ގައުމީ އަދި ދީނީ ކަންކަމުގައި އެންމެން އެއްބައިވެ ގުޅިގެން މަސައްކަތް ކުރުމަށް ރައީސްގެ ނައިބު ފައިސަލް ނަސީމް ގޮވައިލައްވައިފި އެވެ.
އެމަނިކުފާނު މިކަމަށް ގޮވައިލެއްވީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނިގެން މިސްކިތްތަކުގައި ގުރްއާން ކިޔަވައިދިނުމުގެ މަޝްރޫއު އިފްތިތާހްކޮށްދެއްވުމަށް މާލެ އަތޮޅު މާފުށީގައި މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ނައިބު މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި، އިސްލާމްދީނުގެ ހިދާޔަތު ލިބުނުތާ އެތައް އަހަރެއް ވެގެން ގޮސްފައިވާއިރު، އަޅުގަނޑުމެން އިންސާނުންނަށް މި ބިންމަތީގައި މާތްﷲ ދެއްވައިފައިވާ އެންމެ މަތިވެރި އިސްލާމް ދީނުގެ ހިދާޔަތު އަޅުގަނޑުމެންނަށް ލިބިގެން ދިޔުމަކީ މަތިވެރި ނިޢުމަތެއް ކަމުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
މިމޭރުމުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވި ގޮތުގައި، އަޅުގަނޑުމެން އިސްލާމީ ވަންތަކަމުގައި ތާއަބަދު ދެމިތިބުމަށް ކުރަންޖެހޭ އެންމެ ބޮޑު މަސައްކަތަކީ މާތްﷲގެ ކަލާމްފުޅު ކަމުގައިވާ ކީރިތި ގުރްއާނުގައި އަންގަވާފައިވާ ގޮތަށް އުޅުންކަމުގައި ރައީސްގެ ނައިބު ވިދާޅުވިއެވެ. ދިވެހިންނަކީ އެފޮތް އުނގެނޭ ބަޔަކަށް ވާންޖެހޭކަމަށާއި އެފޮތުގައި ބަޔާންކުރައްވާފައިވާ ކަންތައްތަކުގައި ހިފަހައްޓައިގެން ތިބިހާ ހިނދަކު އެއްވެސް އިންސާނަކު ގެއްލުލުމާއި ހަލާކުގެ ތެރެއަށް ވެއްޓިގެން ނުދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ނައިބު އިތުރަށް ދެއްކެވި ވާހަކަފުޅުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އިސްނެންގެވުމާއެކު މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ އިސްލާމީ ވަންތަކަން ދިވެހިންގެ ތެރޭގައި ހިފެހެއްޓުމާއެކު އިސްލާމީ ރިވެތި އަހްލާގު ހުރިހާ ދިވެހިންގެ މެދުގައި ދެމެހެއްޓުންކަމުގައި ހާމަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ރައީސްގެ ނައިބުގެ އަރިހުގައި އިސްލާމިކް މިނިސްޓަރު އަހްމަދު ޒާހިރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.