ހަބަރު

އެމްއެމްޕީއާރްސީގެ އެއްވެސް ޗެކެއް އަދީބަށް ނުދެން: ޒިޔަތު

އެމްއެމްޕީއާރުސީ މެދުވެރިކޮށް ރިސޯޓް ހެދުމަށްޓަކައި ރަށްތަކާއި ފަޅުތައް ކުއްޔަށް ދިނުމަށް ހެދި ލީސް އެގްރީމެންޓްތައް ފައިނަލް ކުރެއްވީ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ކަމަށާއި އެއްވެސް ޗެކެއް އަދި ޕޭމަންޓެއް ވެސް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ދީފައިނުވާނެ ކަމަށް އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބުދުﷲ ޒިޔަތު ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަން މައްސަލާގައި ޒިޔަތުގެ މައްޗަށް ދައުލަތުން އުފުލި ހިޔާނާތުގެ މައްސަލަ ސާބިތުވެ، ކުރިމިނަލް ކޯޓުން އޭނާގެ މައްޗަށް އިއްވީ އަށް އަހަރުގެ ޖަލު ހުކުމެކެވެ. އެމައްސައިގެ އިސްތިއުނާފް އަޑުއެހުންތައް ހައި ކޯޓުން މިހާރު ވަނީ ނިންމާލާފަ އެވެ.

ޒިޔަތު ނެރުނު ނޫސް ބަޔާނެއްގައި ވަނީ، ސަރުކާރުގެ ޓޫރިޒަމް ސިޔާސަތުގެ ވައުދު ފުއްދުމަށްޓަކައި ރަށްރަށާއި ފަޅުތައް އެމްއެމްޕީއާރުސީ މެދުވެރިކޮށް ކުއްޔަށް ދިނުމަށް ނިންމެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ. އަދި ރަށްރަށާއި ފަޅުތައް ދޫކުރުމަށްފަހު ލިބޭ ފައިސާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ޖަމާކުރުމުގެ ބަދަލުގައި އެމްއެމްޕީއާރުސީއަށް ޖަމާކުރުމަށް ނިންމަވައި އެކަމަށް ހުއްދަ ދެއްވީ ވެސް ކުރީގެ ރައީސް ޔާމީނުގެ އެންގެވުމުގެ މަތީން އެއިރުގެ ބަންޑާރަ ނައިބް ކަމަށްވެސް ޒިޔަތު ވިދާޅުވި އެވެ.

"އެމްއެމްޕީއާރުސީ މެދުވެރިކޮށް ރިސޯޓް ހެދުމަށްޓަކައި ރަށްތަކާއި ފަޅުތައް ކުއްޔަށް ދިނުމަށް ކުރެވުނު އެންމެހައި މުއާމަލާތްތަކުގެ ފުރިހަމަ މައުލޫމާތު ކުރީގެ ރައީސް ޔާމީންއަށް އެނގިލައްވާނެ، ކުރީގެ ރައީސް ޔާމީނުގެ އެންގެވުމުގެ މަތީން ހިންގި މުއާމަލާތްތަކުގެ ތަފްސީލުތައް އަޅުގަނޑާއި އެއިރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު ގެންދިޔައީ ކުރީގެ ރައީސް ޔާމީނަށް ބަރާބަރަށް އަރުވަމުން، ކޮންމެ ރަށެއް ނުވަތަ ފަޅެއްގެ ލީސް އެގްރީމެންޓް ފައިނަލް ކުރައްވަނީ ވެސް ސީދާ ކުރީގެ ރައީސް ޔާމީން،" ޒިޔަތު ވިދާޅުވި އެވެ.

ޒިޔަތު ވިދާޅުވީ، ފިނިފެންމާ ލޯންޗުގެ ހާދިސާއަށްފަހު ކުރީގެ ރައީސް ޔާމީނު އާއި އަދީބުއާ ޖެހުނު މައްސަލައިގައި އޭނާ ރައީސް އޮފީހަށް ހާޒިރުކޮށް އަދީބުއާ ދެކޮޅަށް ބަޔާންތަކެއް ދިނުމަށް އެންގި ކަމަށެވެ. ނަމަވެސް ޔާމީނު އެންގެވި ގޮތަށް ބަޔާން ދިނުމަށް އިންކާރު ކުރުމުން ކުޑައިރުކޮޅެއްގެ ތެރޭގައި އޭނާ ހައްޔަރު ކުރި ކަމަށްވެސް ޒިޔަތު ވިދާޅުވި އެވެ.

"ދޫނީދޫ ކުޑަގޮޅީގައި އެކަހެރިކޮށް ބާއްވައި، ދަންވަރު ނެރެ ވަކިގޮތަކަށް ބަޔާންދިނުމަށް އަޅުގަނޑަށް މަޖުބޫރުކޮށް ބަޔާން ނަގާފައިވޭ، މިދެންނެވި ބަޔާންތަކަށް ޝަރީއަތުގައި އަޅުގަނޑުވާނީ އިންކާރު ކޮށްފަ، އަމަލު ކުރަމުންދާ އުސޫލުތަކާއި ހިލާފަށް އޯޑިއޯ ވީޑިއޯ މެދުވެރިކޮށް ދޫނިދޫގައި ބަހައްޓައިގެން އެތަކެއް ޝަރީއަތްތަކެއް ހިންގާފައިވޭ، ސިޔާސީ ބޭނުމަށް އަޅުގަނޑުގެ މައްޗަށް ނުހައްގުން ދައުވާކޮށް އަޅުގަނޑުގެ މައްޗަށްވަނީ ހުކުމްކޮށްފަ،" ޒިޔަތު ވިދާޅުވި އެވެ.

ޒިޔަތު ވިދާޅުވީ، އެމްއެމްޕީއާރުސީގެ އެއްވެސް ޗެކެއް އަދި ޕޭމަންޓްއެއް އަދީބުއާ ހަވާލުކޮށްފައިނުވާނެ ކަމަށާއި އެމްއެމްޕީއާރުސީގެ ފައިސާއަށް ހިޔާނާތްތެރި ވެސް ނުވާ ކަމަށެވެ.

"އަޅުގަނޑު ބަންދުގައި ތިން އަހަރު ވެގެން ދިޔައިރު އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ބަހެއް ނުބުނެ ހުރީ އަޅުގަނޑަށް ކުރިމަތިވެދާނެ ނުރައްކަލަކަށް ޖެހިލުންވާތީ، ނަމަވެސް މިބަޔާން ނެރުމަށް ނިންމީ މިސަރުކާރުން އިންސާފު ގާއިމުކޮށްދެއްވާނެ ކަމުގެ ޔަގީންކަން އޮތުމުން، ބަންދުގައި އަޅުގަނޑު މިހޭދަކުރި ތިން އަހަރުގައި އަޅުގަނޑަށް ސިއްހީ އަދި ނަފްސާނީ އެތައް ބިރުވެރިކަމެއް ކުރިމަތިވެފައިވޭ،" ޒިޔަތު ވިދާޅުވި އެވެ.

ޒިޔަތު އިތުރަށް ވިދާޅުވީ، މިމައްސަލައިގައި އޭނާގެ މައްޗަށް ނުހައްގުން ދައުވާތަކެއްކޮށް، ހުކުމްކޮށް ފޮރުވަން ބަޔަކު މަސައްކަތް ކުރިނަމަވެސް އިންސާފުވެރި ފުރިހަމަ ތަހްގީގެއް ކޮށްގެން މިކަމުގެ ހަގީގަތް ހޯދޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި މިހާރުގެ ސަރުކާރުން މިމައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނަށް ފުރިހަމަ އެއްބާރުލުންދީ ގެއްލިފައިވާ ފައިސާތައް ހޯދުމަށް އެހިތެރިވުމަށް ތައްޔާރަށް ހުރި ކަމަށެވެ. މި މައްސަލައިގައި އޭނާގެ އިހުމާލު އޮތްކަމަށް އިންސާފުވެރި ތަހްގީގެއް ހިންގި އިންސާފުވެރި ޝަރީއަތަކުން ކުށް ސާބިތުވެއްޖެނަމަ އެކަމުގެ ހައްގު އަދަބު ލިބިގަތުމަށް ތައްޔާރަށް ހުރި ކަމަށްވެސް ޒިޔަތު ވިދާޅުވި އެވެ.