ހަބަރު

ޝަރުއީ ދާއިރާ، ކޮރަޕްޝަނުން އެއްކިބާވެ އޮތުމަކީ އަމާޒު: އުއްތަމަ ފަނޑިޔާރު

ކޮރަޕްޝަނުން ސަލާމަތްވެފައިވާ ގައުމެއްގެ ގޮތުގައި ގައުމެއް ދެމިއޮތުމަށްޓަކައި ކުރަންޖެހޭ މަސައްކަތުގެ ވަރަށް މުހިއްމު ދައުރެއް އަދާކުރާ ބަޔަކީ ޝަރުއީ ދާއިރާ ކަމަށާއި ރާއްޖޭގެ ޝަރުއީ ދާއިރާއަކީ ކޮރަޕްޝަންގެ ނުފޫޒުން އެއްކިބާވެފައިވާ ދާއިރާއެއްގެ ގޮތުގައި ދެމިތިބުމަކީ އަމާޒް ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބުދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ކާމިޔާބު މުޖުތަމައެއް ބިނާކޮށް، އިޖުތިމާއީ އަދި އިގުތިސާދީ އަދާލަތު ގާއިމްވެފައިވާ ގައުމެއްގެ ގޮތުގައި ރާއްޖެ ދެމި އޮތުމަށްޓަކައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ ބަޔަކަށް ވާންޖެހޭ ކަމަށެވެ. އެގޮތުން ކޮރަޕްޝަން ނައްތާލުމުގައި ކޮންމެ މީހަކުވެސް އެމީހެއްގެ އިޖުތިމާއީ ޒިންމާ އާއި ފަރުދީ ޒިންމާ އަދާކުރުމުގައި ދެމިތިބުމުގެ މުހިއްމުކަން ބޮޑުކަމަށް އުއްތަމަ ފަނޑިޔާރު ވަނީ ފާހަގަކުރައްވާފަ އެވެ.

ގައުމީ ތަރައްގީއަށްޓަކައި ކޮރަޕްޝަންގެ ނުބައި ވަބާއިން މުޖުތަމައު ސަލާމަތްކުރުމުގެ ދައުރަކީ ހަމައެކަނި ސަރުކާރާއި،
ގާނޫނީ ގޮތުން ކޮރަޕްޝަން ހުއްޓުވުމުގެ މަސްއޫލިއްޔަތު މަތިކުރެވިފައިވާ މުއައްސަސާގެ އެކަނި ޒިންމާއެއް ކަމަށް ނުދެކި ގައުމުގެ ކޮންމެ ފަރުދަކީ ވެސް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ފަރާތަކަށްވުމަށް ގޮވާލާ ކަމަށް ވެސް އުމްތަމަ ފަނޑިޔާރުގެ ހިތާބުގައި ވަނީ ވިދާޅުވެފަ އެވެ.

ގައުމުގެ އުފެއްދުންތެރި ކަމަށް ހުރަސްއެޅި އިޖުތިމާއީ ގޮތުން ގައުމުގެ ހާލަތު ދަށު ދަރަޖައަށް ދިއުމަށް މެދުވެރިވާ ސަބަބެއްގެ ގޮތުގައި ކޮރަޕްޝަން ފާހަގަކުރެވިފައިވާ ކަމަށާއި، ވޯލްޑް ބޭންކްގެ ހިސާބުތައް ދައްކާ ގޮތުގައި ކޮރަޕްޝަން އާންމުވެފައިވާ ގައުމުތަކުގެ ނިސްބަތުން އާއްމު ދަނީ އެ ނޫން ގައުމުތަކާ އަޅަބަލާއިރު ތިންގުނަ ދަށް ކަމަށެވެ. އަދި މުޖްތަމައުއެއްގައި ކޮރަޕްޝަން އާންމުވެ ފެތުރިއްޖެނަމަ، ގާނޫނުގެ ހުކުމް ގާއިމުކޮށް ނެގެހެއްޓުމަށް ބޮޑެތި ގޮންޖެހުންތަކާއި ހުރަސްތަކާ ކުރިމަތިލާންޖެހޭކަމަށް އެ ހިތާބުގައި ވަނީ ފާހަގަކުރައްވާފަ އެވެ.

އޭގެ ސަބަބުން ގާނޫނު ނަގަހައްޓައި، ހަމަހަމަކަމާ އެކު އެންމެންގެ މައްޗަށް ގާނޫނު ހިންގައި ތަންފީޒުކޮށް ތަތުބީގުކުރުމުގެ މަސައްކަތް ކުރާ އިދާރާތައް ނިކަމެތިވެ، ޖުމްހޫރިއްޔަތު ނެގެހެއްޓުމުގެ ޒިންމާ މަތި ކުރެވިފައިވާ މުއައްސަސާތައް ބަލިކަށި ވެގެންދާ ކަމަށާއި، ދުނިޔޭގެ ބައެއް ފަގީރު ޤގައުމުތަކުގެ ދާހިލީ ހާލަތަށް ނަޒަރުކުރާއިރު، އެފަދަ ގައުމުތަކަކީ އާއްމުކޮށް ކޮރަޕްޝަންގެ ހާލަތު ވަރަށް މަތީގައި އުޅޭ ގައުމުތައްކަން ފާހަގަ ކޮށްލެވޭ ކަމަށް އެ ހިތާބުގައި ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން އުއްތަމަ ފަނޑިޔާރުގެ ހިތާބުގައި ވިދާޅުވީ ކޮރަޕްޝަނުން ސަލާމަތްވެފައިވާ ގައުމެއްގެ ގޮތުގައި ގައުމެއް ދެމިއޮތުމަށްޓަކައި ކުރަންޖެހޭ މަސައްކަތުގެ ވަރަށް މުހިއްމު ދައުރެއް އަދާކުރާ ބަޔަކީ ކޮންމެ ގައުމެއްގައިވެސް އެ ގައުމެއްގެ ޝަރުއީ ދާއިރާ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެގޮތުން އިންސާނީ ހައްގުތައް ކަށަވަރު ކޮށްދޭން ތިބި ފަރާތަކީ ޝަރުއީ ދާއިރާ ކަމަށްވާއިރު، ރާއްޖޭގެ ޝަރުއީ ދާއިރާއަކީ ކޮރަޕްޝަންގެ ނުފޫޒުން އެއްކިބާވެފައިވާ، މިނިވަން އިންސާފުވެރި ޝަރުއީ ދާއިރާއެއްގެ ގޮތުގައި ދެމިތިބުމަކީ އަމާޒް ކަމަށެވެ.

ކޮރަޕްޝަނާއި، ކޮރަޕްޝަނާ ގުޅިފައިވާ އެހެނިހެން ކުށްތަކުން ގައުމު ސަލާމަތްކޮށް ވަކި ފަރާތަކަށް ބުރަވުމެއް ނެތި ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ޝަރުއީ ދާއިރާގެ މަސައްކަތްތައް ބައްޓަންކޮށް، އަދާލަތު ގާއިމްކުރުމަކީ ޝަރުއީ ދާއިރާގެ ލަނޑުދަނޑި ކަމަށާއި، ކޮރަޕްޝަން ހުއްޓުވުމުގައި ދައުލަތުގެ މުއައްސަސާތަކުގެ ގާބިލްކަން އިތުރުކޮށް ކޮރަޕްޝަނަށް ފާރަވެރިވާ ނިޒާމް ހަރުދަނާކޮށް ބާރުވެރި ކުރުވަން ޖެހޭ ކަމަށްވެސް އުއްތަމަ ފަނޑިޔާރުގެ ހިތާބުގައިވަނީ ވިދާޅުވެފަ އެވެ.