ހަބަރު

އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް ދެ ދުވަސް ތެރޭ އިއުލާން ކުރަނީ

އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އިއުލާން ކުރައްވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ފުރަތަމަ 30 ދުވަހުގެ ތެރޭގައި ކުރުމަށް ނިންމާފައިވާ ކަންތައްތަކުގެ ތެރެއިން ފަސް ކަންތައް ނިމިފައިވާ ކަމަށެވެ. ހަމައެކަނި ނުނިމިވަނީ އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރުން އެކަނި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އެކަމާ ގުޅޭ ގޮތުން އައިލޭންޑް އޭވިއޭޝަނާއި ސިވިލް އޭވިއޭޝަނާ ގުޅިގެން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އެކަން ކުރުމަށް ވަކި ތައާވަލްއެއް ރޭވިފައިވާ ކަމަށާއި މިނިސްޓްރީން ކުރަންޖެހޭ ކަންކަމުގެ 60 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ހަ ކަންތަކުގެ ތެރެއިން ފަސް ކަންތައް ނިމި، ކުރިއަށް އޮތް ދެދުވަހުގެ ތެރޭގައި އެކަން ހާމަ ކުރެވޭނެ، އަގުތައް އިއުލާން ކުރިނަމަވެސް އަގުތަކަށް އަމަލު ކުރެވެން ނުފެށޭނެ، އެކަމަށް އަމަލު ކުރެވެން ދެހަފްތާ ނުވަތަ ތިން ހަފްތާވަރު ނަގާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އަގުތައް މާދަމާވެސް އިއުލާން ކުރެވިދާނެ ކަމަށެވެ. ނަމަވެސް އެ އަގުތައް އަމަލުކުރަން ފެށުމުގެ ކުރިން ގުޅުންހުރި ކުންފުނިތަކާ މަޝްވަރާކޮށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ދުވަސް ނަގާނެ ކަމަށެވެ. އެންމެ ގިނަ ވެގެން ވެސް ދޭއް ނުވަތަ ތިން ހަފްތާވަރު އަމަލުކުރަން ފަށަން ނަގާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދެކެވެ. އެގޮތުން އެކަމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވަން ނިންމަވާފައިވާ ކަމެކެވެ.