ދުނިޔެ

ބަދަލުހިފަން ޗައިނާއިން ކެނެޑާ މީހަކަށް މަރުގެ ހުކުމް

Jan 15, 2019
1

ބެއިޖިންގް (ޖެނުއަރީ 15) - މަސްތުވާތަކެތީގެ މައްސަލައެއްގައި 15 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ، ކެނެޑާގެ ރައްޔިތެއްގެ ހުކުމް ބަދަލުކޮށް، މަރުގެ އަދަބު ދިނުމަށް ޗައިނާ ކޯޓަކުން ނިންމުމާއެކު، ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން އިތުރަށް ގޯސްވެއްޖެ އެވެ.

ރޮބަޓް ލޮއިޑް ޝެލެންބާގަށް މިދިޔަ މަހު ނޮވެމްބަރު މަހު އިއްވި 15 އަހަރުގެ ޖަލު ހުކުމަކީ، މާ ލުއި އަދަބެއްކަމަށް ބުނެ، އޭނާއަށް މަރުގެ އަދަބު ދިނުމަށް ޗައިނާގެ ކޯޓަކުން ވަނީ ހުކުމްކޮށްފަ އެވެ.

ޗައިނާއިން އޮސްޓްރޭލިއާއަށް 227 ކިލޯގެ މަސްތުވާތަކެތި ބޭރުކުރަން އުޅުނުކަމުގެ ތުހުމަތުގައި، ޝެލެންބާގު ހައްޔަރުކޮށްފައިވަނީ 2014 ވަނަ އަހަރެވެ.

ނަމަވެސް، އެ ހުކުމް އިސްތިއުނާފު ކުރުމުން، ޗައިނާގެ ކޯޓަކުން ވަނީ އަދަބު ބޮޑުކޮށް މަރުގެ ހުކުމް އިއްވައިފަ އެވެ.

އެ ހުކުމާއެކު، އޭނާގެ އާއިލާއިން ކަންބޮޑުވުންފާޅުކޮށްފައިވާއިރު، ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ ވެސް ޗައިނާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

"މިއީ އަޅުގަނޑުމެން ނުހަނު ކަންބޮޑުވާކަމެއް، އަދި އުސޫލުގެ ބޭރުން، މަރުގެ ހުކުމެއް ޗައިނާއިން އިއްވުމަކީ ބައިނަލްއަގުވާމީ މުޖުތަމައު ވެސް ކަންބޮޑުވާންޖެހޭކަމެއް،" ހުކުމާއި ގުޅިގެން ޓްރޫޑޯ ވިދާޅުވި އެވެ.

ޝެލެންބާގުގެ މައްސަލަ އަލުން މުރާޖައާކުރަން ނިންމީ، އެމެރިކާގެ އެދުމުގެ މަތިން، ޗައިނާގެ ޓެލެކޮމް ކުންފުނި ވާވޭގެ އެކްޒެކެޓިވް މެންބަރެއް ކަމަށްވާ މެންގް ވަންޒޫ ކެނެޑާއިން ހައްޔަރުކުރުމާއި ގުޅިގެންނެވެ.

ވާވޭގެ ޗީފް ފައިނޭންޝަލް އޮފިސަރު އަދި ކުންފުނީގެ ބާނީގެ އަންހެން ދަރިފުޅު ވެންކޫވާ އެއާޕޯޓުން ހައްޔަރު ކުރީ މިދިޔަ މަހު އެވެ. ފައިގައި ޓެގު އެޅުވުމަށްފަހު، ވަންޒޫ މިހާރު ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެވެ.

ޝެލެންބާގަށް އިއްވި މަރުގެ ހުކުމް، 10 ދުވަސް ތެރޭގައި އިސްތިއުނާފަށް ހުށަހަޅަންޖެހޭނެކަމަށް އޭނާގެ ވަކީލު ވަނީ ބުނެފަ އެވެ.