ހަބަރު

ޖަލު ބަންދެއްގައި ހުރުމުން އަދީބަށް އެމްޓީޑީގެ ރައީސްކަަމަށް ނާދެވޭނެ: އިލެކްޝަންސް

މޯލްޑިވްސް ތާޑްވޭ ޑެމޮކްރެޓްސް (އެމްޓީޑީ)ގެ ރައީސް ކަމުގެ މަގާމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ނާދެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

މިއަދު ރަޖިސްޓްރީކުރި އެމްޓީޑީގެ ރައީސް ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރު އައްޔަންކޮށްފައިވާ ކަމަށް އެ ޕާޓީއިން މިރޭ ވަނީ ހާމަކޮށްފަ އެވެ. އަދީބު، ރައީސްގެ ގޮތުގައި ހޮވާފައިވަނީ މިއަދު ބޭއްވި އެ ޕާޓީގެ އިންތިގާލީ ކައުންސިލްގެ ދެވަނަ ބައްދަލުވުމުގަ އެވެ. އެ ކައުންސިލްގައި 10 މެންބަރުން ތިއްބަވަ އެވެ. ދެވަނަ ބައްދަލުވުމުގައި ބައިވެރިވީ އަށް މެންބަރުންނެވެ.

އެ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ޕާޓީގެ ސީނިއާ ނައިބު ރައީސް އިސްމާއިލް އާސިފް ވިދާޅުވީ އަދީބު، ޕާޓީގެ ރައީސް ކަމަށް އައްޔަންކުރަން ކައުންސިލުން ނިންމީ ގާނޫނީ ލަފާ ވެސް ހޯދައިގެން ކަމަށެވެ. ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް ޕާޓީއެއްގެ އިންތިހާބީ މަގާމަކަށް ނާދެވޭނެ ކަމަށް ގާނޫނުގައިވެ އެވެ. ނަމަވެސް އާސިފް ވިދާޅުވީ ހުކުމް ތަންފީޒު ކުރަމުންދާ މީހަކަށް އިންތިގާލީ މަރުހަލާގައި، އިންތިގާލީ މަގާމަކަށް ނާދެވޭނެ ކަމަށް ބުނެފައި ނެތް ކަމަށެވެ.

އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް "އަވަސް"އަށް ވިދާޅުވީ ޝަރުއީ ގޮތުން ހުކުމެއްގައި ހުންނަ ފަރާތަކަށް ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށްވުން ނޫން އިތުރުކަމެއް ނުކުރެވޭނެ ކަމަށެވެ. އަދި ޕާޓީއެއްގެ އެއްވެސް މަގާމަކަށްވެސް އެފަދަ ބޭފުޅަކަށް ނާދެވޭނެ ކަމަށް އަކުރަމް ވަނީ ވިދާޅުވެފަ އެވެ.

އަކުރަމް އިތުރަށް ވިދާޅުވީ، އަދީބު އެމްޓީޑީގެ ރައީސް ކަމަށް އައްޔަން ކުރި ކަމުގެ ލިޔުންތަށް މިހާތަނަށް އެ ކޮމިޝަނަށް ލިބިފައިނުވާ ކަމަށާއި، އެ ލިޔުންތަށް ލިބުމުން އަދީބު އެ ޕާޓީގެ ރައީސަކަށް ހަމަނުޖެއްސޭނެކަން ރަސްމީކޮށް އަންގާނެ ކަމަށެވެ.

ކުރީގެ ނައިބު ރައީސް އަދީބަށް ވަނީ ތަފާތު އެކި މައްސަލަތަކެއްގައި 33 އަހަރުގެ ޖަލު ހުކުމްތަކެއް އިއްވާފަ އެވެ. އެހެން ނަމަވެސް މި ވަގުތު އަދީބު ހުންނެވީ ބޭސްފަރުވާއަށް ގޭބަންދަށް ދޫކޮށްލާފަ އެވެ.