ދުނިޔެ

ޓެގު އަޅުވައިގެން ވިޔަސް ވާވޭގެ ވެރިޔާ ދޫކޮށްލަން އެދިއްޖެ

Dec 11, 2018

ވެންކޫވާ (ޑިސެމްބަރު 10) - ޗައިނާގެ ޓެލެކޮމް ކުންފުނި ވާވޭގެ އެކްޒެކެޓިވް މެންބަރެއް ކަމަށްވާ މެންގް ވަންޒޫގެ ފައިގާ އިލެކްޓްރޯނިކް ޓެގު އަޅުވައިގެން ވިޔަސް، ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އޭނާގެ ފަރާތުން ކޯޓުގައި އެދިއްޖެ އެވެ.

ވާވޭގެ ޗީފް ފައިނޭންޝަލް އޮފިސަރު އަދި ކުންފުނީގެ ބާނީގެ އަންހެން ދަރިފުޅު ވެންކޫވާ އެއާޕޯޓުން ހައްޔަރު ކުރީ މި މަހު އެއްވަނަ ދުވަހު އެވެ.

އަދި އިރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ހިލާފަށް ވަންޒޫ އިސްވެ ވިޔަފާރިކޮށްފައިވާ ކަމަށް ތުހުމަތުކޮށް، އެކަމުގެ ދައުވާ ކުރުމަށް އެމެރިކާއާ ހަވާލު ކުރުމަށް އެމެރިކާ ސަރުކާރުން ދަނީ ބާރު އަޅަމުންނެވެ.

ވަންޒޫ ކަފާލާތުގެ ދަށުން ދޫކޮށްލުމާ ގުޅޭ ގޮތުން އިއްޔެ ބޭއްވި އަޑުއެހުމުގައި، ކެނެޑާ އޮފިޝަލުން ބުނީ އޭނާއަކީ އެތަކެއް ވަސީލަތްތަކެއް ލިބިފައިވާ މީހެއް ކަމަށާއި، ކަފާލާތުގެ ދަށުން ދޫކޮށްލައިފިނަމަ އޭނާ ފިލުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށެވެ.

އެކަމުގެ ރައްދުގައި ދިފާއީ ވަކީލު ވަނީ ވެންކޫވާއިން ބޭރަށް ނުދެވޭގޮތަށް ވަންޒޫގެ ފައިގާ ޓެގެއް އެޅުމަށް ހުށަހަޅައިފަ އެވެ. ނަމަވެސް، ކަފާލާތުގެ ދަށުން ދޫކުރުމާމެދު އިއްޔެ ކޯޓުން ގޮތެއް ނުނިންމަ އެވެ. އަދި މިއަދު އިތުރު އަޑުއެހުމެއް ބާއްވާނެކަމަށް މައްސަލަ ބައްލަވައި ފަނޑިޔާރު ވަނީ ވިދާޅުވެފަ އެވެ.

ކެނެޑާގެ އޮފިޝަލުން ތުހުމަތުކުރާ ގޮތުގައި، ވަންޒޫ ވަނީ އެހެން ކުންފުންޏެއްގެ ނަމުގައި އިރާނާއެކު ވިޔަފާރީގެ މުއާމަލާތްތަކެއް ކޮށްފަ އެވެ.

ވާވޭއާއި އެއްވެސް ގުޅުމެއްނެތް ކަމަށް ދައްކައި، ސްކައި ކޮމް ކިޔާ ކުންފުންޏަކުން އިރާނުގައި ވިޔަފާރިކޮށްފައިވަނީ، ވަންޒޫ އިސްވެ ހުރެ ބޮޑެތި އޮޅުވާލުންތަކެއްގެ ނިވަލުގައި ކަމަށް ކެނެޑާއިން ވަނީ ތުހުމަތުކޮށްފަ އެވެ.

އެ މައްސަލާގައި، ޗައިނާގައި ހުންނަ އެމެރިކާ ސަފީރު ވަނީ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. އަދި ވަންޒޫ ހައްޔަރުކުރުމަށް އެމެރިކާއިން ނެރެފައިވާ އަމުރު ބާތިލުކުރުމަށް ވެސް، ޗައިނާއިން ވަނީ އެމެރިކާ ސަފީރު މެދުވެރިކޮށް އަންގާފަ އެވެ.

އެ ދައުވާތައް ސާބިތުވެއްޖެނަމަ، 46 އަހަރުގެ ވަންޒޫއަށް 30 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބެލެވެ އެވެ.

އެމެރިކާ އާއި ޗައިނާގެ ވިޔަފާރީގެ ގުޅުމުގައި ނުތަނަވަސްކަން އުފެދިފައިވާ ދުވަސްވަރެއްގައި، ވަންޒޫ ހައްޔަރުކޮށްފައިވަނީ އެއްވެސް ސަބަބެއް ނެތި ކަމަށް ޗައިނާގެ އިތުރުން ވާވޭ ކުންފުނިން ވެސް ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.