ހަބަރު

ރައީސްގެ މެންބަރުގެ ގޮތުގައި މަސްތޫގު ޖޭއެސްސީއަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މެންބަރެއްގެ ގޮތުގައި ގާނޫނީ ވަކީލް މަސްތޫރު ހުސްނީ ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީއަށް އައްޔަން ކުރައްވައިފި އެވެ.

މީގެކުރިން ރައީސްގެ މެންބަރުގެ ގޮތުގައި ޖޭއެސްސީގައި އިންނެވީ އަހުމަދު ސަލީމް، ރޭނިސް ސަލީމެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ ރައީސް އަބްދުﷲ ޔާމީނެވެ. ރައީސް ސޯލިހު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އޭނާ ވަނީ މަގާމުން ދުރުކޮށްފަ އެވެ.

ރޭނިސް ސަލީމް އެ މަގާމަށް އައްޔަން ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ފައިސަލަށް ހައިކޯޓުގެ ފަނޑިޔާރުކަން ލިބުމުން މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ޖޭއެސްސީގެ މެންބަރު ކަމަށް މަސްތޫރު ހުސްނީ މިއަދު އައްޔަން ކުރެއްވުމުގެ ކުރިން، ޖޭއެސްސީގެ މެންބަރު ކަމުގެ ހުވައި، މަސްތޫރު، ރައީސްގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. މަސްތޫރު ހުސްނީއަށް ހުވައިލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ. މިރަސްމިއްޔާތުގައި ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް މަސްތޫރު ހުސްނީއާ ވަނީ ހަވާލުކުރައްވައިފައެވެ.