ދުނިޔެ

ވާވޭގެ ވެރިޔާގެ ސިއްހީ މައްސަލަތަކެއް ހުރި ކަމަށް ބުނެފި

Dec 10, 2018

ވެންކޫވާ (ޑިސެމްބަރު 9) - ޗައިނާގެ ޓެލެކޮމް ކުންފުނި ވާވޭގެ އެކްޒެކެޓިވް މެންބަރެއް ކަމަށްވާ މެންގް ވަންޒޫގެ ސިއްހީ މައްސަލަތަކެއް ހުރި ކަމަށާއި، އޭނާގެ ކަފާލާތުގެ ދޫކޮށްލަންޖެހޭކަމަށް ވާވޭއިން ބުނެފި އެވެ.

ވާވޭގެ ޗީފް ފައިނޭންޝަލް އޮފިސަރު އަދި ކުންފުނީގެ ބާނީގެ އަންހެން ދަރިފުޅު ވެންކޫވާ އެއާޕޯޓުން ހައްޔަރު ކުރީ މި މަހު އެއްވަނަ ދުވަހު އެވެ.

އަދި އިރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ހިލާފަށް ވަންޒޫ އިސްވެ ވިޔަފާރިކޮށްފައިވާ ކަމަށް ތުހުމަތުކޮށް، އެކަމުގެ ދައުވާ ކުރުމަށް އެމެރިކާއާ ހަވާލު ކުރުމަށް އެމެރިކާ ސަރުކާރުން ދަނީ ބާރު އަޅަމުންނެވެ.

ވަންޒޫ ކަފާލާތުގެ ދަށުން ދޫކޮށްލުމާ ގުޅޭ ގޮތުން ބޭއްވި އަޑުއެހުމެއްގައި، ކެނެޑާގެ އޮފިޝަލުން ވިދާޅުވީ، ވަންޒޫ ވަނީ އެހެން ކުންފުންޏެއްގެ ނަމުގައި އިރާނާއެކު ވިޔަފާރީގެ މުއާމަލާތްތަކެއް ކޮށްފައި ކަމަށެވެ.

ވާވޭއާއި އެއްވެސް ގުޅުމެއްނެތް ކަމަށް ދައްކައި، ސްކައި ކޮމް ކިޔާ ކުންފުންޏަކުން އިރާނުގައި ވިޔަފާރިކޮށްފައިވަނީ، ވަންޒޫ އިސްވެ ހުރެ ބޮޑެތި އޮޅުވާލުންތަކެއްގެ ނިވަލުގައި ކަމަށް ކެނެޑާއިން ވަނީ ތުހުމަތުކޮށްފަ އެވެ.

ވަންޒޫގެ ކަފާލާތާ ގުޅޭ ނިންމުމެއް މިއަދު ނިންމާނެ ކަމަށް ކޯޓުން ވަނީ ބުނެފަ އެވެ.

އެ މައްސަލާގައި، ޗައިނާގައި ހުންނަ އެމެރިކާ ސަފީރު ވަނީ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. އަދި ވަންޒޫ ހައްޔަރުކުރުމަށް އެމެރިކާއިން ނެރެފައިވާ އަމުރު ބާތިލުކުރުމަށް ވެސް، ޗައިނާއިން ވަނީ އެމެރިކާ ސަފީރު މެދުވެރިކޮށް އަންގާފަ އެވެ.

އެ ދައުވާތައް ސާބިތުވެއްޖެނަމަ، 46 އަހަރުގެ ވަންޒޫއަށް 30 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބެލެވެ އެވެ.

އެމެރިކާ އާއި ޗައިނާގެ ވިޔަފާރީގެ ގުޅުމުގައި ނުތަނަވަސްކަން އުފެދިފައިވާ ދުވަސްވަރެއްގައި، ވަންޒޫ ހައްޔަރުކޮށްފައިވަނީ އެއްވެސް ސަބަބެއް ނެތި ކަމަށް ޗައިނާގެ އިތުރުން ވާވޭ ކުންފުނިން ވެސް ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.