ދުނިޔެ

ދުނިޔޭގެ ފުރަތަމަ ޔޯގާ ދުވަސް: މޯދީއާ އެކު ރެކޯޑަކާ ދިމާއަށް

Jun 21, 2015

ބައިނަލްއަގުވާމީ ފުރަތަމަ ޔޯގާ ދުވަސް ފާހަގަކުރުމަށް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިސްކޮށް ހުންނަވައިގެން އެ ގައުމުގައި ބޭއްވި ހަރަކާތް ދުނިޔޭގެ ރެކޯޑެއް ގާއިމްކުރާނެ ކަމަށް ބެލެވިއްޖެ އެވެ.

ކޮންމެ ޖޫން 21 އަކީ ބައިނަލްއަގުވާމީ ޔޯގާ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް އދ. ގެ ސަލަމާތީ މަޖިލީހުން ވަނީ ދާދި ފަހުން ނިންމާފަ އެވެ. އެއީ އިންޑިއާ ސަރުކާރުން، ހާއްސަކޮށް ބޮޑުވަޒީރު މޯދީ އަމިއްލަފުޅަށް ވެސް ވަރަށް ބޮޑަށް ބާރު އަޅުއްވައިގެން، ނިންމި ނިންމުމެކެވެ.

އެ ގޮތަށް ނިންމުމަށް ފަހު، މިއަދު ފާހަގަކުރާ ފުރަތަމަ ޔޯގާ ދުވަހުގެ މައި ހަރަކާތް އޮތީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ރާޖުޕަތުގަ އެވެ. ސަލާމަތީ ފިޔަވަޅުތައް ވަރަށް ބޮޑަށް ވަރުގަދަކޮށްގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގެ އެންމެ ކުރީ ސަފުގައި ބޮޑުވަޒީރު ހޯދީ ހުންނެވިއިރު، ޖުމްލަ 35،000 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ.

އެއާ އެކު، 35 މިނިޓުގެ މި ޔޯގާ ސެޝަނަކީ އެއް ވަގުތަކު އެއް ތަނެއްގައި ބޭއްވި އެންމެ ބޮޑު ޔޯގާ ކްލާހަށް ވުމުގެ ފުރުސަތު ބޮޑެވެ. ދުނިޔޭގެ ރެކޯޑުތައް ބަލަހައްޓާ ގިނިސްގެ އޮފިޝަލުން ބުނި ގޮތުގައި އެ ރެކޯޑް ހޯދުނުތޯ ކަށަވަރު ވުމުގެ މަސައްކަތް އެ އިދާރާ އިން މިހާރު ދަނީ ކުރަމުންނެވެ. އަދި އެކަން ފަހުން އިއުލާން ކުރާނެ ކަމަށް ވެސް ބުންޏެވެ.

ވެރިރަށް ދިއްލީގެ އިތުރުން، އެތައް ހާސް ބަޔަކު ބައިވެރިވާ ޔޯގާގެ ހަރަކާތްތަކެއް އިންޑިއާގެ އެހެން ސަރަހައްދުތަކުގައި ވެސް ދަނީ ބާއްވަމުންނެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް އެ ދުވަސް ދަނީ ފާހަގަކުރަމުންނެވެ. އެ ގޮތުން، ނިއު ޔޯކުގެ ޓައިމްސް ސްކެއާގައި ބާއްވާ ޔޯގާ ހަރަކާތުގައި އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާން ކީ މޫންއާ އެކު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިްޓަރު ސުޝްމާ ސްވަރާޖު ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

ޔޯގާ އަށް ހާއްސަ ދުވަހެއް ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރަން ފަށާފައި ވަނީ "ސުލްހަ މަސަލަސްކަން" ޕްރޮމޯޓް ކުރުމަށް ކަމަށް ބުނެ އެވެ. އެކަމަކު، އެއީ ހިންދޫންގެ ޒަމާންވީ ދީނީ އާދަކާދައެއް ޕްރޮމޯޓް ކުރަން ކުރާ ކަމެއްގެ ގޮތުގައި ސިފަކޮށް، ބައެއް މުސްލިމް ޖަމާއަތްތަކުން ދަނީ "އިސްލާމް ދީނާ ހިލާފު" އެ ހަރަކާތްތަކުގައި ބައިވެރި ނުވުމަށް މުސްލިމުންނަށް ބާރުއަޅަމުންނެވެ.