ދުނިޔެ

ރޯދަމަހު ވެސް ނެދަލެންޑްސްގެ ގައުމީ ޓީވީން ރަސޫލާގެ ކާޓޫނު ދައްކަނީ

Jun 21, 2015

ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ކުރަހާފައިވާ ކާޓުނު ޑެންމާކުގެ ގައުމީ ޓީވީން ދައްކާނެ ކަމަށް އެ ގައުމުގެ ކަނައަތު ފިޔައިގެ ސިޔާސީ ވެރިޔަކު އިއްޔެ ވިދާޅުވެއްޖެ އެވެ.

އެއީ އެމެރިކާގައި މިދިޔަ މަހު ބޭއްވި ކުރެހުމުގެ މައުރަޒެއްގައި ބައިވެރިކުރި ކާޓޫނުތަކެކެވެ. ރަސޫލާ އަށް ފުރައްސާރަކޮށް ކުރަހާފައިވާ އެ ކާޓޫނުތައް އެ މައުރުޒަގައި ބަހައްޓާފައި ހުރުމުން އެ މައްސަލަ ވަރަށް ބޮޑަށް ހޫނުވި އެވެ. އެ މައުރަޒު ކުރިއަށް ދަނިކޮށް ދެ މީހަކު ވަނީ އެ ތަނަށް ބަޑިން ހަމަލާ ވެސް ދީފަ އެވެ. އެކަމަކު، ފުލުހުން ވަނީ ހަމަލާ ދިން ދެ މީހުން މަރާލާފަ އެވެ.

ކަނައަތު ފިޔައިގެ ފްރީޑަމް ޕާޓީން ވަގުތު ގަނެގެން އެ ކާޓޫނުތައް ނެދަލެންޑްސްގެ ގައުމީ ޓީވީން އިއްޔެ ދައްކަން ނިންމާފައި އޮތަސް، އެ ޕާޓީ އަށް ދީފައިވާ ވަގުތުގައި ދައްކާފައި ވަނީ އެހެން ޕްރޮގްރާމެކެވެ.

އެހެން ނަމަވެސް، ފްރީޑަމް ޕާޓީގެ ލީޑަރު ގިއާޓް ވައިލްޑާސް ވިދާޅުވި ގޮތުގައި އެ ޕާޓީން ކާޓޫނުތައް ދައްކަން އޮތް ވަގުތުގައި އެހެން އެއްޗެއް ދެއްކީ އޮޅުމަކުންނެވެ. އެ މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށާއި އަންނަ ބުދަ ދުވަހު އެ ކާޓޫނުތައް ދައްކާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމުގެ ޔަގީންކަން ޓީވީގެ ވެރިޔާ ވަނީ ދެއްވާފައި،" ހޮނިހިރު ދުވަހު އެ ކާޓޫނުތައް ނުދެއްކުމުން، ޓީވީ ޗެނަލަށް އެންމެ ފުރަތަމަ ވަރަށް ބޮޑަށް ފާޑުކިޔާފައިވާ ވައިލްޑާސް ވިދާޅުވި އެވެ.

އިސްލާމް ދީނާއި މުސްލިމުންނާ ދެކޮޅަށް ވައިލްޑާސް ދަނީ ފާޅުގައި މަސައްކަތް ކުރަމުންނެވެ. ކީރިތި ގުރުއާން ނެދަލެންޑްސްގައި ނުގެންގުޅޭ ގޮތަށް ހެދުމަށާއި މުސްލިމުންނަށް ނެދަލެންޑްސް އަށް ހިޖުރަ ނުކުރެވޭ ގޮތަށް ހެދުމަށް އޭނާ ވަނީ ތަކުރާރުކޮށް ގޮވާލައްވާފަ އެވެ.

ޑެންމާކުގެ ނޫހަކުން 2006 ވަނަ އަހަރު ކާޓޫނު ކުރެހި މައްސަލައިގައި އިސްލާމީ ދުނިޔޭގައި މުޒާހަރާތައް ކުރި އެވެ. އަދި ފްރާންސްގެ ނޫހަކުން ކުރެހި ކާޓޫނުތަކަކާ ގުޅިގެން އެ މަޖައްލާގެ އޮފީހަށް މިދިޔަ ޖެނުއަރީ މަހު ބަޔަކު ހަމަލާދީ ގިނަ އަދަދެއްގެ މުވައްޒަފުން މަރާލާފައިވެ އެވެ.