އޮޅުވާލައިގެން ރެޖިސްޓާކޮށްފައިވާ އުޅަނދުތަކުގެ ރެޖިސްޓްރޭޝަން ބާތިލް ކުރަން ޓްރާސްޕޯޓް މިނިސްޓްރީން ނިންމައިފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވީ، އޮޅުވައިލައިގެން އެއް ގަރާޖެއްގެ ނަމުގައި އެތައް ވެހިކަލެއް ރަޖިސްޓްރީކުރުމުގެ މައްސަލަ ފާހަގަކުރެވިފައިވާ ކަމަށެވެ. އެފަދަ ކަންކަން ބެލުމަށް މިނިސްޓްރީގެ ފަރާތުން ޓީމުތައް ވަރަށް އަވަހަށް ނުކުންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އެކަން ބެލުމަށް ފަހު މައްސަލަތައް ހުރި ވެހިކަލްތަކުގެ ރަޖިސްޓްރީ އަޅުގަނޑުމެން ބާތިލުކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، މި ފަދަ މައްސަލަތަކުގައި ޓްރާންސްޕޯޓު އޮތޯރިޓީގެ މުވައްޒަފުންގެ ބައިވެރިވުން އޮތް ކަމަށް ފާހަގަކުރެވިފައިވާ ކަމަށާއި ނަމަވެސް އެއީ ކޮންމެ ފެންވަރެއްގެ މީހެއް ނަމަވެސް ތަހުގީގުކުރައްވައި ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވަން ނިންމާފައިވާ އިތުރު ކަންކަަން ހާމަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، މާލޭގައި ކާރާއި ޕިކަޕްތަކާއި ސައިކަލްތަކާއި ލޮރީތަކަށް ވަކި ޕާކިން އޭރިއާތަކެއް ޒޯން ކުރެވޭނެ ކަމަށެވެ. އަދި އެކަމުގެ ޕްލޭން މިހާރު ނިމިފައިވާ ކަމަށާއި ޒޯންތައް ވެސް ކަނޑައަޅާފައިވާ ކަމަށެވެ. މިހާރު އެކަން ވަނީ ޕްލޭނިން މިނިސްޓްރީއާ ހަވާލުކުރެވިފައި ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، އެއްގަމު ގާނޫނާއި ގަވާއިދު ހަރުދަނާ ކުރުމަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް އެޓާނީ ޖެނެރަލްގެ އޮފީހަށް މިހާރު ފޮނުވާފައިވާ ކަމަށެވެ. އަދި އެބަދަލުތައް އޭޖީއިން ބަލައި މާދަމާ ނަމަވެސް އެގާނޫނު މަޖިލީހަށް ވައްދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މާލޭގައި ދުއްވާ ޓެކްސީގެ ހާލަތުތައް ރަނގަޅުކުރަން ޖެހޭ ކަމަށާއި އެގޮތުން 20 ނުވަތަ 15 އަހަރު ދުވަހު ބޭނުންކުރާ ކާރްތައް އުވާލަން ވިސްނަމުން ގެންދާ ކަމަށެވެ. އެކަން ކުރިއަށް ގެންދާނީ ކާރް ދުއްވާ ޑްރައިވަރުންނާއި މަޝްވަރާ ކޮށްފައި އެންމެ ރަނގަޅު ގޮތަށް ކަމަށެވެ. އަދި ތިމާވެއްޓާއި ގުޅުން ހުރި ވެހިކަލްތައް ތައާރަފް ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.