ހަބަރު

ރައީސް ސޯލިހު ހުރިހާ ރަށަކަށް ވަޑައިގަންނަވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންނެވުމަށް ނިންމަވައިފި އެވެ.

އެކަން ހާމަ ކުރެއްވީ މިއަދު އެމަނިކުފާނު އއ. އުކުޅަހަށް ވަޑައިގެންނެވުމަށްފަހު އެވެ. ރައީސް ސޯލިހު އުކުޅަހުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ހުރިހާ ރަށަކަށް ވަޑައިގެންނެވުމުގެ ދަތުރުފުޅުގެ ފުރަތަމަ މަންޒިލަކީ އުކުޅަސް ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި އުކުޅަހަކީ އެމަނިކުފާނަށް ހާއްސަ ރަށެކެވެ. އެމަނިކުފާނަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަމަށް ނިންމީ އެ ރަށުގައި ބޭއްވި ކޮންގްރެސްގަ އެވެ. އެހެންކަމުން އެމަނިކުފާނުގެ ރައީސް ކަމާއި އުކުޅަހާ ވަނީ ގުޅިލާމެހިފަ ކަމަށް ރައީސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް ސޯލިހު އުކުޅަހަށް ވަޑައިނުގަންނަވަ އެވެ. ނަމަވެސް އެމަނިކުފާނު ވަނީ މީހުން ދިރިއުޅޭ ގިނަ ރަށްތަކަށް ވަޑައިގެންފަ އެވެ. އެގޮތުން 150 އަށްވުރެ ރަށްރަށަށް ރައީސް ވަޑައިގެންނެވި އެވެ.

ރައީސް ސޯލިހު، ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އެންމެ ފުރަތަމަ ވަޑައިގެންނެވި ރަށަކީ ކ. ދިއްފުއްޓެވެ. އޭގެ ފަހުން ވަޑައިގެންނެވީ މިއަދު އުކުޅަހަށެވެ.