި، ސްކައި ކޮމް ކިޔާ ކުންފުންޏަކުން އިރާނުގައި ވިޔަފާރިކޮށްފައިވަނީ، ވަންޒޫ އިސްވެ ހުރެ ބޮޑެތި އޮޅުވާލުންތަކެއްގެ ނިވަލުގައި ކަމަށް ކެނެޑާއިން ވަނީ ތުހުމަތުކޮށްފަ އެވެ.

ވަންޒޫގެ ކަފާލާތާ ގުޅޭ ނިންމުމެއް އަންނަ ހޯމަ ދުވަހު ނިންމާނެ ކަމަށް ކޯޓުން ވަނީ ބުނެފަ އެވެ.

އެ ދައުވާތައް ސާބިތުވެއްޖެނަމަ، 46 އަހަރުގެ ވަންޒޫއަށް 30 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބެލެވެ އެވެ.

އެމެރިކާ އާއި ޗައިނާގެ ވިޔަފާރީގެ ގުޅުމުގައި ނުތަނަވަސްކަން އުފެދިފައިވާ ދުވަސްވަރެއްގައި، ވަންޒޫ ހައްޔަރުކޮށްފައިވަނީ އެއްވެސް ސަބަބެއް ނެތި ކަމަށް ޗައިނާގެ އިތުރުން ވާވޭ ކުންފުނިން ވެސް ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.