ދުނިޔެ

އެންމެ ދުވަސްވީ މީހާ، އެ ލަގަބު ލިބުނުތާ ގިނަ ދުވަސްތަކެއް ނުވެ މަރުވެއްޖެ

Jun 21, 2015

އެމެރިކާގެ ރައްޔިތެއް ކަމަށްވާ ޖެރަލިއަން ޓަލޭ އުފަންވެފައިވާ ކަމަށް ބުނަނީ 1899 ވަނަ އަހަރު އެވެ. އޭނާގެ 116 ވަނަ އުފަންދުވަސް ފާހަގަކޮށްފައި ވަނީ މިދިޔަ މޭ މަހު އެވެ.

ދުނިޔޭގައި ހުރި އެންމެ އުމުރުން ދުވަސްވީ މީހާގެ ލަގަބް މިދިޔަ އޭޕްްރީލް މަހު އޭނާ އަށް ލިބުނީ، އޭރު ހުރި އެންމެ ދުވަސްވީ މީހާ، އެމެރިކާގެ ގާޓްރޫޑް ވީވާ އުމުރުން 116 އަހަރުގައި މަރުވުމުންނެވެ.

އޭޕީ ނޫސް އެޖެންސީން ބުނި ގޮތުގައި ޓަލޭ މަރުވީ މިދިޔަ ބުދަ ދުވަހުގެ ރޭ، ދަންވަރުގެ ވަގުތެއްގަ އެވެ.

ޓަލޭ މަރުވުމާ އެކު، 1800ގެ އަހަރުތަކުގައި އުފަންވި ބަޔަކަށް މިހާރު ދުނިޔޭގައި ތިބީ އެންމެ ދެ މީހުންނެވެ. އެއީ އިޓަލީގެ އެމާ މޮރާނޯ އާއި އެމެރިކާގެ ސުޒާނާ މުޝަތު ޖޯންސް އެވެ.

އެއިގެ ތެރެއިން، ދުނިޔޭގައި މި ވަގުތު ހުރި އެންމެ އުމުރުން ދުވަސްވީ މީހާގެ ލަގަބު ލިބިފައި ވަނީ ސުޒާނާ އަށެވެ.