ހަބަރު

ބޭރަށް ހިންގުމާއި ޑެންގީ ފެތުރޭތީ ސަމާލުވޭ!

މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުގައި ބޭރަށް ހިންގުމާއި ޑެންގީ ހުން ފެތުރޭތީ ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން އިން އިލްތިމާސްކޮށްފި އެވެ. އަދި އެހެން އަހަރުތަކުގައިވެސް މިދުވަސްވަރު އާއްމު ރޯގާތައް ފެތުރޭތީ އެކަމަށް ސަމާލުވުމަށް ވަނީ އެދިފަ އެވެ.

ބޭރަށް ހިންގުމާއި ހޮޑުލުން އާއްމުކޮށް ފެތުރެނީ ކާބޯތަކެތީގެ ޒަރިއްޔާއިންނެވެ. އެޗްޕީއޭއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ވޭތުވެދިޔަ ދެ ހަަފްތާ ތެރޭގައި 1666 ކޭސް އެ އޭޖެންސީއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އެހެން އަހަރުތަކާ ބަލާފައި މި އަދަދު އިތުރުވަމުން ދާތީ މި ކަމަށް ސަމަލުވުމަށްޓަކައި ރައްކާތެރި ސާފު ބޯފެން ބޭނުން ކުރުމަށާއި ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުމަށް ސަމާލުވުމަށް ވެސް ވަނީ އެދިފަ އެވެ.

މީގެ އިތުރުން، ޑެންގީ ހުން އިތުރުވަމުންދާތީ މަދިރި ހެފުމުން ރައްކާތެރި ވުމުގެ ގޮތުން އާއްމުކޮށް މަދިރި އާލާވާ ތަންތަން ސާފު ކުރުމަށް ވަނީ އެދިފަ އެވެ. ފެން ހަރުލާފަދަ ކުނި ރަށުތެރެއަށް އުކާ ނުލުމަށާއި އެ ތަކެތި ރައްކާތެރި ގޮތުގައި ނައްތާލުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރެ އެވެ. އަދި ޑެންގީ ހުން ޖެހިގެން ވޭތުވެދިޔަ ދެ ހަފްތާގައި ވަނީ 186 ކޭސް ރިޕޯޓު ކޮށްފަ ކަމަށް އެ އޭޖެންސީ އިން ބުނެ އެވެ.

ބޭރަށް ހިންގުމާއި ޑެންގީ ހުން ޖެހޭ މިންވަރު ކޮންމެ އަހަރަކުވެސް މިދުވަސްވަރު އިތުރުވާތީ މި ބަލިތަކަށް ސަމާލުވުމަށް ވަނީ އެދިފަ އެވެ.