ހަބަރު

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެމްޓީޑީއިން 3،000 މެންބަރުން ހަމަކޮށްފި

Dec 10, 2018
4

އަލަށް އުފައްދަން ހުއްދަދިން، "މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް ޕާޓީ"، އެމްޓީޑީއަށް 3،000 މެންބަރުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހަމަކޮށްފި އެވެ.

އެ ޕާޓީ ހަދަން ހުއްދަ ދީފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ. އެ ދުވަހު ޕާޓީގެ ފުރަތަމަ މެންބަރުގެ ގޮތުގައި ކުރީގެ ނައިިބު ރައީސް އަހުމަދު އަދީބު ވަނީ ސޮއި ކުރައްވާފަ އެވެ.

ރޭ އެމްޓީޑީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީ އުފައްދަން އިސްކޮށް އުޅުއްވާ މުއައްސިސް އަދި ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފް ވިދާޅުވި ގޮތުގައި މިހާރު 3،000 މީހުންގެ ފޯމް ވަނީ ލިބިފަ އެވެ. އެ ފޯމްތައް އިލެކްޝަން ކޮމިޝަނަށް ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ސިޔާސީ ޕާޓީއެއްގެ ހުއްދަ ދެނީ 3،000 މެންބަރުންގެ ސޮއި ހަމަކުރުމުންނެވެ.

އާސިފް ވިދާޅުވި ގޮތުގައި މިހާތަނަށް ވެސް ކުރިއަށް ގޮސްފައިވާނީ ސޮއިކުރާ ފަރާތްތަކުގެ އަޑު އަހައިގެންނެވެ. އެ ޕާޓީއަކީ ޒުވާނުންނަށް ފުރުސަތުތަކެއް އޮތް ޕާޓީއެއްކަން ފާހަގަކުރެއްވި އެވެ. ޒުވާނުން ސިޔާސީ މައިދާނުގައި ކުރިއަށް ދާން ބޭނުންވާއިރު މިހާރު ބައެއް ޕާޓީތަކުގެ އެ ފުރުސަތު ވަރަށް ހަނިކަން އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.