އިންސާނީ ހައްގުތައް މި ސަރުކާރުން ކަށްވަރުކޮށްދޭނެ ކަމާމެދު ރައްޔިތުންގެ އޮތް އުއްމީދުތަކުގައި ކޮޅުފައިން ނުޖަހާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
އއ. އުކުޅަހުގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އިންސާނީ ހައްގުތައް ކަށަވަރުކޮށް ދިނުމަށް ރައްޔިތުން ހަވާލުކޮށްފައިވާ ޒިންމާގެ މަތިން ހަނދާން ނުނެތޭ ކަމަށެވެ. ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރުނުކޮށް ދެވޭނަމަ މި ސަރުކާރު ދެމި އޮތުމުގެ ބޭނުމެއް ނެތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ދެމެހެއްޓެނެވި ތަރައްގީއަށް މަގު ކޮށައިދެނީ އިންސާނީ ހައްގުތައް ކަށަވަރުކޮށް ދެވިގެން، ކަރަމާތްތެރި އަބުރުވެރި ދިރިއުޅުމަކަށް އޭނާ ގެންގޮސް ދެނީ އިންސާނީ ހައްގުތައް ހިމާޔަތް ކުރެވިގެން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އަބުރުވެރި ތާހިރު ދިރިއުޅުމަކަށް ހުރަސް އަޅާނަމަ އެއާ ދެކޮޅަށް ތެދުވަންޖެހޭނެ ކަމަށެވެ. ހައްގުތަކާމެދު ދެކޭ އުއްމީދަށް ކުޑަ ފަނޑު ހިޔަންޏެއް އެޅުނަސް އެއާ ދެކޮޅަށް ވަކާލާތު ކުރަން ޖެހޭނެ ކަމަށެވެ.
"އަދުލުއިންސާފުގެ ހައްގުތައް މަހުރޫމް ކުރެވޭނަމަ އެ ހައްގުގެ ދިފާއުގައި ގަދަ އަޅާ މަސައްކަތްކޮށް އަޑު އުފުލަން ޖެހޭނެ، މިދިޔަ ފަސް އަހަރުގެ ތެރޭގައި އަޅުގަނޑުމެން ދުށީ މިފަދަ އިންސާނީ ހައްގުތަކުގެ ހިމާޔަތުގައި ރައްޔިތުން ކުރި އަގު ނުކުރެވޭ މަސައްކަތް،" ރައީސް ސޯލިހު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިއަދު ވެރިކަމުގައި މިތިބީ ރައްޔިތުން ބޭނުންވާ ހެޔޮވެރިކަމެއް ކޮށް ދިނުމަށް، ރައްޔިތުންނަށް ޔަގީންކަން މި އަރުވަނީ މި ސަރުކާރަކީ ރައްޔިތުންގެ އުއްމީދުތަކުގައި ކޮޅު ފައިން ޖަހާނެ ސަރުކާރެއް ނޫންކަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން އެންމެ ފަހު ދުވަހާ ހަމައަށް ދެމި އޮންނާނީ އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމުގައި ކަމަށެވެ.
ކޮންމެ ގައުމެއްގައި ވެސް ހަގީގީ މިނިވަންކަމަކީ ރައްޔިތުންގެ މިނިވަންކަން ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނުގެ ސަރުކާރުގައި ޖަލުތަކުގައި ވެސް އަދި ތަންފީޒީ އެހެން އިދާރާއެއްގައި ވެސް އިންސާނީ ހައްގުތައް ނިގުޅައިގަނުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ގާނޫނު އަސާސީއިން ރައްޔިތުންނަށް ދީފައިވާ ހައްގުތަކުގެ ތެރެއިން ގިނަ ހައްގުތަކެއް މިދިޔަ ފަސް އަހަރު ތެރޭގައި ވަނީ އަތުލާފަ އެވެ. އެގޮތުން އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް ނޫސްވެރިކަމުގެ މިނިވަންކަން ނައްތާލަމުން ދިޔަކަން ރައީސް ފާހަގަ ކުރެއްވި އެވެ.
ވަގުތީ ބޭނުމަކަށް ވެސް ރައްޔިތުންގެ އަސާސީ ހައްގެއް ހަނިކުރުމުން ނިޒާމަށް ގެއްލުންވާ ކަމަށާއި އެއީ އެމަނިކުފާނު ވެރިކަން ކުރައްވަން ބޭނުންވާ ގޮތް ނޫން ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ސަރުކާރުގެ ކަންކަމާމެދު ފާޑުކިޔުމުގެ ހައްގު ރައްޔިތުންނަށް އަބަދުވެސް އޮންނާނެ ކަމަށާއި ނޫސްވެރިކަމުގެ ހައްގު ވެސް މި ސަރުކާރުން ކަށަވަރުކޮށްދޭނެ ކަމަށެވެ.