ހަބަރު

ޒަމީރު މާދަމާވެސް ފުލުހަށް ހާޒިރު ކުރަނީ

ނިމިގެންދިޔަ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ދެވަނަ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ފުލުހުން އިދާރާއަށް ހާޒިރު ކުރުމަށްފަހު އަނެއްކާވެސް މާދަމާ ހާޒިރުވުމަށް އަންގައި ދޫކޮށްލައިފި އެވެ.

ޒަމީރު ފުލުހަށް ހާޒިރުކޮށްފައިވަނީ މިއަދު ހަވީރު 4:00 ގައި އެވެ. އޭނާ ހާޒިރު ކުރީ ފުލުހުން ބަލަމުންދާ އެމްއެމްޕީއާރްސީއާ ގުޅޭ މައްސަލައަކާ ގުޅިގެންނެވެ.

ގާތްގަނޑަކަށް 45 ވަރަކަށް މިނެޓް ފުލުހުންގެ އިދާރާގައި ހޭދަކުރެއްވުމަށްފަހު ނުކުމެވަޑައިގެން ޒަމީރު މީޑިއާއަށް ވިދާޅުވީ އަނެއްކާވެސް މާދަމާ ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގަވާފައިވާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ހިއްސާއެއް ނުކުރެ އެވެ. އެހެންކަމުން އޭނާ މިއަދު ފުލުހަށް ހާޒިރުކުރި ސަބަބު ސާފުވާގޮތް ވަނީ ނުވެފަ އެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލައަކީ ޓޫރިޒަމް މިނިސްޓަރު ކަމުގައި އަހުމަދު އަދީބު ހުންނެވިއިރު ހިނގައިދިޔަ ކަމެކެވެ. އެ މައްސަލާގައި އޭނާއަށް ކުށް ވެސް ވަނީ ސާބިތުވެފަ އެވެ.

އެ ހިޔާނާތުގެ ހަގީގަތް ހޯދައި، ގެއްލުނު 1.2 ބިލިއަން ރުފިޔާ އަނބުރާ ހޯދުމަށް މަަސައްކަތް ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.