ދުނިޔެ

އަނެއްކާވެސް ކެނެޑާ މީހަކަށް ޗައިނާގައި މަރުގެ ހުކުމް

May 1, 2019

ބެއިޖިންގް (މެއި 1) - މަސްތުވާތަކެތީގެ މައްސަލައެއްގައި ދައުވާކޮށްފައިވާ ކެނެޑާގެ ރައްޔިތަކަށް އަނެއްކާވެސް ޗައިނާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި އެވެ.

ކެނެޑާގެ ފެން ވެއި ނަމަކަށް ކިޔާ އެ މީހާއަކީ ޗައިނާގައި ހަރަކާތްތެރިވަމުންދިއަ ބޮޑު ނެޓްވާކެއްގައި ހިމެނޭ މީހެއްކަމަށް ޗައިނާ ސަރުކާރުން ވަނީ ބުނެފަ އެވެ. ފެން ވެއިގެ އިތުރުން، އެމެރިކާގެ ރައްޔިތަކާއި މެކްސިކޯގެ ހަތަރު މީހަކުވެސް އެ މައްސަލާގައި ދައުވާކުރި 10 މީހުންގެ ތެރޭގައި ހިމެނެ އެވެ.

ނަމަވެސް މަރުގެ ހުކުމް އިއްވާފައިވަނީ، ކެނެޑާ މީހާގެ އިތުރުން ޗައިނާ މީހަކަށްކަމަށް ކޯޓުން ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ.

މިއީ ކެނެޑާގެ ރައްޔިތަކަށް ޗައިނާގައި މަރުގެ ހުކުމް އިއްވި ދެވަނަ ފަހަރެވެ. ރޮބަޓް ލޮއިޑް ޝެލެންބާގަށް މިދިޔަ މަހު ނޮވެމްބަރު މަހު އިއްވި 15 އަހަރުގެ ޖަލު ހުކުމަކީ، މާ ލުއި އަދަބެއްކަމަށް ބުނެ، އޭނާއަށް މަރުގެ އަދަބު ދިނުމަށް ޗައިނާގެ ކޯޓަކުން ވަނީ ހުކުމްކޮށްފަ އެވެ.

ޗައިނާއިން އޮސްޓްރޭލިއާއަށް 227 ކިލޯގެ މަސްތުވާތަކެތި ބޭރުކުރަން އުޅުނުކަމުގެ ތުހުމަތުގައި، ޝެލެންބާގު ހައްޔަރުކޮށްފައިވަނީ 2014 ވަނަ އަހަރެވެ.

ނަމަވެސް، އެ ހުކުމް އިސްތިއުނާފު ކުރުމުން، ޗައިނާގެ ކޯޓަކުން ވަނީ އަދަބު ބޮޑުކޮށް މަރުގެ ހުކުމް އިއްވައިފަ އެވެ.

އެ ހުކުމްތަކަކީ އެމެރިކާގެ އެދުމުގެ މަތިން، ޗައިނާގެ ޓެލެކޮމް ކުންފުނި ވާވޭގެ އެކްޒެކެޓިވް މެންބަރެއް ކަމަށްވާ މެންގް ވަންޒޫ ކެނެޑާއިން ހައްޔަރުކުރުމުގެ ބަދަލުހިފުމެއްކަމަށް އެ ގައުމުން ވަނީ ތުހުމަތުކޮށްފަ އެވެ.

ވާވޭގެ ޗީފް ފައިނޭންޝަލް އޮފިސަރު އަދި ކުންފުނީގެ ބާނީގެ އަންހެން ދަރިފުޅު ވެންކޫވާ އެއާޕޯޓުން ހައްޔަރު ކުރީ މިދިޔަ ޑިސެމްބަރު މަހު އެވެ.